ޑރ. އަހުމަދު ޒިޔާދު ބާގިރު

އިމްރާން ދޫކުރަން ގޮވާލީ މުޅިން އިލްމުވެރިންތޯ ސުވާލު އުފައްދައިފި

Feb 24, 2018
22
  • އިލްމުވެރިން ނޫން މީހުން ވެސް ހިމެނޭ
  • ކިޔަވާ ކުދިންނާއި މުދިމުން ހިމެނޭ
  • ކަން ހިނގާފައިވާ ގޮތް ބަލައި ފިޔަވަޅު އަޅާނެ

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޖަލުން މިނިވަންކޮށް ދޫކޮށްލުމަށް 40 އިލްމްވެރިޔަކު ގޮވާލައްވާފައިވާތީވެ، އެކަން ބަލައި މިނިސްޓްރީގެ ފަރާތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ވަނީ އިލްމުވެރިން ކަމަށް ބަލާފައިވާ 40 ނަމުގެ ތެރޭގައި ހިމެނޭ ބައެއް ނަންތަކާ މެދު ސުވާލު އުފައްދަވާފަ އެވެ.

މިނިސްޓަރު ޒިޔާދު މިއަދު "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިމްރާން ދޫކޮށްލުމަށް ގޮވާލައި ނެރުނު ބަޔާނުގައި މިސްކިތްތަކުގެ އިމާމުންނާއި ބައެއް ދީނީ އިލްމުވެރިން ވެސް ހިމެނޭ ކަމަށެވެ. އަދި އޭގެ ތެރޭގައި ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ބައެއް ދަރިވަރުން ވެސް ހިމަނާފައިވާ ކަމަށެވެ. އެކަންކަން ބަލަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އިމްރާން ދޫކޮށްލަން ގޮވާލި ބަޔާނުގައި ދީނީ އިލްމުވެރިންގެ ތެރޭގައި ނުހިމެނޭ ބައެއް ފަރާތްތައް ވެސް ދީނީ އިލްމުވެރިންގެ ގޮތުގައި ހިމަނާފައިވާ ކަމަށާއި އެކަމަކީ ވަކި އުސޫލުތަކަކާއި ގާނޫނެއްގެ ދަށުން ކުރެވޭނެ ކަަމެއް ކަމަށެވެ. އަދި ވަކި މީހަކަށް އެފަރާތަކީ ދީނީ އިލްމުވެރިއެއް ކަމަށް ކަނޑައެޅުމުގެ އެއްވެސް އިހުތިޔާރެއް ގާނޫނު ނުދޭ ކަމަށާއި އެކަން ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބައެއް އިމާމުން ވެސް ހިމެނާފައިވޭ، އެމައްސަލަ ބަލަމުން މިދަނީ، ގާނޫނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެކަން ބަލަމުން މިގެންދަވަނީ، ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާން ދޫކޮށްލުމަށް 40 އިލްމުވެރިއަކު ސޮއި ކުރައްވާ ނެރުނު ބަޔާނުގައިވަނީ އިމްރާންގެ މައްޗަށް އިއްވި ހުކުމްގައި ހުރި ކަމަށް އެ ފަރާތްތަކަށް ފެންނަ ގިނަ މައްސަލަތަކެއް ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން ބަޔާނުގައި ބުނެފައިވަނީ ޖިނާއީ ދައުވާއެއް ކުރުމާއި ޝަރީއަތް ހިންގުމުގައި އަސާސީ މިންގަަނޑުތަކާ އަރައިރުންވާ ކަންކަން އިމްރާންގެ މައްސަލާގައި ހިމެނޭ ކަމަށެވެ.

އިމްރާންގެ މައްޗަށް ކުށް ސާބިތުކޮށްފައިވަނީ ސިއްރު އިންޓެލިޖެންސް ރިޕޯޓަކާއި ސިއްރު ހެކިންތަކެއްގެ މައްޗަށް ބިނާކޮށްކަން ފާހަގަ ކުރަމުން ބަޔާނުގައި ބުނެފައިވަނީ ޖިނާއީ މައްސަލަތައް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ކުރަން އޮންނަ އިސްލާމީ ޝަރީއަތުގެ މިންގަނޑަށް އެކަންކަން ނުފެތޭ ކަމަށެވެ. އަދި ކުށް ސާބިތު ކޮށްފައިވަނީ އިސްލާމީ ޝަރީއަތުގެ މިންގަނޑާ އެއްގޮތަށް ކަމަށް ގަބޫލު ކުރެވޭނެ ޖާގައެއް ނެތް ކަމަށެވެ.

އޭގެއިތުރުން އިމްރާން ހަމަނުޖެހުމަށް ހިތްވަރު ދެއްވިކަން ސާބިތު ރުމަށްޓަކައި އޭނާ ދެއްކެވި ވާހަކަތަކުގެ ނުރަނގަޅު ތައުވީލުތައް އުފައްދައިގެން ހުށަހަޅާފައިވާ ކަމާއި ސާފު ސަރީހަ އިބާރާތުން ތަކުރާރުކޮށް ހަމަޖެހުމާއި ސުލްހަވެރިކަމާއި އަމާންކަން ނަގާނުލުމަށް އެތައް ފަހަރެއްގެ މަތީން ގޮވާލާފައިވާ ގޮވާލުމަށް ރިއާޔަތް ކޮށްފައި ނުވާކަން އިލްމްވެރިން ފާހަގަކޮށްފައިވެ އެވެ.

މޭޑޭގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ ސާބިތުކޮށް 12 އަހަރަށް ޖަލަށް ލާފައިވާ އިމްރާން ދޫކޮށްލުމަށް އދ. ގެ ވޯކިން ގްރޫޕުން ވެސް ވަނީ ގޮވާލާފަ އެވެ.