ޑރ. މުހައްމަދު ޖަމީލް އަހުމަދު

ރާއްޖޭގެ ޑިމޮކްރަސީގައި އިންޑިއާ އިސްނަގަން ޖެހޭ: ޖަމީލު

ރާއްޖެއަށް ޑިމޮކްރަސީ އިއާދަކުރަން ބައިނަލް އަގުވާމީ މުޖުތަމައުން އެހީވާންޖެހޭ ކަމަށާއި އެކަމުގައި އިންޑިއާއިން އިސް ނަގަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.

އޭޝިއަން ނިއުސް އިންޓަނޭޝަަލް (އޭއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި ޖަމީލު ވިދާޅުވީ އެ މަސައްކަތް ކުރަންވާނީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ އިމުގެ ތެރެއިން ކަަމަށެވެ.

"މިކަހަލަ ހާލަތްތަކުގައި އަޅުގަނޑު ދެކޭ ގޮތުގައި ބައިނަލް އަގުވާމީ މުޖުތަަމައު އަންނަން ޖެހޭނެ އެހީވާން. ބައިނަލް އަގުވާމީ ގާނޫނުތަކުގައިވާ ނިޒާމުތަކުގެ ތެރެއިން. ރާއްޖެއަށް ޑިމޮކްރަސީ އިއާދަކުރަން ކުރާ މަސައްކަތްތަކުގައި އިސްނަގަން ޖެހޭނީ އިންޑިއާއިން ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ޖަމީލު ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

އޭނާ ވިދާޅުވެފައި ވަނީ ރާއްޖެ އާއްމު ހާލަތަށް ގެންނަން ރާއްޖޭގެ އެތެރޭން ކުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބުވެފައި ކަމަށެވެ. އެގޮތުން ރާއްޖޭގެ ޝަރުއީ ނިޒާމާއި ރައްޔިތުންގެ މަޖިލީހާއި ގާނޫނު އަސާސީން ގާއިމް ކޮށްފައިވާ އެހެން މުއައްސަސާތަކުން ވެސް އެ މަަސައްކަތް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

"އެހުރިހާ ތަނެއް ވަނީ ނުކުޅެދިފައި ރާއްޖެއަށް ގާނޫނީ ހުކޫމަތާއި ޑިމޮކްރަސީ އިއާދަކުރަން،" ޖަމީލު ވިދާޅުވެފައި ވެއެވެ.

ޖަމީލަކީ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު ރާއްޖޭގެ ރައީސް ކަމަށް 2013 ވަނަ އަހަރު އިންތިހާބު ކުރި އިރު އެމަނިކުފާނާއެކު ރައްޔިތުން އިންތިހާބު ކުރި ނައިބު ރައީސެވެ. އޭނާ މަގާމުން ވަކި ކުރީ ސަރުކާރަށް ސުޕަ މެޖޯރިޓީ އޮތް އިރު ރައްޔިތުންގެ މަޖިލީހުގައި ނެގި އިތުބާރު ނެތް ކަމުގެ ވޯޓަކުންނެވެ.

ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ގަޑުބަޑާ ގުޅިގެން އިންޑިއާއިން އަންނަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ގައުމުންނާއި އެހެން ގިނަ ގައުމުތަކުން އަދި ޔޫއެންއާއި އީޔޫ ފަދަ ޖަމާއަަތްތަކުން ވެސް ދިވެހި ސަރުކާރަށް ގޮވައިލަމުން ދަނީ ފެބްުރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށެވެ.