ރިޕޯޓް

އިންތިޒާރުކުރި އިސްތިއުފާ: ރުޅިއާ އުފަލާއި ހިތްވަރު!

ސަރުކާރަށް އައި ކޮންމެ ހަމަލާއަކަށް ދިފާއީ އައްޑަނެއްގެ ގޮތުގައި، ފިސާރި ފޮރިން މިނިސްޓަރަކަށް ހުންނެވުމަށްފަހު ދުންޔާ މައުމޫން އިސްތިއުފާ ދެއްވުންވެގެން ދިޔައީ ބޮޑު ކަމަކަށެވެ. އެކަމަނާގެ ބައްޕާފުޅު މައުމޫން އަބްދުލް ގައްޔޫމަށް ސަރުކާރުން ކުރިމަތިވި ކަންތައްތަކާއެކު ސަރުކާރާ ދުންޔާ ވެސް ހިޔާލު ތަފާތުވެ އެއް ފަރާތްވީ އެވެ. ބައްޕާފުޅާއެކު ނެންގެވި ފިޔަވަޅަށް ތައުރީފު ލިބުނުތާ މާގިނަ ދުވަހެއް ނުވެ އަނެއްކާވެސް ދުންޔާ ސަރުކާރަށް އެނބުރި ވަޑައިގަތީ އެވެ. ކުރިން ހުންނެވި މަގާމަށްވުރެ ދަށް މަގާމަކަށެވެ. ނަމަވެސް ރައްޔިތުންނަށް ހިދުމަތް ކުރައްވަން ބޭނުންވާ ކަމަށް ވިދާޅުވެ އެވެ.

ދުންޔާ މައުމޫން އަލުން ސަރުކާރާ ގުޅިވަޑައިގަތްއިރު ބައްޕާފުޅު މައުމޫނާއި ކޮއްކޯފުޅު އަހުމަދު ފާރިސް އަދި ޔުމްނާ މައުމޫން ގެންދެވީ އިދިކޮޅާއެކު ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އޭގެ ސަބަބުން ސަރުކާރާއި ޕީޕީއެމްގެ ތެރެއިން އެ ބޭފުޅުންނަށް "ދުއްތުރާތައް" ދިޔައީ އަމާޒު ވަމުންނެވެ. މާގިނަ ދުވަހެއް ނުވެ ފާރިސް ޖަލަށްލީ އެވެ. އެންމެފަހުން ރައީސް މައުމޫނާއި ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމް ވެސް ޖަލަށްލީ އެވެ.

އާއިލާ އާއި ގައުމަށް އައިސްފައިވާ "މޯލްޑިވްސް ކްރައިސިސް" އާއެކު ދުންޔާ ބޮޑު އިމްތިހާނަކަށް ގަންބާލީ އެވެ. އެންމެން ވެސް ގޮވަމުން ދިޔައީ ދުންޔާގެ އިސްތިއުފާ އަށެވެ. ސަރުކާރުން ވަކިވުމަށެވެ. އިދިކޮޅާ ގުޅިގެން ރައީސް މައުމޫން ދައްކަވާ މިސްރާބުން ޔުމްނާ މައުމޫންއެކޭ އެއްފަދައިން ހިންގުމަށެވެ. އެހެން ނަމަވެސް ދުންޔާ ވިދާޅުވަމުން ގެންދެވީ "ޕީސް ނޮޓް ވާ" ކަމަށެވެ. މަޝްވަރާކޮށްގެން ނޫނީ ހައްލެއް ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ. ހަސަދަ އާއި ރުޅިވެރިކަން އެއްކިބާކުރުމަށް ވެސް ގޮވާލެއްވި އެވެ.

ހަމައެއާއެކު ދުންޔާގެ ފަރާތުން "ދެ އަތަށް ކެތޭ" ގިނަ ވާހަކަތަކެއް އަޑުއިވިގެން ދިޔަ އެވެ. އެއް ފަހަރު ރައީސް ޔާމީންއާއެކު ސާބިތުވެ ހުންނެވި ކަމަށް ވިދާޅުވެ އެމަނިކުފާނު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ އިއުލާން ކުރައްވަން ޖެހިގެން ކަމަށް ވިދާޅުވެ އެވެ. އަނެއް ފަހަރު ނުކުމެ ވަޑައިގަތީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ބޭފުޅުންގެ ދިފާއުގައި ވަކާލާތު ކުރެއްވުމަށެވެ. އެންމެފަހުން އެއީ ސިޔާސީ ކުށްވެރިންގެ ގޮތުގައި ވެސް ސިފަ ކުރެއްވި އެވެ.

ދުންޔާގެ އެފަދަ ވާހަކަތަކާއެކު މީހުންގެ އޮތް ރުޅި ދުންޔާއަށް އިތުރުވި އެވެ. ދެ އޮޑިއަށް އެއް ފަހަރާ ފައި ނަންގަވައިގެން ހުންނެވި ކަމަށް ބުނެ ފާޑުކިޔުންތައް އިތުރުވި އެވެ. ސަރުކާރުގެ ތެރެއިން ވެސް ފާޑުކިޔުންތައް އަންނަމް ފެށި އެވެ. ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ ވަނީ ދުންޔާއަށް ކޮންމެ ވެސް އެއް ގޮތެއްގައި ސާބިތުވެ ހުންނެވުމަށް ގޮވާލައްވާފަ އެވެ.

ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވެސް ދުންޔާއަށް ފާޑުކިޔުންތައް އަމާޒުކުރެއްވި އެވެ. ފާޑުކިޔުންތަކާއެކު ވެސް ދުންޔާ ގެންދެވީ އޭނާގެ އެންމެ ވަރުގަދަ މޮޓޯ، ޕީސް ނޮޓް ވާ ޕްރޮމޯޓް ކުރަމުންނެވެ. އެކަމަކު އޭގެ ފައިދާއެއް ނެތި "ހަނގުރާމައިގެ އަލިފާން" ދިޔައީ ބޮޑުވަމުންނެވެ.

"މޯލްޑިވްސް ކްރައިސިސް" ގައި އެކަމަށް އެންމެ އިންތިޒާރުކޮށް އެކަމަށް އެންމެ ގިނަ ބަޔަކު އެދުނުކަން ވެސް އިތުރު "ހަނގުރާމައެއް" އާއިލާގެ ތެރޭގައި ވެސް ނުބޭއްވުމަށް ދުންޔާ ކުރެއްވީ އެވެ. އިސްތިއުފާ ދެއްވީ އެވެ. އެއާއެކު އުތުރި އެރީ ތަފާތު ޝުއޫރުތަކެެވެ. ތަފާތު ހިޔާލުތަކާއި ތަފާތު ޖަޒުބާތުތަކެވެ. ދުންޔާ އިސްތިއުފާ ދެއްވުމާއެކު ޔުމްނާ މަރުހަބާކީ ރަތް ހިތަކާއެކު އެވެ. އިދިކޮޅު ޕާޓީތަކުން ދޮރުތައް ހުޅުވާލި އެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވަނީ އެ ޕާޓީގެ ދޮރު ދުންޔާއަށް ހުޅުވިފައިހުރި ކަމަށް ވިދާޅުވެ އިސްލާހީ މަސައްކަތުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށް ދައުވަތު ދެއްވާފަ އެވެ. އެ ޕާޓީ މިފަހުން ގުޅިވަޑައިގެންނެވި އަދި ދުންޔާއާއެކު ވަރަށް އެކުގައި މަސައްކަތް ކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ސިފަ ކުރެއްވީ ދުންޔާގެ ނިންމުމަކީ ހިތްވަރުގަދަ ނިންމުމެއްގެ ގޮތުގަ އެވެ. ދުންޔާއަށް އެކި ގޮތްގޮތަށް ފާޑުކިޔުންތައް އަމާޒުކުރަމުން ދިޔަ އާންމު އިދިކޮޅު މެންބަރުން ވެސް ދުންޔާގެ ނިންމުމަށް ސާބަސްދީ ވީއެންމެ އަވަހަކަަށް މުޒާހަރާތަކުގައި ބައިވެރިވަޑައިގަތުމަށް އެދެމުން ދިޔަ އެވެ.

އެކަމަކު ވަރަށް "ޑިޕްލޮމެޓިކް" ދުންޔާ އަނެއްކާވެސް ވިދާޅުވީ އެންމެން ހައިރާންކޮށްލާފަދަ ވާހަކަތަކެވެ. ބަޔަކު ކުރި އުއްމީދުތައް ވެސް "ފެނަށް ދުއްވާލި" އެވެ. އިސްތިއުފާ ދެއްވުމަށް ދުންޔާ ވިދާޅުވީ އޭނާ އިދިކޮޅުގެ އެއްވެސް ހަރަކާތަކާ ނުގުޅޭނެ ކަމަށެވެ. ކުރިއަށް ދަނީ އެކަނި ފަހުރުވެރި ދިވެއްސެއްގެ ގޮތުގަ ކަމަށެވެ. ރައީސް މައުމޫންއާއެކު ސާބިތުވެ ހުންނެވި ކަމަށް ވިދާޅުވެ ރައީސް ޔާމީންއަކީ ވެސް އާއިލާ ކަމުން އެމަނިކުފާނުގެ އަރިހުގައި ވެސް ހުންނެވި ކަމަށް ވިދާޅުވި އެވެ.

ދުންޔާ ރުޅިވެރިކަމުގެ ފާޑުކިޔުންތައް އަނެއްކާވެސް އަމާޒުވެގެން ދިޔައީ ލިބެމުން ދިޔަ ހިތްވަރާއި ތައުރީފަށް ރަނގަޅަށް ޝުކުރު ވެސް އަދާ ނުކުރެވެނީހެވެ. އެކަމަނާ ދުވަހަކު ވެސް ބަދަލު ނުވާނެ ކަމަށާއި އަދިވެސް އެ ހުންނަވަނީ ދެ އޮޑިއަށް ފައި ނަންގަވައިގެން ކަމަށް ބުނެ ފާޑުކިޔުންތަކުގެ ޓްވީޓްތައް ފަތި ފައްޗަށް އަންނަމުން ދިޔަ އެވެ. ދުންޔާ އިސްތިއުފާ ދެއްވާ ކުރަން ގަސްދު ކުރެއްވި މަސައްކަތަކީ ކާމިޔާބު ވާނެ މަސައްކަތެއް ނޫންކަން ބުނަމުން ދިޔަ އެވެ. އެހެން ބުނެ ފާޑުކިޔުންތައް އަމާޒުކުރީ ރައީސް މައުމޫން ވިދާޅުވެފައިވާ ވިދާޅުވުމަކާ ވެސް ގުޅިގެންނެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ސަރުކާރާ ދައްކާނެ ވާހަކައެއް ނެތް ކަމަށާއި ވާހަކަ ނުވެސް ދައްކަވާނެ ކަމަށެވެ. މަޝްވަރާކޮށްގެން ކަންކަން ހައްލު ކުރުމަށްވުރެ ގޯސްވެފައިވާ ކަމަށެވެ.

ދުންޔާގެ އަމާޒު ހުންނެވީ މަޝްވަރާއަށެވެ. ތަފާތު ހިޔާލުތައް އެއް މޭޒަކަށް ގެންދިޔުމަށެވެ. އެކަމުގެ މެދުވެރިޔަކަށްވުމަކީ މިހާރު ދުންޔާ އަމާޒު ހިފާއިވާ މަސައްކަތެކެވެ. ރައީސް ޔާމީންއާއެކު ހުންނަވާ ރައީސް މައުމޫންއާއެކު ހުންނެވީ އެހެންވެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެންމެ ސުވާލެކެވެ. ފާޑުކިޔުންތަކާއެކު ދުންޔާގެ މި އަމާޒަށް ވާސިލުވެވިދާނެބާވަ އެވެ؟

"އެކި ފަރާތްތަކުގެ ފިންތުންތަކާއެކު ވެސް އަޅުގަނޑު މިހުރީ އަޅުގަނޑު ގަބޫލުކުރާ ގަބޫލުކުރުން މަތީ ސާބިތުކަމާއެކު" ދުންޔާ ފާޑުކިޔުންތަކަށް ދެއްވާ ޖަވާބަކީ މިއީ އެވެ.

ދުންޔާއަށް ހިތްވަރު ދެއްވާ ބޭފުޅުންނަށް "މޯލްޑިވްސް ކްރައިސިސް"ގެ "ޕީސް މޭކާ"އަކަށް ދުންޔާ ވާނެ ކަމުގެ ވަރަށް ބޮޑު އުއްމީދަކާއި ޔަގީން ކަމެއް އެބަ އޮތެވެ. އެގޮތުން ޔޫކޭ ހައުސް އޮފް ލޯޑްސްގެ މެންބަރެއް ކަމަށްވާ ސަޔީދާ ވަރްސީ ވިދާޅުވީ ގައުމުގެ ހާލަތު ބަދަލުކުރާނެ ގޮތުގެ ހައްލެއް ހޯދުމަށް ދުންޔާ ކުރެއްވި ބުރަ މަސައްކަތް އޭނާއަށް އެނގިލައްވާ ކަމަށެވެ. އެހެންވެ އުއްމީދުތަކެއް އެބަ އޮތް ކަމަށެވެ.

ޑިޕްލޮމޭޓެއް އަދި ނޫސްވެރިއެއް ކަމަށްވާ އެލިޒެބަތު ކޮލްޓަން ދެކެލައްވާ ގޮތުގައި ދުންޔާއަކީ "ގޭމް ޗޭންޖާ"އަކަށް ވެދާނެ އެވެ. މަޝްވަރާއަށް ބޭރުގެ އެހީ ހޯދައި އެކަމުގައި ދުންޔާ ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ. ކުރީގެ ފޮރިން މިނިސްޓަރަށްވުމުން އެއީ އެކަމަނާއަށް ފަސޭހަ ކަމަކަށްވާނެ އެވެ.

އެހެންނަމަވެސް ވަރުގަދަ އިމްތިހާނު އޮތީ ރާއްޖޭގަ އެވެ. ރާއްޖޭގެ އިދިކޮޅު ލީޑަރުންނާއި ރައީސް އެއް މޭޒަކަށް ގެންދިޔުމަކީ ވަރަށް އުދަނގޫ ކަމަކަށް މިހާރު މަޝްރަހު އޮތް ގޮތުން ވާނެ އެވެ. ބަލަން ތިބެމާ ހެއްޔެވެ؟ ފަހުރުވެރި ދިވެހީންގެ ގޮތުގައި އެންމެންނަށް ކުރިއަށް ދެވޭނެތޯ ބަލަމާ ހެއްޔެވެ؟ އެކަމުގައި ދުންޔާއަށް ކުރެވެނީ ކޮން މަސައްކަތެއްތޯ ބަލަމާ ހެއްޔެވެ؟

ހަމަ އެންމެ ކަމެކެވެ. ފާޑުކިޔާ މީހުންގެ ވެސް އެންމެ ކަންބޮޑުވުމަކީ އެއީ އެވެ. އަނެއްކާ ދުންޔާ ކޮޅު އަނބުރާލަދާނެތީ އެވެ. އުނދަގުލުން ދިން އިސްތިއުފާ ހަނދާން ނައްތާލައި އަލުން ސަރުކާރާ ގުޅިވަޑައިގަތުމަކީ ވަރަށް "ޕޮސިބަލް" ކަމެއްގެ ގޮތުގައި ގިނަ ބަޔަކަށް ގަބޫލު ކުރެވެ އެވެ.