މާތްވެގެންވާ ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލަން އެމެރިކާއިން މިދިޔަ އަހަރު ނިންމި ނިންމުމާ އެއްގޮތަށް އަންނަ މޭމަހު އެ ގައުމުގެ އެމްބަސީ އެ ރަށުގައި ހުޅުވަން އެމެރިކާއިން ނިންމައިފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ގުދުސްގައި އެމްބަސީ ހުޅުވާނީ އިޒްރޭލް އުފެއްދިތާ 70 އަހަރު ފުރޭ ދުވަހާ ދިމާކޮށް ކަމަށެވެ. ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ހީދާ ނައުއާޓާއާ ހަވާލާދީ ރޮއިޓާސް އިން ބުނީ ގުދުސުގައި އެމްބަސީ ހުޅުވުމަށް ފުރަތަމަ ބޭނުން ކުރާނީ އެރަށުގައި މިހާރު ހުރި އެމެރިކާގެ ކޮންސިއުލާ ފެސިލިޓީއެއް ކަމަށެވެ. ދާއިމީ އެމްބަސީއެއް އަޅާނެ ތަނެއް މިހާރު ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލަން އެމެރިކާއިން ނިންމި ދުވަހުން ފެށިގެން ފަލަަސްތީނު ރައްޔިތުން ދަނީ އެކަމާ ނުރުހުން ފާޅުކޮށް މުޒާހަރާތައް ކުރަމުންނެވެ. އަދި އެމެރިކާގެ އެމްބަސީ އަންނަ މޭމަހު އެރަށުގައި ހުޅުވާނެކަން އެނގުމުން ފަލަސްތީނު މީހުން އިއްޔެވެސް ވަނީ ވަރުގަދަ މުޒާހަރާތަކެއް ކޮށްފަ އެވެ.
ގުދުސަކީ މުސްލިމުންނާއި ނަސޯރާއިންގެ ވެސް މުގައްދަސް ރަށެކެވެ. މުސްލިމުންގެ ތިން ވަނައަށް އެންމެ މުގައްދަސް މިސްކިތް ކަމަށްވާ މަސްޖިދުލް އަގުސާ ހުންނަނީ އެ ރަށުގަ އެވެ. ފަލަސްތީނުގެ ބިންތައް ފޭރިގަނެ އިޒްރޭލްގެ ނަމުގައި 1948 ވަނަ އަހަރު އުފެއްދި ޔަހޫދީ ދައުލަތުގެ ބާރުގެ ދަށަށް މުޅި ގުދުސް ގެންދިޔައީ 1967 ވަނަ އަހަރު ކުރި ހަނގުރާމައިގަ އެވެ. އޭގެ ފަހުން އެރަށުގެ އަސްލު ވަޒަންވެރިން ކަަމަށްވާ އަރަބީން ބޭރުކޮށް ޔަހޫދީން އާބާދު ކުރުމުގެ މަސައްކަތް ކެނޑިނޭޅި ދަނީ ކުރަމުންނެވެ. އެކަން ހުއްޓުވުމަށް އިސްލާމީ ގައުމުތަކުން އެއްވެސް މަސައްކަތެއް ނުކުރެ އެވެ. ކުރާހާ ވެސް ކަމަކީ ކުށްވެރިކޮށް ވާހަކަ ދެއްކުމެވެ.