މާލެ އާއި ވިލިމާލޭގެ މަގުތަކާއި އާއްމު އިޖްތިމާއީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ހަވާލުކޮށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މީގެ ކުރިން އެމަސައްކަތަކީ ކުރަމުން ގެންދިޔައީ ހައުސިން މިނިސްޓްރީގެ ދަށުންނެވެ. އެމަސައްކަތް ވެމްކޯއާ ހަވާލު ކުރަން ނިންމީ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް އެގޮތަށް ކަނޑައެޅުއްވުމުންނެވެ. އެގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ނާއިބު އަލީ އާމިރެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހީމެވެ. އަދި ވެމްކޯ ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއު އެވެ.
އެއްބަސްވުމުގެ ދަށުން މާލެ އާއި ވިލިމާލޭގެ މަގުތައް ސާފުކޮށް ކުނި ނެގުމުގެ މަސައްކަތް މިއަދުން ފެށިގެން ވެމްކޯއިން ކުރަމުން ގެންދާނެ އެވެ. އަދި ކުރިއަށް އޮތް މަހެއްހާ މަސްދުވަހުގެ ތެރޭގައި އެންވަޔަރަންމަންޓް މިނިސްޓްރީން އުސޫލުތަކެއް ކަނޑައެޅިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ތަންތަން ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެމްކޯ އިން ކުރަމުންދާނީ ހައުސިން މިނިސްޓަރީން ކަނޑައަޅާ މިންގަޑު ތަކާއި އެއްގޮތަށް ކަމަށާއި އެމަސައްކަތް ކުރާ ފެންވަރު އެމިނިސްޓްރީ އިން ބަލަހައްޓަވަމުން ގެންދާނެ ކަމަށް އެންވަޔަރުމަންޓް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، ވެމްކޯ އިން އެމަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދިވެހި މުވައްޒަފުނާއެކު ކޮންމެ ދުވަހަކު ހުރިހާ ސަރަހައްދުތަކެއް ކުނިކަހާ ސާފުކުރާ ގޮތަށް ކަމަށާއި އަންހެނުންގެ ތެރެއިން މިކަމުގެ ޝައުގުވެރިވާ ފަރާތްތަކަށް އެމީހަކު ދިރިއުޅޭ ސަރަހަދެއްގެ މަގުތަކާއި އިޖްތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ ވަޒީފާގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.
މިނިސްޓްރީން އިތުރަށް ބުނީ، މާލެ އާއި ވިލިމާލޭގެ މަގުތަކާއި އާއްމު ސަރަހައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ގެނެވުނު ބަދަލާއި ގުޅިގެން، އާން މުސާފުތާހިރުކަން ވަރަށް ބޮޑަށް ރަނގަޅުކުރެވި މިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި ޒުވާނުންނަށާއި އަންހެނުންނަށް އާމްދަނީއެއް ހޯދުމަށް ވަޒީފާގެ ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.