ވިޔަފާރި

ރާއްޖޭން އިންވެސްޓްމަންޓަށް ފަންޑު ހޯދުމުގެ ފުރުސަތު ފަހި: ގަވަރުނަރު

Feb 28, 2018

ރާއްޖޭގެ އެތެރޭގެ މާކެޓުން އިންވެސްޓްމަންޓް ތަކަށް ފަންޑު ހޯދުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް، މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.

ހޮޓެލް ޖެންގައި ބޭއްވި ސްޓޮކް އެކްސްޗޭންޖާއި ސެކިއުރިޓީސް ޑިޕޮސިޓަރީގެ 10 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ނަސީރު ވިދާޅުވީ ރާއްޖޭގެ އެތެރޭގެ މާކެޓްގައި ގިނަ ފަންޑުތަކެއް އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ މި ފަންޑުތަކުގެ ތެރޭގައި ޕެންޝަން އޮފީހުގެ 10 ބިލިޔަން ރުފިޔާގެ ފަންޑާއި މަރުކަޒީ ބޭންކުން ދޫކުރާ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް އެކަނި ބެލިނަމަވެސް، މާކެޓުން އިންވެސްޓްމަންޓް ތަކަށް ފަންޑް ހޯދުމުގެ ފުރުސަތު އޮތް މިންވަރު ހާމަވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިން ވެސް އިއުލާނުކޮށްފައިވާ ގޮތަށް، ޓީ ބިލާއި ބޮންޑް އާންމުންނަށް ވިއްކުމުގެ މަސައްކަތް ފަށަން ތައްޔާރުވާ ކަމަށެވެ.

މޫނުމަތީ އަގު ދަށްކޮށް، އާއްމުން ފަރުދުންނަށް ޓީ-ބިލް ވިއްކަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.

ގަވަރުނަރު ވިދާޅުވީ ޓީ-ބިލާއި ޓީ- ބޮންޑު އާންމުންނަށް ވިއްކަން ފެށުމަކީ ދިގު މުއްދަތުގެ އަމާޒެއް ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ޓީ-ބިލް ވިއްކާފައިވަނީ ރާއްޖޭގެ ބޭންކްތަކާއި އަމިއްލަ ބައެއް ބޮޑެތި ވިޔަފާރިތަކުގެ އިތުރުން ޕެންޝަން ފަންޑެވެ. މިގޮތުން 2015 ވަނަ އަހަރުގެ ނިޔަލަށް އެންމެ ގިނައިން (ޓީ-ބިލް) ގަނެފައިވަނީ ޕެންޝަން އޮފީހުންނެވެ. އެ އޮފީހުން 3.7 ބިލިއަން ރުފިޔާގެ ޓީބިލް ގަނެފައިވެ އެވެ އަދި ދެވަނަ އަށް އެންމެ ގިނައިން ގަނެފައިވާ ބީއެމްއެލްއިންނެވެ. އަދި އަމިއްލަ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނައިން ޓީ-ބިލް ގަނެފައިވަނީ ޗަމްޕާ ބަރަދާސްއިންނެވެ. އެ ކުންފުނިން 221 މިލިއަން ރުފިޔާ އަދި ކްރައުން ކޮމްޕެނީން 16 މިލިއަން ރުފިޔާގެ ޓީބިލް ގަނެފައިވެ އެވެ.