ނަވާޒު ޝަރީފު

ނަވާޒް ޝަރީފު ޕާޓީގެ ވަގުތީ ލީޑަރަކަށް ކޮއްކޯފުޅު

ޕާކިސްތާނުގެ ވެރިކަން ކުރާ ޕާކިސްތާން މުސްލިމްް ލީގް ނަވާޒް (ޕީއެމްއެލް-އެން) ގެ ލީޑަރުކަން ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް ގެއްލި ވަޑައިގެންނެވުމުން އޭނާގެ ކޮށްކޯފުޅު ޝާހް ބާޒް ޝަރީފު އެ ޕާޓީގެ ވަގުތީ ލީޑަރު ކަމަށް އިސްކޮށްފި އެވެ.

ޕާކިސްތާނުގެ "ޑޯން" ނިއުސް އިން ބުނީ ޕީއެމްއެލް-އެންގެ ވަގުތީ ރައީސްކަމަށް ޝާހްބާޒް އިންތިހާބުކުރީ އެ ޕާޓީން މިއަދު ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ. އެ ބައްދަލުވުމުގައި ނަވާޒަށް ވެސް ވަނީ ރަމްޒީ މަގާމެއް ދީފަ އެވެ. އެގޮތުން އެނާއަކީ އުމުރަށް ވެސް ޕާޓީގެ "ގާއިދު" ކަމަށް ވަނީ ހަމަ ޖައްސާފަ އެވެެ.

ޕީއެމްއެލް-އެންގެ ވޯކިން ކޮމިޓީގެ ބައްދަލުވުން ކުރިއަށް ދަނިކޮށް މި މައުލޫމާތު ސޯޝަލް ހާމަ ކުރެއްވީ ނަވާޒް ޝަރީފުގެ ދަރިކަނބަލުުން މަރިޔަމް ނަވާޒް ކުރެއްވި ޓްވީޓެއްގަ އެވެ. ބައްދަލުވުން އޮތީ ލާހޫރުގައިވާ ޝަރީފު އާއިލާގެ ގެއެއްގަ އެވެ.

ނަވާޒް ޝަރީފަށް ގާއިދުގެ މަގާމު ދޭން ބައްްދަލުވުމުގައި ހުށަހެޅުއްވީ ޕާޓީގެ ޗެެއާމަން ރާޖާ ޒަފަރުލް ހައްގެވެ.

ނަވާޒް ޝަރީފަށް ޕާޓީގެ ލީޑަރުކަން ގެއްލިވަޑައިގެންނެވީ ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ކުރި ހުުކުމަކުންނެވެ.

ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ކުރި އެ ހުކުމާއެކު ޕީއެމްއެލް-އެންގެ ލީޑަރު ކަމުން ނަވާޒް ޝަރީފު އުނި ކުރުމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނަށް ކޯޓުން ވަނީ އަންގާފަ އެވެ.

ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކުރީ ނަވާޒް ޝަރީފު އަނބުރާ ޕާޓީގެ ރައީސްް ކަމަށް ވަޑައިގެންނެވުމަށް މަގު ކޮށުމަށް އޭނާގެ ޕާޓީން އިސް ނަގައިގެން މިދިޔަ އަހަރު ފާސްކުރި ގާނޫނަކާ ދެކޮޅަށް އެ ގައުމުގެ އިދިކޮޅު ފަރާތްތަކަކުން ހުށަހެޅި 17 ޕެޓިޝަނެއްގެ މައްސަލަ ބެލުމަށް ފަހުގަ އެވެ.

ތިން ވަނަ ފަހަރަށް ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ވަޑައިގެން ހުންނަވަނިކޮށް ނަވާޒް ޝަރީފަށް އެމަގާމު ގެއްލިވަޑައިގަތީ ވެސް ސުޕްރީމްކޯޓުން ކުރި ހުކުމެއްގެ ސަބަބުންނެވެ. މިދިޔަ އަހަރު އެ ކޯޓުން ކަނޑައެޅީ ޕާލަމެންޓް މެމްބަރެއްގެ ހުންނަވާ ޝަރުތު ޝަރީފުގެ ކިބައިގައި ނެތް ކަމަށެވެ.

އެ ހުކުމުގައި ބުނީ މެމްބަރު ކަމަށް ޝަރުތު ހަމަ ނުވާ މީހަކަށް ޕާކިސްތާނު ޕާލަމެންޓަށް ޕާޓީއަކުން މީހަކު ނޮމިނޭޓްކުރުމުގެ ކަރުދާސްތަކުގައި ސޮއި ނުކުރެވޭނެ ކަމަށެވެ.

ހުކުމާ ގުޅިގެން އޭރުގައި މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ނަވާޒް ޝަރީފު ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ފަރުދަކަށް އަމާޒުކޮށްގެން ކުރި ހުކުމެއް ކަަމަށެވެ.

ޕާކިސްތާނުގެ ސުޕްރީމް ކޯޓަކީ އެ ގައުމުގެ އަސްކަރިއްޔާއާ އެއްކޮޅަށް މަސައްކަތްކުރާ ކޯޓެއް ކަަމަށް ވިދާަޅުވެ، ޝަރީފު ވަނީ ސުޕްރީމް ކޯޓަށް ކުރިން ވެސް ފާޑުވިދާޅުވެފަ އެވެ. ޖުޑިޝަރީ އިއާދަ ކުރުމަށް ގޮވާލައި ޕާކިސްތާނުގައި ކުރިން ހިންގި ހަރަކާތުގެ ހަމަ އެކަނި މަގުސަދަކީ ދެތިން ފަނޑިޔާރުން މަގާމުތަކަށް އިއާދަ ކުރުން ނޫން ކަމަށް ވެސް ޝަރީފު އޭރު ވިދާޅުވިއެވެ.

"އެ ހަރަކާތުގައި ޖުޑިޝަރީ ވަނީ އިއާދަކޮށްފައި. އެކަމަކު ރައްޔިތުންނަކަށް އިންސާފެއް ނުލިބޭ، މިއީ އަދުލު އިންސާފު އިއާދަ ކުރުމުގެ ހަރަކާތް ފަށަންވީ ވަގުތު،" އޭނާ ވިދާޅުވެފައި ވެއެވެ.