އިދިކޮޅު ފަރާތްތައް

ބޯޓު މައްސަލާގަ ރެކި ނުގަނެވޭނެ: އިދިކޮޅު

އުތުރު ކޮރެއާގެ ބޯޓަކަށް ރާއްޖޭގެ ދިދަ ޖަހާފައިހުރި ޓޭންކަރެއް ކައިރި ކޮށްގެން މަނާ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށާއި އެ އުޅަނދުން އުތުރު ކޮރެއާގެ ބޯޓަށް މުދާ އެރުވި ކަމަށް ތުހުމަތު ކޮށްފައިވާ މައްސަލައިން ސަރުކާރަށް ރެކި ނުގަނެވޭނެ ކަމަށާއި އެކަމާއި ގުޅުން ހުރި ހަގީގަތްތައް ހާމަ ކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.

އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ތުހުމަތު ކުރައްވާ ވިދާޅުވީ ބޯޓް މައްސަލާގައި ސަރުކާރުގެ ފުރިހަމަ ބައިވެރިވުން އެބައޮތް ކަމަށެވެ. އެކަން ހޯދާ ބަލާ ފިޔަވަޅު އެޅުމަކީ މިހާރުން މިހާރަށް ކުރަން ޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި މި ސަރުކާރާ އެއްވެސް ގުޅުމެއް އެބޯޓާއި ނެތް ކަމަށާއި އޮތޯރިޓީން އެފަދަ ބޯޓެއް ރަޖިސްޓަރީ ކޮށްފަ ނެތޭ ބުނާ ބުނުމަކީ ކުށްވެރިކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ

ސައުދު ވިދާޅުވީ، ރާއްޖޭގެ ދިދަ އަމިއްލަ ފަރާތަކަށް ބޭނުމެއް ނުކުރެވޭނެ ކަމަށާއި ޓްރާންސްޕޯޓް އޮތޯރިޓިން މީގެ ހަގީގަތް ހޯދައި ރައްޔިތުންނަށް ތެދު ހަގީގަތް ހާމަކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި އެކަން ދޮގު ކޮށް، އެއީ ރާއްޖެއާ ގުޅުން ހުރި އުޅަނދެއް ނޫންކަަމަށް ބުނެ ނޫސްބަޔާން ނެރުމަކީ ޒިންމާދާރު ފަރާތްތަކުން ކުރާ ކަމެއް ނޫން ކަމަށެވެ.

"ބޭރު ގައުމުތަކަށް ދަތުރުކުރާ ބޯޓު ފަހަރުތަކުގައި ހަރުުކުރަން މަޖުބޫރު އެއްޗެއް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް، އެގެންވެސް ދައްކަނީ އެއީ ރާއްޖޭގެ ބޯޓެއް ކަން، ރާއްޖޭގެ ނަމުގައި އެބޯޓް ރަޖިސްޓަރީ ކޮށްފައިވާކަން އެއްވެސް ބަޔަކަށް ދޮގެއް ނުކުރެވޭނެ، އެކަން އެބައޮތް ހާމަވާން، އިންޓަނޭޝަނަލް ސައިޓް ތަކުން އެކަން ހާމަވޭ ހުރިހާ މައުލޫމާތެއް،" ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ، ބޭރު ދުނިޔޭގައި ރާއްޖެ ބަދުނާމު ވެއްޖެ ކަމަށާއި ރާއްޖެ މިވަނީ ނޯތް ކޮރެއާގެ ދަރަޖައަށް ވެއްޓިފައި ކަމަށެވެ. އަދި ވިދާޅުވީ، މިކަމުގެ ސަބަބުން ރައްޔިތުންނާއި ދައުލަތް ވަނީ ބޭޒާރުވެފައި ކަމަށާއި ރާއްޖޭގެ މޫނުމަތި ވަނީ ހަޑިވެފައި ކަމަށެވެ. މިއީ ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"ގޮތް ނޭނގޭ ކަންތައްތަކެއް މި ހިންގަނީ މިއީ ނުހަނު ކަންބޮޑުވާ މައްސަލައެއް، ރާއްޖެ ރައްޔިތުންނަށް ނޭންގި ރާއްޖެ ވިއްކާލާފައި މި އޮންނަނީ، މިކަމުގެ އަޑީގައި ތިބި ފަރާތްތައް ހޯދަން ޖެހޭނެ، އެއީ ދައުލަތުގެ ޒިންމާއެއް، ހަގީގަތް ހާމަ ކުރުމަށް ވީ އެންމެ އަވަހަކަށް ގޮވާލަން،" ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ، އެ ބޯޓާ ބެހޭ ހުރިހާ މައުލޫމާތެއް ވަރަށް އަވަހަށް އިދިކޮޅު ފަރާތްތަކުން ހާމަ ކުރާނެ ކަމަށާއި އެ ބޯޓަކީ ކޮން ފަރާތެއްގެ ކޮން ކުންފުންޏެއްގެ ބޯޓެއް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު މައުލުމާތުތައް ހޯދަމުުންދާނެ ކަމަށެވެ.

"ރައީސް ޔާމީންގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ، އދ. ގެ ސެކއިރިޓީ ކައުންސިލްގެ ގޮނޑިއެއް ހޯދުމުގެ މަސައްކަތް ކުރުމުންދާ ކަމަށް، ނަމަވެސްް ފެނިގެން މިދަނީ ސުޕްރީމް ކޯޓުގެ ފެނޑިޔާރުން ރަހީނުކޮށްފަ، ދުނިޔޭގެ ގާނޫނުތަކަށް އަރައިގަނެފަ، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ބޮޑެތި ގައުމުތަކާއެކު ވިޔަފާރި ކުރަމުންދާ މަންޒަރު،" ސައުދު ވިދާޅުވި އެވެ.

ބޯޓާބެހޭ ގޮތުން އިދިކޮޅުން ތުހުމަތުތައް ކުރި ނަމަވެސް ސަރުކާރުން އެކަން ވަނީ ދޮގުކޮށްފައެވެ. އަދި އެ ބޯޓާ ގުޅުވައި ދޮގު މައުލޫމާތު ފަތުރާ މީޑިއާތަކަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.