ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލްގެ 86 ޕަސެންޓް ނިންމައިފި

ޒަމާނީ ހޮސްޕިޓަލެއްގެ ގޮތުގައި މާލޭގައި ތަރައްގީ ކުރަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) މައި ހުރިހާ މަސައްކަތްތަކުގެ ބޮޑުބައި ނިންމާލައިފި އެވެ. މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި 25 ބުރިއަށް ބިނާ ކުރަމުން އަންނަ މި ހޮސްޕިޓަލަކީ މާލޭގައި ފުރަތަމަ ފަހަރަށް އިމާރާތް ކުރާ 25 ބުރީގެ އިމާރާތެވެ.

އައިޖީއެމްއެޗުން ލިބޭ ހިދުމަތްތަކަށް ފުރިހަމަކަމެއް ގެނެސްދީ ސިއްހީ ދާއިރާގެ ހިދުމަތްތަކަށް ދަރުމަވަންތަ ހޮސްޕިޓަލާއެކު ގިނަ ކުރިއެރުންތަކެއް އަންނާނެ އެވެ. އެއީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިއްހީ ދާއިރާއަށް ކުރާ އެންމެ ބޮޑު އެއް އިންވެސްޓްމަންޓްވެސްމެ އެވެ.

މިއީ 140 މިލިއަން ޑޮލަރުގެ އަގުބޮޑު އެ ހޮސްޕިޓަލް އެޅެކެވެ. މި ހޮސްޕިޓަލްގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަންއާ އެވެ.

އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓުގެ ޑިރެކްޓަރު އަހްމަދު މައުސޫމް މިއަދު ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގެ ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ 96 ޕަސެންޓް މިހާރު ނިންމާލާފައިވާ ކަމަށެވެ. އަދި ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިމޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ވެގެންދާނީ ރާއްޖޭގެ ސިއްހީދާއިރާއަށް އުންމީދީ ތަސައްވަރެއް ގެނެސްދޭނެ ހޮސްޕިޓަލަކަށް ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ.

ރާއްޖޭގައި ގާއިމްކުރާ ފުރަތަމަ މެޑިކަލް ކޮލެޖުގެ ބައެއް ވެސް ހިމެނޭގޮތަށް ތަރައްގީ ކުރާ ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިފައިވީ ނަމަވެސް އައިޖީއެމްއެޗްގެ ތަފާސްހިސާބަށް ބަލާއިރު ހޮސްޕިޓަލްގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވަނީ އެ މަސައްކަތް ކުރިއަށްގެންދަން ޕްލޭންކޮށްފައިވާ ޓައިމްލައިނަށްވުރެ ތަންކޮޅެއް ދަށް ސްޕީޑެއްގަ އެވެ.

ހޮސްޕިޓަލްގެ ކަރަންޓް މަސައްކަތްތަކާއި އެނޫންވެސް ސޮފްޓްވެއާ އިންސްޓޯލް ކުރުމުގެ މަސައްކަތްތަކުގެ 65 ޕަސެންޓް ނިމިފައިވާއިރު ފަރުނީޗަރާއި އެހެނިހެންވެސް މެޑިކަލް އިކުއިޕްމަންޓް ހޯދުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.

ޑީއެޗް ފަރުމާކޮށްފައިވަނީ އެތާނގެ ދެ ބުރިއެއްގައި މެޑިކަލް ކޮލެޖް ހިންގާ ގޮތަށެވެ. އަދި ހަ ބުރިއެއްގައި ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރު ހިންގާނެ އެވެ.

މިތަން ފަރުމާކޮށްފައި ވަނީ ލައިފް ސަޕޯޓް ސިސްޓަމް އިންސްޓޯލް ކުރާ ގޮތަށެވެ މީގެ އިތުރުން ވެސް ރޭޑިއޭޝަން ނުފެތުރޭ ގޮތަށް "ޝީލްޑް" ކުރުމާއި ސިއްހީ ފަރުވާދިނުމަށް ބޭނުންކުރާ ގޭސް ފަދަ ތަކެތި ރައްކާތެރިކަމާއެކު ބެހެއްޓޭނެ އިންތިޒާމެއް ހުންނާނެ އެވެ. އަދި ޗައިލްޑް ކެއާ ސެންޓަރަކާއި ޖިމާއި ރިހެބިލިޓޭޝަން ސުއިޓަކާއި ހައިޑްރޯ ތެރަޕީ ސުއިޓެއްގެ އިތުރުން ސްވިމިން ޕޫލެއް ވެސް އޮވެ އެވެ.

ޑީއެޗަށް ސަރުކާރުން ބޮޑު ހަރަދެއް ކުރާއިރު އެ މަޝްރޫއަށް މިއަހަރުގެ ބަޖެޓުގައި ވެސް 818 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.