ސައުދީ ރަސްގެފާނު ސަލްމާްން ބިން އަބުދުލް އަޒީޒު އަލް ސައުދު އެ ގައުމުގެ އަސްކަރިއްޔާއަށާއި ސަރުކާރުގެ އެހެން ބައެއް ދާއިރާތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި އަންހެން ބޭފުޅަކަށް މަތީ މަގާމެއް ދެއްވައިފި އެވެ. ސައުދީ ސަރުކާރުގެ މަތީ މަގާމުތައް ދިނުމަކީ މަދުން ނޫނީ ނުވާ ކަމެކެވެ.
ސައުދީ އަސްކަރިއްޔާއަށް ގެނައި ބަދަލުތަކުގެ ތެރޭގައި ޗީފް އޮފް ސްޓާފް ކަމުގެ މަގާމަށް އާ ބޭފުޅަކު ހަމަޖެއްސެވުން ހިމެނެއެވެ. އެ މަގާމު ދެއްވީ ފަސްޓް ލެފްޓްޓިނެޓްޓް ޖެނެރަލް ފައްޔާޒު ބިން ހަމަދު އަލް ރުވައިލީ އަށެވެ. އޭގެ އިތުރުން އެއްގަމު ސިފައިންނާއި ވައިގެ ސިފައިންނަށް ވެސް އާ ވެރިން ހަމަޖެއްސެވި އެވެ.
އަސްކަރިއްޔާގެ އިތުރުން ސަލާމަތީ އަދި އިގުތިސާދީ ދާއިރާތަކާ ގުޅޭ ބައެއް މިނިސްޓްރީތަކަށް ވެސް މިފަހަރު ބަދަލު ގެނައެވެ. އެ މިނިސްޓްރީތަކަށް އާ ޑެޕިއުޓީ މިނިސްޓަރުން ލެއްވި އިރު ލޭބާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހަމަޖެއްސެވީ އަންހެން ބޭފުޅެކެވެ. އެ މަގާމަށް ހަމަޖެއްސީ ތަމަދޫރު ބިންތު ޔޫސުފް އައް ރަމާހު އެވެ. އިތުރުން ބައެއް ޝަހަރުތަކުގެ މޭޔަރުކަން އާ ބޭފުޅުންނަށް ވަނީ ދެއްވާފަ އެވެ.
ސައުދީ ސަރުކާރަށް މި ބަދަލުތައް ގެނައީ ރަސްގެފާނު އިއްޔެ ނެރުއްވި ޝާހީ ގަރާރުތަކަކުންނެވެ. އެ ގަރާރުތައް ސައުދީ ސަރުކާރުގެ ސައުދީ ޕްރެސް އެޖެންސީން ވަނީ ޝާއިއުކޮށްފަ އެެވެ.
ސައުދީ އަރަބިއްޔާގެ ރަސްކަން ސަލްމާން ވަޑައިގެންނެވި ފަހުން އެ ގައުމުގައި އެންމެ ނުފޫޒުގަދަ ބޭފުޅަކީ ދަރިކަލުން މުހައްމަދު ބިން ސަލްމާނެވެ. ސައުދީއަށް ފަހަކަށް އައިސް ގެންނަމުންދާ ބޮޑެތި ބަދަލުތަކުގެ މޭސްތިރިއަކީ މުހައްމަދެވެ.