ރިޕޯޓް

ބްރިޖުން އިގްތިސާދަށް ކުރާނީ ކޮން ފައިދާއެއް؟

Feb 28, 2018
14

ޗައިނާ- މޯލްޑިވްސް ފްރެންޑަޝިޕް ބްރިޖުގެ ވާހަކައާއެކު ހަމައެކަނި އަޑު އިވެނީ ދަތުރުފަތުރަށް އަންނާނެ ލުއިތަކުގެ ތަކުގެ ވާހަކަ އެވެ. މާލެ އިން ހުޅުމާލެ އަށް ދާން އަންނާނެ ފަސޭހަތަކުގެ ވާހަކަ އެވެ. ހުޅުމާލޭގޭގައި ދިރިއުޅޭ މީހުން ފަސޭހައިން މާލެ އާދެވޭނެ ވާހަކަ އެވެ. މާލެއިން ފަސޭހައިން ހުޅުމާލެ އަދި އެއާޕޯޓަށް ދެވޭނެ ވާހަކަ އެވެ. ނަމަވެސް މި ބްރިޖުން ލިބޭނެ އިގްތިސާދީ ފައިދާ ތަކުގެ މައްޗަށް ވިސްނައިލަނީ މަދު ބައެވެ. ސުވާލަކީ ޗައިނާ- މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުން ލިބޭނީ އިގްތިސާދީ ގޮތުން ކޮން ފައިދާއެއް ހެއްޔެވެ؟

"ގްރޭޓާ މާލެ" ރީޖަންގައި ހިމެނޭ ވިލިމާލެ އަދި ހުޅުމާލެއަކީ މި ސަރަހައްދުގައި އިގްތިސާދީ ގޮތުން އެންމެ ކާރު ބާރޫ ބޮޑު ދެ ރަށެވެ. އަދި ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ޖަމާވެފައިވަނީ ވެސް މި ސަރަހައްދަށެވެ. މިހެންވެ، މާލެ އާއި ހުޅުމާލޭގެ ގުޅުން ވެގެންދާނީ ރާއްޖޭގެ އިގްތިސާދުގެ އާ ސޮފްހާއެއްގެ ފެށުމަށޭ ބުނެވިދާނެ އެވެ. މިކަންވާނީ ކިހިނެއް ހެއްޔެވެ؟

"ވިޔަފާރިއެއް ތަރައްގީވެ ފުޅާވުމުގައި ބޭނުން ވާނެ އެންމެ މުހިންމު އެއް ކަމެއް ވޮލިއުމް ލިބުން. މާލެ އާއި ހުޅުމާލޭގެ މިހާރުގެ އާބާދީއެއްކޮށް ލިއަސް އެ ވޮލިއުމް ވަރަށް ރަނގަޅަށް ލިބޭނެ. އެހެންވެ މިއީ ވިޔަފާރި އަށް އަންނާނެ ބޮޑު އިންގިލާބަޔަކަށް ވާނެ،" މަސީގެ ރައީސް އަދި ހޮޓެލް އެންޑް ރިސޯޓްގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވި އެވެ.

ބުރިޖު- ސުޕަ ސިޓީއެއްގެ ފެށުން

ބުރިޖް އަޅާ ދުނިޔޭގެ އެންމެ މަޝްހޫރު ކުންފުނި ކަމަށްވާ، ޗައިނާގެ، ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިން އިން އަޅާ ބުރިޖުގެ ދިގު މިނުގައި 20.3 މީޓަރު ހުރެ އެވެ. އަދި މި ބުރިޖުން އުސްމިނުގައި 12 މީޓަރުގެ އުސް އުޅަނދު ފަހަރު ޖެހިލުމެއް ނެތި ދަތުރުކުރެވޭނެ އެވެ. މި ބްރިޖަށް ޖުމުލަ 200 މިލިއަން ޑޮލަރު ހަރަދު ކުރެ އެވެ. މީގެ ތެރެ އިން 100 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެވެ. އަދި ބާކީ ހުރި ބައި ހޭދަ ކުރާނީ ޗައިނާ އިން ދޭ ލުއި ލޯނުންނެވެ. އަދި މި ބްރިޖުން 15 މިނެޓް ތެރޭގައި 6،500 އަށްވުރެ ގިނަ މީހުންނަށް މާލެ އިން ހުޅުމާލެ އަށް ދަތުރުކޮށްލެވޭނެ އެވެ.

ވިޔަފާރިއެއް ތަރައްގީވެ ފުޅާވުމުގައި ބޭނުން ވާނެ އެންމެ މުހިންމު އެއް ކަމެއް ވޮލިއުމް ލިބުން. މާލެ އާއި ހުޅުމާލޭގެ މިހާރުގެ އާބާދީއެއްކޮށް ލިއަސް އެ ވޮލިއުމް ވަރަށް ރަނގަޅަށް ލިބޭނެ. އެހެންވެ މިއީ ވިޔަފާރި އަށް އަންނާނެ ބޮޑު އިންގިލާބަޔަކަށް ވާނެ
މަސީގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހު

ވަރުގަދަ މި އިވެސްޓްމަންޓް ކުރިއަށް އޮތް ހައެއްކަ މަސް ތެރޭގައި ނިމޭނެ އެވެ. ބްރިޖު ނިމުމާއެކު މި ސަރަހައްދުގައި ގުޅިފައިވާ "ސުޕަ ސިޓީއެއް" ފެނިގެންދާނެ އެވެ. ސުވާލަކީ ސުޕަ ސިޓީއަކީ ކޮބައި ހެއްޔެވެ؟ ސުޕަ ސިޓީއަކުން އިގްތިސާދަށް ކުރާނީ ކޮން މަންފާއެއް ހެއްޔެވެ؟

މާލެއަކީ މިހާރު ވެސް ސިޓީ އެކެވެ. ނަމަވެސް މާލެ އާއި ހުޅުމާލެ ގުޅައިލުން ވެގެންދާނީ ބޮޑު އާބާދީއެއްގެ ގުޅުމުގެ ފެށުމަށެވެ. ހުޅުމާލޭގައި މިހާރު 30،000 މީހުން ދިރިއުޅެ އެވެ. ނަމަވެސް މިހާރު އެ މީހުންނަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކޮންމެ ދުވަހަކު ކުރަން ޖެހޭ ދިގު ދަތުރެވެ. ކޮންމެ ދުވަހަކު އެ ދަތުރު ކުރަން ޖެހުމުން "ފަސޭހަ" ކަމަށް ބުނިނަމަވެސް ހަގީގަތަކީ މިއީ އުނދަގޫ ދަތުރެއް ކަމަށެވެ. ފެރީގައި ކަނޑު ހުރަސްކޮށް ކުރާ 20 މިނެޓުގެ މި ދަތުރު އެއްގަމުން ކުރެވޭނެ މަގު ބްރިޖާއެކު ލިބިގެންދާނެ އެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި 200،000 އަށް ވުރެ ގިނަ މީހުންނަށް ބޭނުންވާ ވަސީލަތް ގާއިމްކުރާއިރު، ބުރިޖު ވާނީ ފަސޭހަ އަކަށެވެ.

ކުރިން ވާހަކަ ދެއްކި ޖަނާހު ވިދާޅުވީ ބްރިޖުގެ ސަބަބުން މާލެ ސަރަހައްދުގައި ސުޕަ ސިޓީއެއް އުފެދިގެންދާއިރު، ނިއުޒަލޭންޑުގެ އޯކްލޭންޑަކީ މިކަމުގެ މިސާލެއް ކަމަށެވެ.

"އޯކްލޭންޑް ގުޅުވައިލީ ޓައުންޝިޕް ތަކެއް ގުޅުވައިލައިގެން އޮކްލޭންޑް ސުޕަސިިޓީ އުފެއްދީ. މި ހުރިހާ ނިޒާމު ތަކެއް ގުޅުނީމަ އެއް ސިޓީއެއްގެ ގޮތުގައި މިހާރު މާކެޓު ކުރޭ އެބަ ވަރަށް ބޮޑަށް. މިހެން ހެދުމުން މާކެޓު ކުރަން ވެސް ވަރަށް ފަސޭހަ ވޭ. މިއީ އިކޮނޮމިކަލީ ލިބޭނެ ވަރަށް ބޮޑު ބެނިފިޓެއް،" ނިއުޒިލޭންޑުގައި ވިޔަފާރި ވެސް ކުރަމުން ގެންދާ، ޖަނާހު ވިދާޅުވި އެވެ.

އޯކްލޭންޑުގެ މިސާލަކީ ދުނިޔޭގެ "ސުޕަ ސިޓީ" ގެ ކުރިއެރުމުގެ ވާހަކަ ދައްކާ ގިނަ ބަޔަކު ނަގާ މިސާލެވެ. މީގެ އެހެން މިސާލުތައް ވެސް އެބަހުއްޓެވެ. ސުޕަ ސިޓީގެ ވާހަކައާ ތަންކޮޅެއް ދުރަށް ޖެހިލުމަށް ފަހު ރާއްޖެއާ ކައިރިން މިސާލު ނެގިދާނެ އެވެ. މި ފަދަ ސިޓީތައް އުފެއްދުމުގައި ވައިގެ ބަނދަރު ނުވަތަ ދަތުރުފަތުރާ އެކު އޮންނަ ގުޅުން ވެސް މުހިންމު ދައުރެއް އަދާކުރެ އެވެ.

ހުޅުލެ-މާލެ ބްރިޖު ނިމުމުން ފެނިގެންދާނެ އަނެއް ކަމަކީ "އެއޮރޯ ސިޓީއެއް" އުފެދިގެންދާ ތަނެވެ. މީގެ މިސާލެއް ބެލުމަށް ރާއްޖެއާ ކައިރި އަށް ޖެހިލާނަމަ އަވައްޓެރި އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި ހެދި "ދިއްލީ އެއޮރޯ ސިޓީ" އަކީ މިސާލެވެ. ނިއު ދިއްލީގައި އެއޮރޯ ސިޓީގައި މިކްސް ޑިވްލޮޕްމަންޓާއެކު ޓޫރިޒަމްގެ ބޮޑެތި ވިޔަފާރިތައް އުފެދޭނެ އެވެ. އަދި ފްރައިޓް ފޯވަޑިންގެ ހިދުމަތްވެސް ފުޅާވެގެންދާނެ އެވެ.

ރާއްޖޭގެ އިގްތިސާދީ ދާއިރާގެ ބޭފުޅަކު ވިދާޅުވި ގޮތުގައި ބޮޑު އާބާދީ އަކަށް ކޭޓާ ކުރަން ފުރުސަތު ލިބުމަކީ ވިޔަފާރިތަކަށް ލިބިގެން ދާނެ ރަނުގެ ފުރުސަތަކަށް ކަމަށެވެ.

"ބިޒްނަސް ޕްލޭން ހަދާއިރު މިފަދަ ސިޓީ ތަކަށް އިވެސްޓް ކުރަން އިންވެސްޓަރުން ވަރަށް ޝައުގުވެރި ކުރުވާނެ. އެހެންވެ، ރެސްޓޯރެންޓް ފަދަ ވިޔަފާރިތަކަށް ވެސް ވަރަށް ރަނގަޅު ފުރުސަތު ތަކެއް ހުޅުވޭނެ. ހުޅުމާލެ އަށް ފަސޭހަ އިން ދެވޭނެ ގޮތް ހަމަޖެހުމަކީ މީގެ ފެށުން،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ބްރިޖު- ޓޫރިސްޓު އެޓްރެކްޝަނެއް

މާލެ އަށް ޓޫރިސްޓުން އައުމުގައި އެއް ބޭނުމަކީ "ޓޫރިސްޓު އެޓްރެކްޝަން" ތަކަށެވެ. މާލެ އަށް އަންނަ ޓޫރިސްޓުން މިހާރު އާއްމު ގޮތެއްގައި ދަނީ ގައުމީ ދާރުލްއާސާރާއި މަސް މާރުކޭޓު ނުވަތަ ގެސްޓް ފިހާރަ ތަކަށެވެ. ނަމަވެސް ހުޅުލެ- މާލެ ބްރިޖު ހުޅުވުމާއެކު މިތަން ވެގެން ދާނީ ރާއްޖެ ޕްރޮމޯޓް ކުރަން ލިބޭނެ އިތުރު ޓޫލް އަކަށެވެ. ސުވާލަކީ ބްރިޖަކީ މާކެޓިން ޓޫލް އަކަށް ވާނީ ކިހިނެއް ހެއްޔެވެ؟

ކުދި ޖަޒީރާ ގައުމު ތަކަށް ބަލާއިރު ކަނޑު ހުސްކޮށް ބްރިޖު އަޅާފައި ނުހުރެ އެވެ. އެހެންކަމުން މި ބްރިޖު ވެގެންދާނީ މި ގޮތަށް ދުނިޔޭގައި ވެސް އަޅާނެ ފުރަތަމަ ބުރިޖަށެވެ. އެހެންވެ، ހަމަ ޔަގީނުން ވެސް މި ތަން ބަލަން ގިނަ ބަޔަކު ޝައުގުވެރި ވާނެ އެވެ. އަނެއް ސަބަބަކީ ރާއްޖެއަކީ ޖައްވު ސާފު ގައުމަކަށް ވުމަކީ ބްރިޖު މަތިން ރާއްޖޭގެ މާ ހައުލު ރީތިކޮށް ފެންނާނެ އެއް ސަބަބެވެ. އެހެންވެ މި ތަން ވާނީ ދުނިޔޭގެ އެތަށް ބަޔަކު އަންނަން ބޭނުން ވާނެ ތަނަކަށެވެ.

ބޭރު މީހުން ދެކޭނެ ހަމަ ޔަގީނުން ވެސް މިއީ ބޮޑު ޑިވްލޮޕްމަންޓެއްގެ ގޮތުގައި. ދަތުރު ފަތުރު ކުރަން ފަސޭހަ ވެގެން ދިއުން ވެގެން ދާނީ ރާއްޖެ އަށް ލިބޭނެ ކުރިއެރުމަކަށް. ފަސޭހަ އަކަށް
ޗަމްޕާ ހުސެއިން އަފީފު

ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ބޮޑަށް އިންވެސްޓްކޮށްފައިވާ ޗަމްޕާ ކުންފުނީގެ އެއް ޑިރެކްޓަރު ކަމަށްވާ ހުސެއިން އަފީފު (ޗަމްޕާ އަފީފު) ވިދާޅުވީ ބްރިޖުގެ ސަބަބުން ގިނަ ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ބޮޑު ކުރި އެރުމެއްގެ ގޮތުގައި އަފީފު ސިފަ ކުރެއްވި އެވެ.

"ބޭރު މީހުން ދެކޭނެ ހަމަ ޔަގީނުން ވެސް މިއީ ބޮޑު ޑިވްލޮޕްމަންޓެއްގެ ގޮތުގައި. ދަތުރު ފަތުރު ކުރަން ފަސޭހަ ވެގެން ދިއުން ވެގެން ދާނީ ރާއްޖެ އަށް ލިބޭނެ ކުރިއެރުމަކަށް. ފަސޭހަ އަކަށް،" އަފީފު ވިދާޅުވި އެވެ.

ހުޅުލެ-މާލެ ބުރިޖު މިހާރު ވަނީ ނިމުމާ ގާތްވެފަ އެވެ. މިހާރު އެތަނީ އެންމެ ފަހު ބައިތައް ގުޅަމުންނެވެ. ހަމަ ޔަގީނުން ވެސް ބުރިޖުން ފަތުރު ފަތުރު ފަސޭހަވާނެ އެވެ. މިއާއެކު އިގްތިސާދުން ފެންނާނީ "ޕޮޒިޓިވް" ނިޝާން ތަކެވެ.