އަހުމަދު ނިހާން ހުސައިން މަނިކު

ރޮލެކްސް ގަޑި އެބައޮތް، ހޯދި ގޮތް ކިޔައިދޭނަން: ނިހާން

ރޮލެކްސް ގަޑިއެއް އަތްޕުޅުގައު އެބަ އޮތް ކަމަށާއި އެ ގަޑި ހޯއްދެއްވި ގޮތާބެހޭ ގޮތުން މައްސަލައެއް ހުށަހަޅުއްވައިފިނަމަ އެ ގޮތެއް ވިދާޅުވެ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ. ރޮލެކްސް ބްރޭންޑްގެ ގަޑިތަކަކީ ވަރަށް އަގު ބޮޑު ގަޑިތަކެކެވެ.

ނިހާން މިހެން ވިދާޅުވީ، ސޯޝަލް މީޑިއާ، ޓްވިޓާގައި އޭނާއަށް މީހަކު އަމާޒުކުރި ސުވާލަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. އެމީހާ ނިހާންއާ ސުވާލު ކޮށްފައިވަނީ "ބީއެމްޑަބްލިއު ކާރާއި ރޮލެކްސް ގަޑި ހޯދީ ކިހިނެއްތޯ" އެވެ.

އެ ސުވާލަށް ޓްވިޓާގައި ރައްދު ދެއްވަމުން ނިހާން ވިދާޅުވީ، އޭނާގެ އަތްޕުޅުގައި ރޮލެކްސް ގަޑިއެއް އޮންނަ ވާހަކައަކީ ތެދެއް ކަމަށެވެ. ނަމަވެސް ބީއެމްޑަބްލިއު ކާރެއް އޭނާގެ މިލްކުގައި ނޯންނަ ކަމަށެވެ.

"ގަޑި ހޯދި ގޮތް އެންޓި ކޮރަޕްޝަން ކޮމިޝަން، ކިޔައިދޭންނަން، މައްސަލަ ހުށަހަޅާފައި އަންގާލާ،" ނިހާން ވިދާޅުވެފައިވެ އެވެ.

ނިހާން މީގެ ކުރިން ވަނީ އޭނާގެ ގަޑީގެ ކަލެކްޝަންގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމު ކުރައްވާފަ އެވެ. އޭގެ ތެރޭގައި ރޮލެކްސް ގަޑި ވެސް ހިމެނެ އެވެ. ނަމަވެސް ނިހާންއަކީ އާންމުކޮށް ކާރުގައި އުޅުއްވާ ބޭފުޅެއް ނޫނެވެ.