ސީރިޔާ

އދ. ގެ ގަރާރަށް ފަހު ވެސް ޣޫތާއަށް ބޮން އެޅުން ހުއްޓައެއް ނުލި

ސީރިޔާގެ ވެރިރަށް ދިމިޝްގުގެ ކައިރީގައިވާ އިރުމަތީ ޣޫތާއަށް ހަމަލާ ދިނުން 30 ދުވަހަށް ހުއްޓަލައިން ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން އިއްޔެ ރޭ ފާސްކުރި ގަރާރަށް ފަހުގައި ވެސް ސީރިޔާއާއި ރަޝިޔާގެ މަތިންދާބޯޓުތަކުން އެ ރަށަށް ބޮން އަޅަމުން އެބަ ދެއެވެ.

އަލްޖަޒީރާ ބުނީ ވައިގެ ހަމަލާތަކުގެ އިތުރުން އެއްގަމު މަގުން ވެސް އެރަށަށް ހަމަލާތައް ދެމުންދާ ކަމަށެވެ.

ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ބާރުތަކާއި ރަޝިޔާއާއި އީރާނު ގުޅިގެން މި ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޣޫތާއަށް ދެމުންދާ ހަމަލާތަކުގައި މަރުވި އާއްމުންގެ އަދަދު އިއްޔެއާ ހަމައަށް ވަނީ 500 އަށް އަރާފައެވެ. އެ ހަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް މަރުވި އެވެ.

އިރުމަަތީ ޣޫތާގެ ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ އެހެން ތަންތަނުގެ ފަރާތުން ވާހަކަފުޅު ދައްވާ މުހައްމަދު ކަތޫބު އަލް ޖަޒީރާއަށް ވިދާޅުވެފައިވާ ގޮތުގައި އެރަށުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހޮސްޕިޓަލްތަކާއި އިންސާނީ އެހީދޭ އެހެން ތަންތަަނަށް ހަމަލާ ދިނުން ކަމަށެވެ. ތުރުކީގައި ހުންނަވައި އަލްޖަޒީރާއަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ކަތޫބު ވިދާޅުވެފައި ވަނީ އިމާރާތްތައް ވެއްޓިފައި ވާތީއާއި ކެނޑިނޭޅި ހަމަލާ ދޭތީ މީހުން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތް ކުރާ މީހުންނަށް ހަރަކާތްތެެރި ނުވެވޭ ކަމަށެވެ.

"މި ސަރަހައްދުގައި ޒަހަމްވާ މީހުންނަށް ފަރުވާ ކުރުމާއި ސިއްހީ ހިދުމަތް ބޭނުންވާ އެހެން މީހުންނަށް އިޖާބަ ދިމުގައި އަހަރެމެންގެ ހުރި ގާބިލު ކަން ފާއިތުވި ހަ ދުވަހުގެ ތެރޭގައި 40 ޕަސެންޓް ދަށަށް ހިނގައްޖެ،" އޭނާ ވިދާޅުވި ކަމަށް އަލްޖަޒީރާގެ ހަބަރުގައި ވެއެވެ.

އދ. ގެ ގަރާރު

ކުވައިތުން އިސް ނަގައި ސްވިޑުންގެ ތާއީދާއެކު އދ. ގެ ސަލާމަތީ މަޖިލީހަށް މދިއަ ހޮނިހިރު ދުވަހު ހުށަހެޅި ގަރާރުގެ ފުރަތަަމަ ދެލިކޮޕީގައި ބުނަނީ ގަރާރު ފާސްކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ހަމަލާ ދިނުން ހުއްޓައިލުމަށެވެ. ނަމަވެސް އަސަދު ސަރުކާރަށް މަދަދު ކުރާ ރަޝިޔާއަށް ސަލާމަތީ މަޖިލީހުގައި އޮންނަ ވީޓޯ ކުރުމުގެ ބާރުގެ ބޭނުން ކޮށްގެން ގަރާރު އެގޮތަށް ފާސްކުރިޔަ ނުދިނެވެ. އެހެެންވެ ބަދަލުތައް ގެނެސް އިއްޔެ ރޭ ފާސްކުރި އިރު ހަމަލާ ދިނުން ހުއްޓައިލަން ޖެހޭ ވަކި ދުވަހެެއް ގަރާރުގައި ކަނޑައަަޅާ ބުނެފައެއް ނެތެވެ.

އެގޮތަށް ގަރާރު ފާސްކުރުމަށް ފަހު އީރާނާއި ރަޝިޔާއާއި އަސަދު ސަރުކާރުން ބުނަމުން ދަނީ ޣޫތާއަށް މިހާރު ހަމަލާ ނުދޭ ކަމަށާއި މިހާރު ކުރިއަށް ގެންދަނީ ޓެރަރިސްޓުންނާ ދެކޮޅަށް ފެށި އޮޕަރޭޝަން ނިންމުމުގެ ގޮތުން ކުރާ މަސަކްކަތްތަކެއް ކަމަށެވެ.

ސޫރިޔާގައި ހިނގަމުންދާ ހަ އަހަރަށް ވުރެ ދިގުލީ ހަނގުރާމަ އަކީ ދާހިލީ ހަނގުރާމައެއް ކަމަށް ދުނިޔެއިން ސިފަ ކުރިޔަސް އެ ހަނގުރާމައިގައި އެމެރިކާ، ރަޝިޔާ، އީރާން، ތުރުކީ އަދި ބައެއް އަރަބިގައުމުތަކުން ވެސް ބައިވެރިވެއެވެ. އެހަނގުރާމައިގައި ހަލައްކައެއްހާ މީހުން މަރުވި އިރު އޭގެ ތެރޭގައި ގިނައީ އާއްމުންނެވެ. އެހަނގުރާމައިގެ ސަބަބުން އެތައް މިލިޔަން މީހުންނެއް ވަނީ ރެފިއުޖީންނަށް ވެފައެވެ.