އެސްޓީއޯ

އެސްޓީއޯގެ "އެމްޑީ" ގެ ފަހަތަށް "ސީއީއޯ"

  • ޕްރޮކްސީ އޮޅުވާލާތީ ބޮޑު ބަދަލެއް
  • ބޯޑު ޖަލްސާގެ ކޯރަމް ހަތަރަށް
  • އިތުރު ގިނަ ބަދަލުތަކެއް ގެނައި

އެސްޓީއޯ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ނަމުގެ ފަހަތަށް، ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މަގާމު ހިމަނައި، އެ ކުންފުނީގެ ހިންގާ ގަވާއިދަށް ބޮޑު ބަދަލެއް ގެންނަން ނިންމައިފި އެވެ.

ސަރުކާރާއި ރައްޔިތުންގެ ހިއްސާވާ އެސްޓީއޯގެ ހިންގާ ގަވާއިދަށް ބަދަލު ގެނެސް މިހާރުވަނީ ހިއްސާދާރުންނަށް މި ބަދަލު ފެންނާނެ ގޮތަށް އާއްމު ކޮށްފަ އެވެ.

އެސްޓީއޯއިން ބުނެފައިވާ ގޮތުގައި "އެމްޑީ" ނަމުގެ ފަހަތަށް "ސީއީއޯ" ނަން ހިމަނަން ނިންމީ ސީއެމްޑީއޭގެ ކޯޕަރޭޓް ގަވަނަންސް ކޯޑާ އެއްގޮތަށް ގަވާއިދު ބަދަލު ކުރުމަށެވެ. މި ބަދަލާއެކު މިހާރު އެމްޑީގެ މަގާމުގައި ހުންނެވި އަހުމަދު ޝަހީރުގެ މަގާގު ފަހަތަށް "އެމްޑީ" އަދި "ސީއީއޯ" އިތުރު ވެގެންދާނެ އެވެ.

އެސްޓީއޯގެ ހިންގާ ގަވާއިދަށް ގެނެސްފައިވާ އެހެން، ބަދަލުތަކުގެ ތެރޭގައި ބައެއް އާ ބަސްތައް މާނަ އިތުރަށް ތަފްސީލް ކޮށްދިނުން ހިމެނެ އެވެ. މިގޮތުން 20 ވަނަ މާއްދާ އާއި 21 ވަނަ މާއްދާ އަދި 22 ވަނަ މާއްދާ ވަނީ އިތުރަށް މާނަ ކޮށްދީފަ އެވެ. މިސާލަކަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒޭޝަން ބޯޑު އަދި މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ފަދަ ބަސްތައް ހިމެނެ އެވެ.

މީގެ އިތުރުން، ބަދަލު ގެންނަން ނިންމާފައިވަނީ އަނެއް މާއްދާއަކީ އެސްޓީއޯ ޑިރެކްޓަރުގެ ބޯޑުގެ ޖަލްސާގެ ގާނޫނީ އަދަލު ކަނޑައަޅަން އޮތް މާއްދާ އެވެ. ކުރިން އޮންނަ ގޮތުން ބޯޑުގެ ޖަލްސާއެއްގެ ކޯރަމް ހަމަވާނީ އެގްޒެކެޓިވް ޑިރެކްޓަރުންގެ ތެރެ އިން ބޯޑުގައި ހިމެނޭ މީހަކާއެކު އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުންގެ އަގުލަބިއްޔަތުން އެ ޖަލްސާއަކަށް ހާޒިރު ވުމުންނެވެ. ނަމަވެސް ގެނައި އިސްލާހާއެކު ބޯޑުގެ ކޯރަމްއަކީ އެގްޒެކެޓިވް ޑިރެކްޓަރުން ބޯޑުގައި ހިމެނޭ ޑިރެކްޓަރަކާއެކު ހަތަރު ޑިރެކްޓަރުން ތިބުމެވެ.

އެސްޓީއޯ ބޯޑުގައި މިހާރު ހިމެނިވަޑައި ގަންނަވަނީ ޗެއާމަން ހުސެއިން ސާލިމް މުހައްމަދުގެ އިތުރުން އެމްޑީ އަހުމަދު ޝަހީރު އާއި ސީއެފްއޯ މުހައްމަދު މިހާދު އަދި ޑިރެކްޓަރު އާމިރު މަންސޫރު އާއި އައިޝަތު ރަފިއްޔާ އަދި މަރިޔަމް ޒާހިޔާގެ އިތުރުން އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރު މުހައްމަދު ފިރުސަތު އެވެ.

އެ ކުންފުނީގެ ހިންގާ ގަވާއިދަށް ގެނެސްފައިވާ އެހެން ބަދަލުތަކުގެ ތެރޭގައި ތެރޭގައި ހިއްސާގެ ސެޓްފިކެޓް ދޫކުރުމާއި އާއްމު ޖަލްސާއަށް ދުވަހުގެ ނޯޓިސް ދިނުން އަދި ފަދަ މާއްދާތައް އިތުރު ކުރުން ހިމެނެ އެވެ.

ގިނަ އަދަދެއްގެ ދިވެހިންގެ ހިއްސާ އޮންނަ އެސްޓީއޯގެ ގަވާއިދަށް ގެންނަ ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަ ކުރެވެނީ ހިއްސާދާރުން ހުށަހަޅާ ޕްރޮކްސީ އައްޔަން ކުރުން ހަރުދަނާ ކުރަން ގެނެސްފައިވާ ބަދަލެވެ.

އެސްޓީއޯ އިން ބުނެފައިވާ ގޮތުގައި ޕްރޮކްސީ ހުށަހަޅުމަށް ބަދަލު ގެނައުމުގެ މަގުސަދަކީ ޕްރޮކްސީ ހުށަހަޅުމުގައި މަކަރު ހެދުމާއި އޮޅުވާލުމުގެ އަމަލުތައް ހިންގާތީ އެކަންތައް މަދު ކުރުން ކަމަށެވެ. މީގެ އިތުރުން ވެސް އެސްޓީއޯއިން ވަނީ ހިންގާ ގަވާއިދަށް އިތުރު ބަދަލުތަކެއް ގެނެސްފަ އެވެ.

ރާއްޖެއަށް ތެލާއި ބޭސް އެތެރެކުރުމުގައި އެންމެ ލީޑިން ކުންފުންޏަކީ ރައްޔިތުންގެ 18.37 ޕަސެންޓާއި ސަރުކާރުގެ 81.63 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ.