ރައްޔިތުންގެ މަޖިލިސް

ކުއްލި ހާލަތު އޮތުމުން ކޮމެޓީއަށް މީޑިއާ ނުވެއްދި!

ކުއްލި ނުރައްކަލުގެ ހާލަތު އޮތުމުން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތް ކޮމެޓީ ބައްދަލުވުމަށް ނޫސްވެރިންނަށް ވަދެވޭ ގޮތެއް ނުވި އެވެ. ކޮމެޓީ އަޑު އަހުން ނޫސްވެރިން ދިއުމުން މަޖިލީހުގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން އަންގާފައި ވަނީ ކޮމެޓީއަށް އަދި ނުވަދެވޭނެ ކަމަށެވެ.

މަޖިލީހުގެ އާންމު ޖަލްސާތައް މިއަދު ފަށާފައިވާ އިރު، މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް މިއަދުގެ 11:00 އަށް ތާވަލުކޮށްފައި އޮތެވެ. އެ ބައްދަލުވުން އަޑު އަހަން ނޫސްވެރިން މަޖިލީހަށް ދިޔަ ނަމަވެސް މަޖިލީހުގެ ސެކިއުރިޓީން ވަނީ އެއްވެސް މީޑިއާއަކަށް މަޖިލީހަށް ނުވަދެވޭނެ ކަމަށް އަންގައިފަ އެވެ:

"މި ހާލަތުގައި އޮތީ މީޑިއާތަކަށް ވަދެވޭ ގޮތަކަށް ނޫން!"

މީޑިއާ މަޖިލީހަށް ނުވެއްދި ނަމަވެސް މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކޮމިޓީ ބައްދަލުވުންތަކައް އާންމު އުސޫލެއްގެ ގޮތުން ބަލަން ބޭނުންވާ މީހުންނަށް ވަދެވޭގޮތަށް ހުޅުވާލަންވާނެ އެވެ. ނަމަވެސް ކޮމިޓީ ސިއްރު ކުރަން ބޭނުން ނަމަ އެކަން އެ ބައްދަލުވުމުގައި ހުށަހަޅާ އަގުލަބިއްޔަތުން ފާސް ކުރަން ޖެހެ އެވެ. އެގޮތަށް ފާސް ކުރެވޭނީ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ މައުލޫމާތު ހިއްސާ ކުރާ ކޮމިޓީއެއް ނުވަތަ އާންމު ކުރަން އެކަށީގެން ނުވާ މައުލޫމާތު ބަދަލު ކުރާ ފަދަ ކޮމިޓީ ބައްދަލުވުމެކެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގައި އެޖެންޑާކޮށްފައި ވަނީ އޮޑިޓާ ޖެނަރަލް އޮފީސް އޮޑިޓު ކުރާނެ ފަރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމާއި ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ދައުލަތުގެ މެދުރާސްތާ ފިސްކަލް އަދި ލޯން ސްޓްރެޓަޖީއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ. އޭގެ އިތުރުން ނޫސްވެރިންގެ ކަންކަން ބަލާ، މޯލްޑިވްސް މީޑިއާ ކައުންސިލްގެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ފަދަ ކަންކަން ވެސް އެޖެންޑާކޮށްފަ އެވެ. މިއީ އާންމު ގޮތެއްގައި މީޑިއާތަކަށް ވެސް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެކެވެ.

އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ ރަސްމީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.