ވިޔަފާރި

ބީއެމްއެލް ގިފްޓް ކާޑު މިހާރު އަމިއްލައަށް ތައްޔާރު ކުރެވޭނެ

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގިފްޓް ކާޑު އަމިއްލައަށް ތައްޔާރު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.

"އަހަރެންގެ ބޭންކް ދިވެހިން"ގެ ބޭންކުގެ 28 ވަނަ ހަރަކާތުގެ ގޮތުގައި ބޭންކުގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ހިދުމަތް ތައާރަފުކޮށްދެއްވީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން އެވެ.

"ކްރިއޭޓް ޔުއާ އޯން ގިފްޓް ކާޑް"ގެ ނަމުގައި ތައާރަފުކުރި މި ހިދުމަތާ ބެހޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ޝަރީފު ވިދާޅުވީ ބޭންކުން ތައާރަފުކޮށްފައިވާ ގިފްޓް ކާޑު މިހާރު ބޭނުންވާ ޑިޒައިނަކަށް ތައްޔާރު ކޮށްލެވޭނެ ކަމަށެވެ.

"މިހާރު އަމިއްލައަށް ބޭނުންވާ ފޮޓޯއެއް ލާފައި ބޭނުންވާ މެސެޖެއް ވެސް ކާޑުގައި ޖެހޭނެ،" ޝަރީފު ވިދާޅުވި އެވެ.

ބީއެމްއެލް އަލަށް ތައާރަފުކުރި މި ހިދުމަތް ހޯދޭނީ އެ ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށެވެ. ބޭންކުގެ ސައިޓުގައި މިކަމަށް ހާއްސަ ޕޯޓަލް އަށް ލޮގިން ކުރުމަށް ފަހު ބޭނުންވާ ފޮޓޯ އާއި މެސެޖެއް ލިޔެލެވޭނެ އެވެ. ބޭނުންނަމަ މި ޕޯޓަލްގައި ހުރި ފޮޓޯ ވެސް ބޭނުން ކުރެވިދާނެ އެވެ. ނުވަތަ އަމިއްލަ އަށް ވެސް ފޮޓޯއެއް ނެގިދާނެ އެވެ. އަދި ކާޑުގައި ބޭނުންވާ ފައިސާގެ އަދަދެއް ހިމެނޭނެ އެވެ. އަދި ކާޑަށް އަޅަން ބޭނުންވާ ފައިސާގެ އަދަދު ވެސް ކަސްޓަމަރު އަމިއްލަ އަށް ކަނޑައެޅޭނެ އެވެ. ކާޑު ތައްޔާރުވުމުން މާލޭގައި ނަމަ ކަސްޓަމާ ސަވިސް ސެންޓަރުން، އަދި އެހެން ރަށެއްގައި ނަމަ ބޭންކުގެ ބްރާންޗަކުން ކާޑު ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. މި ހިދުމަތަށް އެޕްލައި ކުރުމުން ބްރާންޗު މާލެ އިން ނަމަ ތިން ދުވަހުގެ ތެރޭގައި ކާޑު ލިބޭނެ އެވެ. އަދި މާލެއިން ބްރާންޗުތަކުން ކާޑު ލިބޭނީ 10 ދުވަސް ތެރޭގަ އެވެ.

ބީއެމްއެލް ގިފްޓް ކާޑަކީ ކަނޑައެޅިފައިވާ ވަކި އަދަދަކަށް ފައިސާ ބޭނުންކުރެވޭ ގޮތަށް ގަންނަ ވަގުތުން ފެށިގެން ބޭނުންކުރެވޭ ކާޑެކެވެ. ގިފްޓް ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރުމަށްފަހު ފައިސާ ދެއްކުމަށް ރާއްޖޭގެ އެންމެ ބޮޑު ޕީއޯއެސް ނެޓްވޯކްކަމުގައިވާ ބީއެމްއެލް ޕީއޯއެސް މެޝިން ބޭނުންކުރެވޭނެ އެވެ.

ގައުމީ ބޭންކުން ގިފްޓް ކާޑުގެ ހިދުމަތް ތައާރަފުކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. އަދި މިކާޑަކީ ހަދިޔާ ދޭ ގިނަ ބަޔަކު މިހާރު ބޭނުންކުރާ އެއްޗެކެވެ.