ރައްޔިތުންގެ މަޖިލިސް

އިދިކޮޅުން މަޖިލީހަށް ނުވަންނާތީ ޕީޕީއެމުން ފާޑު ކިޔައިފި

އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މަޖިލީސް މެންބަރުން މަޖިލީހުގެ ތަޅުމަށް ވަޑައިގެން ޖަލްސާގައި ބައިވެރިވެވަޑައި ނުގެންނެވި ނަމަވެސް ހާޒިރީ ފޮތުގައި ސޮއި ކުރައްވާ ކަމަށާއި އެއީ އެ މެންބަރުންގެ ޒިންމާދާރުކަން ކުޑަކަން ހާމަވާ ކަމެއް ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕީޖީ ގްރޫޕް ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާއަށް އިދިކޮޅު އެއްވެސް މެންބަރަކު ހާޒިރުވެވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް އެ މެންބަރުން މަޖިލީހަށް ވަޑައިގެން ހާޒިރީ ފޮތުގައި ސޮއި ކުރެއްވި ކަމަށާއި އޭގެ އިތުރުން ކޮމިޓީ ބައްދަލުވުންތަކުގައި ވެސް އެ މެންބަރުން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެއީ އެއީ އެއްވެސް މަސައްކަތެއް ނުކޮށް މުސާރަތަކާއި އެލަވަންސްތައް ހޯއްދެވުމުގެ ބޭނުމުގައި ކުރައްވާ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ނިހާން ވިދާޅުވި އެވެ.

"އެއް ކޮމިޓީއަށް ވުރެ ގިނަ ކޮމިޓީއަށް ހާޒިރުވެގެން ވަކި ވަރަކަށް އެލަވަންސް ލިބޭނީ، އެހެން ނަމަވެސް ޗެމްބަރަކަށް ވަޑައިނުގަތަސް މެންބަރުންގެ މުސާރައަށް ބަދަލެއް ނާދޭ، އެގޮތަށް ގަވައިދުގައި އޮންނާތީ އެކަމުގެ ނާޖާއިޒު ފައިދާ އެ މެންބަރުން ނަންގަވަނީ،" ނިހާން ވިދާޅުވި އެވެ.

އިދިކޮޅު މެންބަރުންނަަށް ފާޑު ވިދާޅުވަމުން ނިހާން ވިދާޅުވީ އެ މެންބަރުން ދާއިރާގެ ރައްޔިތުންނަށް ހިދުމަތް ކުރުމަށް އިންތިހާބު ކުރުމުން ކުރައްވާ މަސައްކަތަކީ ރޭނގަޑު ހޭލާ ތިބެގެން މަގުމަތީގައި ލަވަ ޖަހާފައި ނެށުން ކަމަށާއި އަނެއް ދުވަހު ހެނދުނު މަޖިލީހުގެ މަސައްކަތުގައި ބައިވެރިވެ ވަޑައިގަންނަވަން ޖެހުމުން އެކަން އެ މެންބަރުންނަށް ނުކުރެވޭ ކަމަށެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ ސިޔާސީ މާ ބޮޑު ސިޔާސީ މަސައްކަތެއް ނޫން ކަމަށާއި އެހެންކަމުން އެ މެންބަރުން ޖަލްސާއަށް ނުވަންނަަންވީ ސަބަބެއް ނެތް ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

މަޖިލީހުގައި މިއަދު އޮތީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރު ކަމަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ސުލައިމާންގެ ނަން ހުށަހެޅުމަށާއި ޖަޕާނުގެ ސަފީރު ކަމަށް މ. ފޭމަންސް، އިބްރާހީމް އުވައިސްގެ ނަން ހުށަހެޅުމެވެ.

ޖަލްސާ ފެށި ގޮތަށް އެ ދެ ބޭފުޅުންގެ ނަން ހުށަހެޅުމަށް ރައީސް ފޮނުވާފައިވާ ސިޓީފުޅު މަޖިލީހުގެ ޑެޕިއުޓީ ސެކެޓަރީ ޖެނެރަލް ފާތިމަތު ނިއުޝާ އިއްވުމަށް ފަހު އެ ފޮނުވަން ޖެހޭ ކޮމިޓީތަކަށް ފޮނުވާފައިވާ ކަން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިއުލާން ކުރެއްވި އެވެ. އަދި ފަސް މިނެޓުގެ ތެރޭގައި މަޖިލީހުގެ ޖަލްސާ އެއްކޮށް ނިންމާލި އެވެ.