ވިޔަފާރި

ޓޫރިޒަމަށް ދޫކުރި ދެ ފަޅާއި ދެ ރަށުގެ ވެރިފަރާތް ބަދަލު ކުރަނީ

މާލެ އަތޮޅުން ދޫކޮށްފައިވާ ދެ ފަޅަކާއި ރ. އަދި އދ. އަތޮޅުގެ ދެ ފަޅު ރަށެއް ލިބުނު ފަރާތްތަކުން އެ ތަންތަން ދޫކޮށްލުމުގެ ގޮތުން މިލްކުވެރިކަން ބަދަލު ކުރަން އިއުލާނުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީ ވަކިވަކިން ކޮށްފައިވާ އިއުލާނުތަކެއްގައިވާ ގޮތުން ޓޫރިސްޓް ރިޒޯޓެއް ތަރައްގީ ކުރަން ދޫކޮށްފައިވާ ރ. ބޮޑުފަރުފިނޮޅާއި އަދި އދ. ބޮޑު ފިނޮޅު، މި ދެ ރަށުގެ ލީސް އެގްރީމަންޓްގެ ދަށުން އެރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބި ދީފައިވާ އެންމެހާ ހައްގުތައް ބަދަލު ކުރަން ރަށްތައް ނަގާފައިވާ ފަރާތުން ބޭނުންވާ ކަމަށެވެ. އެހެންކަމުން އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދަ އަށް އެދި އެ ފަރާތުން ހުށަހަޅުއްވާފައިވާތީ އެ ރަށާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ 14 ދުވަހުގެ ތެރޭގައި އެ މިނިސްޓްރީ އަށް އަންގަން އެދިފައިވެ އެވެ.

މި ދެ ރަށުގެ އިތުރުން މާލެ އަތޮޅު ދެ ފަޅެއް ވެސް ވަނީ އެ ފަޅުތައް ނެގި ފަރާތުން ވިއްކާލުމުގެ ގޮތުން، މިލްކުވެރިކަން ބަދަލު ކުރަން އިއުލާނުކޮށްފަ އެވެ. މިގޮތުން ކ. އަތޮޅު "ހިއްކާފައިވާ ބިން" ކުއްޔަށް ދިނުމާ ބެހޭ ލީސް އެގްރީމަންޓްގެ ދަށުން އެ ބިން ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްގުތައް އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދަ އަށް އެދި އެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ.

ޓޫރިޒަމް ތަރައްގީ ކުރުމުގެ ގޮތުން، ސަރުކާރުން ވަނީ ގިނަ ފަޅުތަކެއް ޓޫރިޒަމް ތަރައްގީ ކުރަން ދޫކޮށްފަ އެވެ. މިގޮތުން ޓޫރިޒަމަށް މާލެ އަތޮޅުން 26 ފަޅެއް ވަނީ ދޫކޮށްފަ އެވެ. އަދި މީގެތެރެއިން ބައެއް ފަޅުތަކުގައި ދަނީ ރިސޯޓުވެސް ތަރައްގީ ކުރަމުންނެވެ.