މިއުޒިކް

ޝިފްނާގެ "އޭންޖަލްސް ކާންޓް ފްލައި" އުދުހެނީ

މިއީ ދިވެހި ކުއްޖަކު އިނގެރޭސި ބަހުން ކިޔާ ރިލީޒް ކޮށްފައިވާ ލަވައެކެވެ. "އޭންޖަލް ކާންޓް ފްލައި" ގެ ނަންދީފައިވާ މި ލަވައަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ޔޫކްރެއިންގައި މެޑިސިން ކިޔަވަމުން އަންނަ ފާތުމަތް ޝިފްނާ، މި ލަވަ ކިޔާފައި ވަނީ ޔުނިވާސިޓީގެ ހަފްލާއަކަށެވެ. މި ލަވައިގެ ޅެން ތައްޔާރުކުރީ އޭނާ އަމިއްލަ އަށެވެ. ލަވައިގެ ރެޕް ބައިގެ ޅެން ތައްޔާރުކުރީ ހަމަ އެ ޔުނިވާސަޓީގައި ކިޔަވަމުންދާ ދަރިވަރު ގެބްރިއަލް އަނަމަން އެވެ. ލަވައިގެ ރެޕް ބައި ކިޔާފައި ވަނީ ވެސް ގެބްރިއަލް އެވެ.

މި ލަވައިގެ ޅެމުން ބުނެދެނީ ދުނިޔޭގައި ގޯހުން ކަމެއްދާނަމަ އެކަމެއް ބަދަލު ކުރުމަށް އަހަރެމެންނަށް ފިޔަގަނޑެއް -- ވަކި ބާރެއް -- ބޭނުން ނުވާ ކަމަށެވެ. ކޮންމެތާކުގެ ހުރި ކޮންމެ މީހަކަށް ވިޔަސް ހިތްވަރެއް ލައިފިނަމަ އެކަމެއް ބަދަލު ކުރުމުގެ ބާރު އޮންނާނެ ކަމަށެވެ.

"ލަވައިގެ ޅެމުގައި ބުނެދެނީ ކަމެއް ބަދަލުކުރުމަށް އަހަރެމެންނަށް އާދަޔާ ހިލާފު ބާރެއް ބޭނުން ނުވާކަން." ހިތްގައިމު ޅެމަކުން ތައްޔާރުކުރި މި ލަވައަށް ވީޑިއޯ ހަދަން ފުރުސަތު ލިބުނު ގޮތްވެސް ޝިފްނާ "އަވަސް" އަށް ހިއްސާކުރި އެވެ. "އަޅުގަނޑުމެން މި ލަވަ ޔުނިވާސިޓީގެ ހަފުލާއެއްގައި ހުށަހެޅުމުން ލަވަ ކަމުގޮސްގެން އެ ހަފްލާއަށް އެ ދުވަހު އައި ވީޑިއޯ ސިނަމަޓޯގުރާފަރެއް ފުރުސަތު ދިނީ ވީޑިއޯއެއް ހަދަން. ދެން އެންމެ އެބަސްވީ އެކަމަށް."

ލަވައިގެ ވީޑިއޯއިން ދައްކުވައިދެނީ މުސްތަގުބަލަށް އެއްވެސް އުއްމީދެއް ނެތި ސަލާންޖަހައިގެން ދިރިއުޅެމުން އައި މީހަކު، ބަޔަކު ކުޑަކުއްޖަކު ރަހީނު ކޮށްގެން ގެންދިއުމުން އެކުއްޖާ ސަލާމަތް ކުރުމަށް މަސައްކަތް ކުރާތަނެވެ. ލަވަގައި އެކްޓުކޮށްފައި ވަނީ ޔުނިވާސިޓީގެ ބައެއް ދަރިވަރުންނާއި އެ ޔުނިވާސިޓީ ހުންނަ ސިޓީ ބައެއް މީހުނެވެ.

ޝިފްނާ މިހާރު ވަނީ ރާއްޖޭގައި މަޝްހޫރުކަން ހޯދަމުންދާ ރެކޯޑް ލޭބަލެއް ކަމަށްވާ "ސިމްބޮލިކް ރެކޯޑްސް" އަށް ލަވަކިޔުމަށް ނިންމާފަ އެވެ. ޝިފްނާއަކީ ސިމްބޮލިކް ރެކޯޑްސްގެ ފުރަތަމަ އަންހެން ލަވަކިޔުންތެރިޔާ އެވެ.

"ލަވަކިޔުމަކީ އަބަދުވެސް ވަރަށް ކުރާހިތްވާ ކަމެއް. ސިމްބޮލިކް އާއެކު މަސައްކަތް ކުރަން މި ލިބުނު ފުރުސަތުގެ ބޭނުން ރަނގަޅަށްކޮށް، ރަނގަޅު ލަވަތަކެއް ގެނެސްދެވޭތޯ މަސައްކަތް ކުރާނަން." ޝިފްނާ ބުންޏެވެ.

ލަވަކިޔުމަކީ ލިބޭ ހުސް ވަގުތު ތަކުގައި ހޮބީއެއް ގޮތުގައި ކުރާކަމެއް ކަމަށް ޝިފްނާ ބުންޏެވެ. ކެރިއަރެއްގެ ގޮތުގައި ލަވަކިޔުމުގެ ދާއިރާ ހިޔާރުކުރާކަށް އޭނާ ބޭނުމެއް ނުވެ އެވެ.

"މިއީ ފްރީޓައިމްގައި ހޮބީއެއް ގޮތަށް ކުރާކަމެއް. ސިމްބޮލިކް އާއެކު މަސައްކަތް ކުރި ނަމަވެސް މި ދާއިރާ އިން ކެރިއާއެއް ބިލްޑު ނުކުރާނަން. ޕްރޮފެޝަނަލްކޮށް ކުރިއަށް ދާނީ ޑޮކްޓެރެއްގެ ގޮތުގައި."

އެ ލަވަ ނެރުނުތާ މިހާރު ހަފްތާއެއް ވެފައިވާއިރު މިހާތަނަށް ޔޫޓިއުބުގައި 71 ހާހަށްވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ.