ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުމުގެ ހަބަރު ފެތުރުމުގެ ކުރިން ހުޅުމާލެއަށް ރަތް ކުލައިގެ ކާރެއް ގެންދިޔަ ކަމަށާއި ނަމަވެސް އެ ކާރަކީ ކާކުގެ ކާރެއް ކަމެއް ނޭނގޭ ކަމަށް ދޯނީގެ ކައްޕި މިއަދު ބުނެފި އެވެ.
ރިލްވާން ފޮރުވި މައްސަލާގައި ދައުލަތުން ދައުވާކުރާ ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުން ހުށަހަޅާފައިވާ ދެ މީހެއްގެ ހެކި ބަސް ވަނީ ނަގާފަ އެވެ. އެއީ ސިއްރު ހެކިވެރިޔަކާއި ފާޅުގައި ހެކި ބަސް ދިން މީހެކެވެ.
ފާޅުގައި ހެކި ބަސް ދީފައިވަނީ ރަތް ކުލައިގެ ކާރެއް 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ކުރީ ކޮޅު ހުޅުމާލެއަށް ގެންދިޔަ ދޯންޏެއްގެ ކައްޕި ކަމަށްވާ އަހުމަދު ސަމީރެވެ. އޭނާ މިއަދު ހެކި ބަސް ދެމުން ބުނި ގޮތުގައި، ޓީ ޖެޓީން ނަގައިގެން ރަތް ކާރެއް އޭނާގެ ދޯނީގައި ހުޅުމާލެ އެމްޕީއެލްއަށް ބަނދަރަށް ގެންދިޔަ ކަމަށެވެ. އެ ކާރުގެ އިތުރުން އެހެން ރަތް ކާރެއް އެ ދުވަސްވަރު އެ ދޯނީގައި ނުގެންދާ ކަމަށް ވެސް ބުންޏެވެ.
ނަމަވެސް ގެންދިޔަ ކާރަކީ ޓެކްސީ ކުރާ ކާރެއް ނޫންކަން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް އޭނާއަށް ކާރާ ގުޅޭ ގޮތުން ނެތެވެ. އެ ކާޜަކީ ކާކުގެ ކާރެއް ކަމެއް ވެސް ނޭނގެ އެވެ. އެ ދުވަހު އެ ކާރާ ހަވާލުވެގެން ދޯނީގައި ފިރިހެނަކު ދިޔަ ކަމަށާއި ނަމަވެސް އެމީހާއަކީ އާލިފް އަދި ނޫރައްދީން ނޫން ކަމަށް އެ ދެ މީހުންގެ މޫނަށް ބެލުމަށްފަހު ކައްޕި ބުންޏެވެ.
ރަތް ކާރެއް އެ ދޯނީގައި ގެންގޮސް ރަތް ކާރެއް ދޯނިން ގެނައިކަން ވެސް އޭނާ ފާހަގަކުރި އެވެ. ނަމަވެސް އަނބުރާ ކާރު ގެނައިިއިރު ދޯނީގައި އޭނާ ކައްޕިއެއްގެ ގޮތުގަ ނެތެވެ. ނަމަވެސް ދޯނިން މާލެއަށް ކާރު ބޭލިއިރު އެތާ އޭނާ ހުއްޓެވެ. އެއީ ވެސް އަމިއްލަ ކާރެއްކަން އޭނާ ފާހަގަކުރި އެވެ.
ދޯނީގެ ކައްޕި ބުނި ގޮތުގައި ރިލްވާން ގެއްލިގެން އުޅޭ ކަމުގެ ހަބަރު އިވުނީ އެ ކާރު މާލެ ގެނައިތާ ދެ ދުވަސް ފަހުން ކަމަށާއި އެހެންވެ އެކަން ފުލުހަށް ރިޕޯޓްކުރީ އަމިއްލައަށް ކަމަށެވެ. އެއީ ރިލްވާން ރަތް ކުލައިގެ ކާރަކަށް ގަދަކަމުން އެރުވި ކަމުގެ ވާހަކަތައް އޭރު ފެތުރިފައިވާތީ އޭނާ ބުންޏެވެ. ރިލްވާންގެ ހަބަރެއް ނުވެގެން އާއިލާއިން އެކަން ރިޕޯޓްކޮށް އޭނާ ހޯދަން ފެށީ ގެއްލުނުތާ ގާތްގަނޑަކަށް ހަފުތާއެއް ފަހުންނެވެ.
ރިލްވާންގެ މައްސަލާގައި ދައުވާ ލިބޭ އާލިފްގެ ރަތް ކުލައިގެ ކާރުން ފެނުނު ޑީއޭންއޭ ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މިއަދުގެ ޝަރީއަތުގައި ދެން ހެކި ބަސް ދިނީ ރިލްވާން ގެއްލުނު އަދާޔާ ހިލާފު މަންޒަރެއް ރިލްވާން ދިރިއުޅޭ ފްލެޓް ކައިރިން ފެނުނު މީހެކެވެ. ރަށެއްގެ ކޯޓެއް މެދުވެރިކޮށް ސިއްރުން ނެގި އޭނާގެ ހެކި ބަހުގައި ބުނީ، އެ ރޭ މީހެއްގެ އަނގަމަތީ އަތް އަޅާ ބަންދުކުރާތީ ހަޅޭލަވާފަދަ އަޑެއް އިވިގެން ބެލްކަނީއަށް ނުކުމެ ބެލިއިރު މީހަކު ކާރަކަށް ކޮއްޕާލާ މަންޒަރު ފެންނަ ކަމަށެވެ. އެ ތަނުގައި އޭރު އޮތީ ރަތް ކުލައިގެ ކާރެއް ކަމަށް ބުންޏެވެ. އެ ކާރަށް މީހަކު ކޮއްޕާލުމަށްފަހު ވަރަށް ބާރަށް ދުއްވާފައި ދިޔަ ކަމަށާއި އެ ވަގުތު އެ ތަނަށް އެއްޗެއް ވެއްޓުން ކަމަށެވެ. އޭނާގެ ބައްޕައަށް އެކަމުގެ މައުލޫމާތު ދިނުމުން ބައްޕަ ތިރިޔަށް ބަލާ ބެލިއިރު އެ ތަނުގައި ވަޅިއެއް އޮތުމުން ފުލުހަށް ރިޕޯޓްކުރީ ކަމަށް ވެސް ބުންޏެވެ.
އެ ވަގުތު އެތަނުން ފެނުނު އެއްވެސް މީހަކީ ކާކު ކަމެއް ބުނަން ނޭނގޭކަން ސިއްރު ހެކިވެރިޔާ ފާހަގަކުރި އެވެ. ނަމަވެސް ހަޅޭލެވި މީހަކީ އަޑަކީ ފިރިހެން އަޑެއްކަން ސާފުވާކަން އޭނާ ފާހަގަކުރި އެވެ.
ފުލުހަށް މައްސަލަ ހުށަހެޅި މީހާގެ ދަރިފުޅަށް އިވުނީ ފިރިހެނެއްގެ އަޑެއް ކަމަށް އޭނާ މިއަދު ބުނިއިރު، ރިލްވާން ގެއްލުނު ރޭ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ލިބުނީ ކާރަކަށް ގަދަކަމުން އަންހެނަކު އެރުވި ކަމުގެ ރިޕޯޓް ކަމަށް އިއްޔެ ފުލުހަކު ވަނީ ބުނެފަ އެވެ. ހެކި ބަސް ދެމުން އޭނާ ކިޔައިދިން ގޮތުގައި، ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް މީހަކު ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދާ ކަމުގެ ރިޕޯޓް ފިރިހެނަކު ކުރި އެވެ. އޭނާ ރިޕޯޓްކުރީ ޔަމަން ބުނި ގޮތުގައި ރަތް ކުލައިގެ އެއްޗެއް ތިރިއަށް ލައިގެން ހުރި އަދި މައްޗަށް ފެހި ކުލައިގެ އެއްޗެއް ލައިގެން ހުރި އަންހެނަކު ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދާ ކަމަށް ބުނެ އެވެ. މި ހާދިސާ ހިނގިއިރު ރިލްވާންގެ އިސްތަށިގަނޑު ހުރީ ދިގުކޮށްކަން ފާހަގަކޮށްލެވެ އެވެ.
ފުލުހެއް މިގޮތަށް ހެކި ބަސް ދީފައިވާއިރު ފުލުހަށް ރިޕޯޓްކުރި މީހާ މީގެކުރިން ސިއްރުން ވަނީ ހެކި ބަސް ދީފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި ސިއްރުން ހެކި ބަސް ދިން އެމީހާއަށް ކަން ހިނގިދިޔަ ގޮތުގެ މާބޮޑު ތަފްސީލެއް ނޭނގެ އެވެ. ރަތް ކާރެއް ވެސް އަދި ބަޔަކު ވެސް އޭނާ ނުދެކެ އެވެ. ނަމަވެސް މީހަކު ހަޅޭލެވި އަޑު އިވިގެން އަނބިމީހާ ގޮވުމުން އޭނާ ތިރިއަށް ފޭބީ އެވެ. ފޭބުމަށްފަހު ފުލުހުންނަށް ގުޅި އެވެ. ފުލުހުން އައިސް އެތަނުގައި ވެއްޓި ވަޅި ތަހުލީލުކުރި ކަމަށް އޭނާ ބުންޏެވެ.
ދައުލަތުން ބުނާ ގޮތުގައި ރަތް ކާރަކީ އާލިފްގެ ކާރެކެވެ. އެ ކާރު ހުޅުމާލެއަށް ގެންދިޔައީ ނޫރައްދީން ދުއްވުމަށެވެ. އަދި ގަވައިދާ ހިލާފަށް ވަކި ކަމެއް ކުރުމަށް ރާވައިގެންނެވެ. މި މައްސަލާގައި ޖުމްލަ 29 ހެއްކެއް ދައުލަތުން ހުށަހެޅި އެވެ. އޭގެ ތެރެއިން ފަސް ސިއްރު ހެއްކެއްގެ ހެކި ބަހާއި ފާޅުގައި ހެކި ބަސް ދޭ ތިން މީހެއްގެ ހެކި ބަސް މިވަނީ ނެގިފަ އެވެ. މާދަމާ ވެސް ހެކި ބަސް ނެގުމަށް އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ.
ދިފާއުގައި އާލިފާއި ނޫރައްދީންގެ ފަރާތުން ފަސް މީހެއްގެ ނަން ހެކީގެ ގޮތުގައި ހުށަހަޅާފައިވާއިރު އެމީހުންގެ ހެކި ބަސް ނެގުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މި ހަފުތާގެ ހުރިހާ ދުވަހަކަށް ވަނީ އެކަމަށް އަޑުއެހުންތައް ތާވަލުކޮށްފަ އެވެ.