ވިޔަފާރި

ބީއެމްއެލްގެ އޭޓީއެމުން ފައިސާ ނެގޭ އަދަދު އިތުރުކޮށްފި

  • ޑޮލަރު ނެގޭ އަދަދު 1،600 އަށް
  • ދުވާލަކު 25،000ރ. ނެގޭނެ
  • ފައިސާ ޖަމާ ކުރެވޭ އަދަދުވެސް އިތުރުކުރި

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތަކުން ފައިސާ ނެގޭ އަދި ޖަމާކުރެވޭ އަދަދު މާދަމަ އިން ފެށިގެން އިތުރު ކުރަން ނިންމައިފި އެވެ. ގައުމީ ބޭންކުން ގެނެސްފައިވާ މި ބަދަލާއެކު ފައިސާ ނެގޭ އަދަދު އިތުރު ވެގެންދާނީ އަމިއްލަ ފަރުދުންގެ އެކައުންޓް ކަމަށެވެ.

ގައުމީ ބޭންކުން ގެނެސްފައިވާ މި ބަދަލާއެކު، މިހާރު ދުވާލަކު 10،000ރ. ނެގުނުނަމަވެސް މާދަމައިން ފެށިގެން ދުވާލަކު 25000ރ. ނެގޭނެ އެވެ. އަދި ކުރިން 25،000ރ. ޖަމާ ކުރެވުނު ނަމަވެސް މާދަމައިން ފެށިގެން ބައިލައްކަ ރުފިޔާ ޖަމާ ކުރެވޭނެ އެވެ.

މި ބަދަލާއެކު މިހާރު ދުވާލަކު 640 ޑޮލަރު ނެގުނުނަމަވެސް މާދަމައިން ފެށިގެން ދުވާލަކު 1600 ޑޮލަރު ނެގޭނެ އެވެ. އަދި 3200 ޑޮލަރު ޖަމާ ކުރެވޭނެ އެވެ.

މި ބަދަލާއެކު، އޭޓީއެމް މެދުވެރިކޮށް ކުރެވޭ މުއާމަލާތްތައް ކުރުމަށް، 25000 ހާސް ރުފިޔާ އިން ދަށުގެ މުއާމަލާތް މާލޭގެ ބްރާންޗްތަކާއި އަތޮޅުތެރޭގައި ބޭންކުގެ ސެލްފް ސާވިސް އޭޓީއެމްތައް ގާއިމްކޮށްފައިވާ ބްރާންޗްތަކަށް ޑިޕޮސިޓްކުރުމާއި ފައިސާ ނެގުމުގައި ފީ އެއް މިވަނީ ކަނޑައެޅިފަ އެވެ. މި ގޮތުން ކޮންމެ މުއާމަލާތަކަށް 75 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް، ބޭންކުގެ ސެލްފް ސާވިސް ހިދުމަތް ނުލިބޭ ބްރާންޗަކުން މި ފީ އެއް ނުނަގާނެ އެވެ.

"ކަސްޓަމަރުން މުއާމަލާތްކުރުމަށް ބޭންކުގެ ބްރާންޗަކަށް ނުގޮސް ހިލޭ ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމުގެ ހިދުމަތް ބޭނުންކުރުމަށް ބޭންކުން ވަރަށް އެދޭކަމެއް،" ބޭންކުން ބުނެފައިވެ އެވެ.

ބީއެމްއެލް އިން ބުނީ މިދިޔަ އަހަރަށް ބަލާލާ އިރު 24 ގަޑިއިރު ހިދުމަތް ލިބޭ ބޭންކުގެ އޭޓީއެމް އާއި ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް 10 މިލިއަން މުއާމަލާތް ކުރި ކަމަށެވެ. އަދި މި ހިދުމަތްތައް މިވަނީ ކަސްޓަމަރުންގެ މެދުގައި މަގްބޫލް ހިދުމަތްތަކަށްވެފައި ކަމަށެވެ.

"ބޭންކުން އުއްމީދު ކުރަނީ މި ގެނެވުނު ބަދަލަކީވެސް ކަސްޓަމަރުންނަށް ބޭންކިން ހިދުމަތް ހޯދުމަށް އިތުރު ލުއިފަސޭހަކަން ލިބި، އަދި ބްރާންޗްތަކުން ދެމުންދާ ހިދުމަތައް އިތުުރު ފުރިހަމަކަމެއް ގެނުވާނެ ބަދަލެއްގެ ގޮތުގައި. އޭޓީއެމް ބޭނުންކުރުމުގެ ބަދަލުގައި ބްރާންޗަށް ހިދުމަތް ހޯދުމަށް އަންނަ އުމުރުން ދުވަސްވީ މީހުންނަށް އެއްވެސް ޗާޖެއް ނުނަގާނެ،" ބޭންކުން ބުނެފައިވެ އެވެ.