ސަލްމާން ރަސްގެފާނު މިސްކިތް

ކިންގް ސަލްމާން މިސްކިތުގެ ތަނބުތައް ހަދަން ފަށައިފި

މާލޭގެ ހެންވޭރުގައި އާޓިފިޝަލް ބީޗުގެ އުތުރަށްވާ ގޮތަށް އިމާރާތް ކުރަން ފަށާފައިވާ ކިންގް ސަލްމާން މިސްކިތުގެ ތަނބުތައް ހެދުމުގެ މަސައްކަތްތައް ފަށައިފި އެވެ. ކިންގް ސަލްމާން މިސްކިތަކީ ސައުދީ ސަރުކާރުން ރާއްޖޭގައި އަޅައިދޭ މިސްކިތެކެވެ.

ސަރުކާރުގެ މުހިންމު ޕްރޮޖެކްޓްތައް ހިންގެވުމާ ހަވާލުވެ ހުންނަވާ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެފަދަ ޕްރޮޖެކްޓްތަކުގެ ތަފްސީލް ނޫސްވެރިންނާ ހިއްސާ ކުރެއްވުމުގެ ބަދަލުގައި އާދަވެ ދޫކޮށްލައްވަނީ ޓްވިޓާއަށެވެ. މިއަދު ހެނދުނު މިނިސްޓަރު މުއިޒު ވަނީީ ކިންގް ސަލްމާން މިސްކިތާބެހޭ ކުޑަކުޑަ އަޕްޑޭޓެއް ޓްވިޓާއަށް ދޫކޮށްލައްވާފަ އެވެ.

ވިދާޅުވެފައި ވަނީ "ކިންގް ސަލްމާން މިސްކިތުގެ ތަނބުތަކުގެ ހަދަން ފަށާފައިވާ" ކަމަށެވެ. މީގެ ހަފުތާއެއް ކުރިން ވެސް މިނިސްޓަރު ވަނީ ހަމަ އެގޮތަށް މިސްކިތުގެ އަޕްޑޭޓެއް ދެއްވާފަ އެވެ. އެ ފަހަރުގެ ޓްވީޓްގައި ވިދާޅުވީ، މިސްކިތުގެ "ފައުންޑޭޝަން ކޮންކްރީޓް މަސައްކަތްތައް ފެށިގެން ބާރަށް ކުރިއަށް ދާ" ކަަމަށެވެ.

މިނިސްޓަރު މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓް

މި މިސްކިތަކީ 41500 އަކަފޫޓުގެ ޖާގައެއްގައި 500 ދުވަހުން މަސައްކަތް ނިންމަންޖެހޭ މިސްކިތެކެވެ. އެ ޝެޑިއުލަށް މަސައްކަތް ގެންގޮސް މި އަހަރުގެ އޯގަސްޓްގައި މިސްކިތް ނިމޭނެ ކަމަށް ކުރިން ވަނީ ހައުސިން މިނިސްޓަރު ވިދާޅުވެފައެވެ.

ކިންގް ސަލްމާން މިސްކިތް

* މިސްކިތުގައި ހަ ފަންގިފިލާ
* އަރާފޭބުމަށް ލިފުޓް ހުންނާނެ
* އެއްފަހަރާ 10000 މީހުންނަށް ނަމާދުކުރެވޭނެ
* ލައިބްރަރީއަކާއި ކްލާސްރޫމްތައް ހުންނާނެ
* ސެމިނާ ރޫމްތައް ހިމެނޭނެ
* ވެހިކަލްތައް ޕާކު ކުރުމަށް 44100 އަކަ ފޫޓުގެ ޖާގައެއް

އެކުވެރި ސައުދީގެ ހިލޭ އެހީގައި ރާއްޖޭގައި އަޅާ އެންމެ ބޮޑު އަދި ރީތި މިސްކިތުގެ މަސައްކަތް ކުރަނީ ތުރުކީގެ ޓާމެކްސް ކުންފުނިންނެވެ. ޓާމެކްސް އަކީ މިފަދަ ބިޔަ މަސައްކަތްތައް ކުރުމަށް މަޝްހޫރު ކުންފުންޏެވެ. މި ކުންފުނިން ރާއްޖޭގައި ހިންގި އެންމެ ބޮޑު މަޝްރޫއަކީ ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލުގެ މަޝްރޫ އެވެ. މިސްކިތުގެ މަޝްރޫއަށް 24.95 މިލިއަން ޑޮލަރު ހޭދަކުރާނެ އެވެ.