އަބްދުއްރަހީމް އަބްދުﷲ

ޖަމީލާގުޅޭ ކޮރޮޕްޝަންތަކެއްގެ ހެކި އެބަހުރި: އަބްދުއްރަހީމް

ނައިބު ރައީސްގެ މަގާމުގައި ޑރ. މުހައްމަދު ޖަމީލު ހުންނެވި އިރު އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ މަސައްކަތް ކުރެއްވުމަށް ކޮރަޕްޝަނުން ފައިސާ ހޯއްދަވަން މަސައްކަތް ކުރެއްވި ކަމުގެ ހެކި އެބަހުރި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކޮންމެ ދުވަހަކު އެތައް ވާހަކަތަކެއް އާންމު ކުރާ ޕީޕީއެމްގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ޖަމީލު ނައިބު ރައީސް ކަމަށް ވަޑައިގަތުމާއެކު ވެރިކަމަށް ވަޑައިގަތުމުގެ މަސައްކަތްތައް ފެއްޓެވި ކަމަށާއި އެގޮތުން މަޖިލީހުގެ ބައެއް މެންބަރުން ހިމަނައިގެން "ވީޕީ އެމްޕީސް" ނަމުގައި ގްރޫޕެއް ހެއްދެވި ކަމަށެވެ. އަދި އެ މެންބަރުންނާއެކު ރިސޯޓުތަކުގައި ހަފްތާއަކު އެއްފަހަރު ބައްދަލުކޮށް މަޝްވަރާތައް ކުރެއްވި ކަމަށެވެ.

އެ މަޝްވަރާތަކުގެ ތެރޭގައި ރިޔާސީ އިންތިހާބަށް ފައިސާ ހޯދަން ވެސް މަޝްވަރާ ކުރެވުނު ކަމަށާއި އެގޮތުން ބ. ހިބަޅިދޫ އާއި އަންހެންފުއްޓާއި ފަރެހާއި މެންދޫ އާއި އަދި ރ. ހުރަވަޅި ޖަމީލު ވިދާޅުވާ ބޭފުޅަކަށް ހޯދަން ރައީސް އަބްދުﷲ ޔާމީނަށް އެމަނިކުފާނު ސިޓީފުޅެއް ފޮނުވި ކަމަށެވެ. އެ ރަށްތައް ތަރައްގީ ކުރުމަށް ފަހު ޖަމީލަށް ހިއްސާއެއް ލިބޭ ގޮތަށް މަޝްވަރާކޮށްފައިވާ ކަމަށް ވެސް އަބްދުއްރަހީމް ތުހުމަތު ކުރެއްވި އެވެ.

"ބައްލަވާ މި ރާއްޖޭގެ އުސޫލުތަކަށް ބަލާއިރު ޓޫރިޒަމްގެ މަސައްކަތަށް ރަށެއް ހޯދާކަށް ނުޖެހޭނެ ރައީސަށް ސިޓީ ފޮނުވާކަށް، އެގޮތަށް އޮންނަ ކަމެއް ނޫން އެއީ،" އަބްދުއްރަހީމް ވިދާޅުވި އެވެ. "އެހެންވެ މިއީ ކޮރޮޕްޝަނަކަށް ނުވޭތޯ ފަަސާދައިގެ އަމަލަކަށް ނުވޭތޯ އަޅުގަނޑު ޖަމީލަށް ދަންނަވާލަން ބޭނުން،"

އަބްދުއްރަހީމް ވިދާޅުވީ އެ ވާހަކަތަކަކީ ދޮގެއް ނަމަ ނިކުމެވަޑައިގެން މީޑިއާތައް ކުރިމަތީ އެކަމަށް ރައްދު ދިނުމަށް ވެސް ޖަމީލަށް ގޮވާލައްވާ ކަމަށެވެ. ޕީޕިއެމް އިން ވާހަކަދައްކާނީ އެކަށީގެންވާ ވަރަށް މައުލޫމާތު ލިބިގެން ކަމަށާއި އެ ވާހަކަތައް ދޮގުކޮށްފި ނަމަ ހެއްކާއެކު އެކަން ސާބިތު ކުރާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ އިއްޔެގެ ނިއުސް ކޮންފަރެންސްގައި ޖަމީލަކީ ގައުމީ ސަލާމަތަށް ނުރައްކާތެރި ބޭފުޅެއް ކަމަށާއި ގެނެވުނު ގޮތަކަށް އޭނާ ރާއްޖެ ގެނައުމަށް ވެސް އަބްދުއް ރަހީމް ގޮވާލެއްވި އެވެ. ނައިބު ރައީސް ކަމުގެ މަގާމުން ވަކި ކުރުމުގެ ކުރިން ބޭރަށް ވަޑައިގެން އިނގިރޭސި ވިލާތަށް ބަދަލުވެ ވަޑައިގަތުމަށް ފަހު ޖަމީލް އުޅުއްވަނީ އަމިއްލަފުޅަށް އަރުވާލެއްވިގެނެވެ. ޖަމީލް ފުލުހަށް ހާޒިރުވުމަށް ކުރިން އިއުލާނެއް ވެސް ކޮށްފައި ވެއެވެ.