ހަބަރު

މެލޭޝިއާއިންދޭ 250 ސްކޮލާޝިޕަށް ހުޅުވާލައިފި

Feb 26, 2018
4

މެލޭޝިއާ ސަރުކާރުން ރާއްޖެއަށްދޭ 250 ސްކޮލާޝިޕް އިއުލާންކޮށް ކޯސްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަނުން މިއަދު އިއުލާންކޮށްފައިވަނީ އެޑިއުކޭޝަން މެލޭޝިޔާ ގްލޯބަލް ސާވިސަސް ގެ ފަރާތުން ރާއްޖެއަށް ދީފައިވާ 500 ސްކޮލާޝިޕް ފުރުސަތުގެ ތެރެއިން ފުރަތަމަ ބުރުގައި ހުޅުވާލާ ކޯސްތަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ 50 މާސްޓާ ޑިގްރީ ކޯހާއި 200 ޑިގްރީ ކޯހެކެވެ. މި ހުރިހާ ކޯހެއް މިއަހަރު ތެރޭގައި ފަށާނެ އެވެ.

ހަޔަ އެޑިއުކޭޝަނުން ބުނީ އޯ ލެވެލްގެ ފަސް މާއްދާއިން ފާސްވެފައިވާ ދަރިވަރުންނާއި "އޭލެވެލް" ގެ ތިން މާއްދާއިން ފާސް އޮތް ކޮންމެ ދަރިވަރަކަށް ކުރިމަތި ލެވޭނެ އެވެ. މިއަދު އިއުލާންކުރި ޑިގްރީ ޕްރޮގްރާމްތަކަށް ފޯމް ހުށަހެޅޭނެ ކަމަށެވެ. އޭގެ ތެރެގައި އިނގިރޭސި މާއްދާއިން "ސީ" ފާހެއް ނުވަތަ އެއާ އެއް ފެންވަރެއްގެ ސެޓްފިކެޓެއް އޮތުން ލާޒިމްކޮށްފައިވެ އެވެ. އަދި މާސްޓާސް އަށް އެދޭނަމަ ޑިގްރީއެއް އޮންނަންވާނެ ކަމަށެވެ. ކޯސްތަކަށް އެދޭއިރު އެއްފަހަރާ ތިން ކޯހަށް ވެސް ފޯމް ހުށަހެޅޭނެ ކަމަށެވެ.

މެލޭޝިއާގެ 17 ޔުނިވަސިޓީއަކާ ގުޅިގެން ރާއްޖެއަށް މިއަދު ދިން ސްކޮލާޝިޕްތަކަކީ މެލޭޝިއާ ސަރުކާރުން 50 ޕަސެންޓް ޑިސްކައުންޓް ދޭ ސްކޮލާޝިޕް ތަކެކެވެ. ޒުވާނުންނަށް ބޮޑު އިސް ކަމެއް ދީގެން ދޫކުރަން ނިންމާފައިވާ އެ ސްކޮލާޝިޕްތަކަށް 50 ޕަސެންޓް ފީ ހިލޭ ކޮށްފައިވާއިރު ހޮވޭ ދަރިވަރުންނަށް ބާކީ 50 ޕަސެންޓް ދިވެހި ސަރުކާރުން ދޭ ލޯނެއްގެ ގޮތުގައި ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ކޯސްތަކަށް ހޮވޭ ދަރިވަރުންނަށް ކޯސް ފުރިހަމަކޮށް ނިމުމުން ވަކި މުއްދަތަކަށް ސަރުކާރަށް ހިދުމަތްކުރަން ބޮންޑުކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މެލޭޝިއާ ސަރުކާރުން މީގެ ކުރިން ވެސް ވަނީ ރާއްޖޭގެ އޮފީސް ވަޒީފާތަކުގައި އުޅޭ މީހުންނަށް ތަމްރީން ފުރުސަތުތަކެއްގެ ގޮތުގައި ވެސް 2050 ސްކޮލާޝިޕް ދީފަ އެވެ.

މިއަދު އިއުލާޏްކުރި ކޯސްތަކަށް އެދުމުގެ ފަހު ތާރީހަކީ މާޗު 15 އެވެ. އެޕްލިކޭޝަން ފޯމް ހަޔަ އެޑިއުކޭޝަންގެ ކައުންޓަރުންނާއި އެ އިދާރާގެ ވެބްސައިޓުން ލިބޭނެ އެވެ.