ސްރީލަންކާ

ލަންކާގެ އަމްޕާރާގައި މިސްކިތަކަށް ހަމަލަ ދިނުމުން ހޫނުވެއްޖެ

އަވަށްޓެރި ސްރީލަންކާގެ އިރުމަތީ ޕްރޮވިންސްގައިވާ އަމްޕާރާ ނަމަކަށް ކިޔާ ރަށުގައި މިސްކިތަކަށާއި މުސްލިމުންގެ ފިހާރައަކަށް ބުޑިސްޓުންގެ ބަޔަކު ހަމަލާ ދިނުމުން އެރަށަށް ނުތަނަވަސްކަން ވެރިއްވެއްޖެ އެވެ.

ކޮލަމްބޯ ގެޒެޓް ނޫހުން މިއަދު ބުނީ މިސްކިތަށާއި ފިހާރައަށް ބަޔަކު ގެއްލުން ދިނީ ރޭ ފަތިހު ކަމަށެވެެ. އަދި ބުނީ އެ ހާދިސާ ހިނގީ މުސްލިމަކު ހިންގާ ފިހާރައަކުން ވިއްކާ ކާތަކެއްޗަށް ބޭސް ގުޅަތަކެއް އެއްކުރާ ކަމަށް ބުޑިސްޓުންގެ ބަޔަކު ކުރި ތުހުމަތު ތަކަކަށް ފަހު ކަަމަށެވެ. އެގޮތުން ސޯޝަލް މީޑިއާގައި ބުޑިސްޓުންގެ ޖަމާއަތަކުންް އާއްމު ކުރި ވީޑިކއޯއެއްްގައި ވަނީ، ކާތަކެއްޗަށް ބޭސް ގުޅަތައް އެއްކުރި ކަމަށް މީހަކު އިއުތިރާފުވާ މަންޒަރު ދައްކާފަ އެވެ. ނަމަވެސް އެމީހާ އެގޮތަށް އިއުތިރާފު ކުރަނީ ބަޔަކު އޭނާ ހިފަހައްޓައި މަޖުބޫރު ކުރުމުން ކަން ވީޑިއޯއިން އެނގޭ ކަމަށް ނޫހުން ބުންޏެވެ.

ބަޔަކު އެއްވެގެން މުސްލިމުންގެ ފިހާރައެއްގައި ހުޅު ޖެހުމުގެ ހާދިސާއެއް ހިނގީ އެ ވީޑިއޯ އާއްމުކުރި ފަހުންނެވެ. އަދި އޭގެ ފަހުން މުސްލިމުންގެ އެހެން ބައެއް މުދަލަށް ގެއްލުން ދިނުމަށް ފަހު އެތަންތަނާ ކައިރީގައިވާ މިސްކިތަކަަށް ވެސް އޭގެ ފަހުން ގެއްލުން ދިނެވެ. ނަމަވެސް އެ މިސްކިތަށް ލިބުނު ގެއްލުމުގެ ތަފުސީލެއް ކޮލަމްބޯ ގެޒެޓްގެ ހަބަރުގައި ނެތެވެ.

މިސްކިތަށާއި މުސްލިމުންގެ މުދަލަށް ދިން އެ ހަމަލާތައް ލަންކާގެ މިނިސްޓަރް އޮފް އިންްޑަސްޓްރީ އެންޑް ކޮމާސް ރިޝާދު ބަދީއުއްދީން ވަނީ ކުށްވެރި ކުރައްވާފަ އެވެ. އެ ހަމަލާތަކަށް ލަންކާ ފުލުހުން ދިނީ "ކަނު ލޮލެއް" ކަަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ސިންގަޅަ ބަހުން ވާހަކަ ދައްކާ ބުޑިސްޓުންގެ އަޣުލަބިއްޔަތު އޮންނަ ސްރީލަންކާގައި މުސްލިމުންނަށާއި ތަމަަޅައިިންނާ ދެކޮޅު ހަރަކާތްތަައް ގިނަ ގިނައިން ހިނގައެވެ.