ހަބަރު

ދުންޔާ މައުމޫން ސަރުކާރުން ވަކިވެވަޑައިގެންފި

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ދުންޔާ މައުމޫން އިސްތިއުފާ ދެއްވައިފި އެވެ. ދުންޔާ ސަރުކާރުން ވަކިވެވަޑައިގެންނެވީ މިއަދު އެވެ.

ދުންޔާ މައުމޫން އިސްތިއުފާ ދެއްވާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ ހައްގުތަކެއް ހިފަހައްޓާ ބައްޕާފުޅު މައުމޫން އަބްދުލް ގައްޔޫމް ހައްޔަރުކޮށްފައިވުމާ ގުޅިގެންނެވެ. މިއީ ދުންޔާ މި ސަރުކާރުން ވަކިވެވަޑައިގެންނެވި ދެވަނަ ފަހަރެވެ. މީގެކުރިން މަރުގެ ހުކުމާ ގުޅިގެން އުފެދުނު ހިޔާލު ތަފާތުވުމެއް ކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި އެވެ.

އެހެންނަމަވެސް އެ މަގާމުން ދުންޔާ އިސްތިއުފާ ދެއްވީ ރައީސް މައުމޫނާއި ރައީސް އަބްދުﷲ ޔާމީންއާ ދެމެދު ހިޔާލު ތަފާތުވުންތައް ބޮޑުވެ ޕާޓީ ދެބައިވުމާއެކު އެވެ. ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހެލްތް މިނިސްޓަރީއަށް އަލުން ވަޑައިގެންނެވީ ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވަން ބޭނުންވާ ކަމަށް ވިދާޅުވެ އެވެ. ނަމަވެސް ރައީސް މައުމޫން ހައްޔަރުކުރި ފަހުން ދުންޔާ މިނިސްޓްރީއަށް ވަޑައިނުގަންނަވަ އެވެ. މީގެ ދުވަސްކޮޅެއް ކުރިން ހުންނެވީ ޗުއްޓީ ވެސް ނަންގަވައިގެންނެވެ.

"މި ވަގުތު އަހަރެންގެ އާއިލާއަށާއި ގައުމަށް ދިމާވެފައިވަނީ ދެރަ ހާލަތެއް، އަހަރެންގެ އުއްމީދަކީ ބައްޕަ ވީއެންމެ އަވަކަށް ގެއަށް އެނބުރި ވަޑައިގަތުން،" އިސްތިއުފާއަށްފަހު ދުންޔާ ވިދާޅުވެފައިވެ އެވެ.

ދުންޔާ ވަނީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ކަންތައްތަކުން އަރައިގަނެ، ހަރުދަނާ ޑިމޮކްރަސީއެއް ގާއިމުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. ހެލްތް މިނިސްޓްރީގައި އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ދުންޔާ ކުރެއްވީ މެޑިކަލް ސްކޫލެއް ގާއިމުކުރުމުގެ މަސައްކަތެވެ. އެކަން ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ދުންޔާ ވިދާޅުވެފައިވެ އެވެ.

ދުންޔާ ވަނީ ރައީސް މައުމޫނަށް މިހާރު ކޮށްފައި ވަނީ ސިޔާސީ ތުހުމަތުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވާތީ ވަގުތުން ވަގުތަށް އެމަނިކުފާނު ދޫކޮށްލުމަށް މީގެ ދުވަސްކޮޅެއް ކުރިން ސަރުކާރަށް ގޮވާލައްވާފަ އެވެ. ނަމަވެސް އޭގެ ކުރިން ކުއްލި ނުރައްކަލުގެ ހާލަތަށް ތާއީދު ކުރައްވާ ދުންޔާ ވާހަކަފުޅު ދައްކަވާފައިވެ އެވެ. ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި، ކުއްލި ނުރައްކަލުގެ ހާލަތަކީ ގައުމުގެ ހަމަޖެހުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވެސް އެކަމަނާ ސިފަ ކުރައްވާފައިވެ އެވެ.

މިފަހުން ދުންޔާ ވަނީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ހައްޔަރުކުރި ބޭފުޅުންގެ ދިފާއުގައި ކަމަށް ވިދާޅުވެ އެކިއެކި ބޭފުޅުންނާ ބައްދަލުކުރައްވާފަ އެވެ. ދުންޔާ ބޭރުގެ ބައެއް ފަރާތްތަކާ ބައްދަލު ކުރައްވާފައި ވަނިކޮށް ރައީސް މައުމޫން ވަނީ އެމަނިކުފާނު ތަމްސީލް ކުރެއްވުމުގެ ހައްގު ހަމައެކަނި އޮންނާނީ ދުންޔާ އާއި އެއްމާބަނޑު އަނެއް ދަރިކަނބަލުން ޔުމްނާ މައުމޫނަށް އެކަނި ކަމަށް ވިދާޅުވެފަ އެވެ.