ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމު "ވަކިން ލޯބިން" އަށް ކުރި ދިގު އިންތިޒާރުގެ ނިމުން ކައިރިވީ އެވެ. ތަފާތު ޓީޒާތަކާއި ލަވަތަކާއެކު ފިލްމު ބަލާލަން ކެއްމަދުވެފަ ތިބި އެތައް ބަޔަކު އެބަތިއްބެވެ. އަންނަ ހޯމަ ދުވަހުގެ ރޭ ފިލްމު ޕްރިމިއާ ކުރާނެ އެވެ.
ޑާކްރެއިން މި ފިލްމާއި ގުޅޭ ހަދިޔާއެއް ކޮންމެ ހަފުތާއަކު ދެމުން އަންނައިރު މިހާރު ވަނީ އަނެއްކާ ވެސް އިތުރު ހަދިޔާއެއް ދީފަ އެވެ. ފިލްމުގެ އިތުރު ލަވައެއް ވަނީ އާންމުކޮށްފަ އެވެ. މިފަހަރު "ދުނިޔެ ދައުރުވަނީ" އެވެ. މި ލަވަ އިވިގެން ދަނީ ޝަމްމޫން (ޝައްމު) މުހައްމަދު އަދިި ފަތޯގެ އަޑުންނެވެ. މިއީ ޝައްމު މި ފިލްމަށް ކީ ދެ ވަނަ ލަވަ އެވެ.
މި ލަވާގައި ފިލްމު އިތުރު މަންޒަރުތަކެއް ފެނިގެންދެ އެވެ. ފިލްމުގައި ޖުމައްޔިލް އަދި މަޖޫއަށް ކުއްޖެއް ލިބިގެން އުޅޭ މަންޒަރުތައް ފެނިގެންދެ އެވެ. ކުރީގެ ލަވަތަކާއި އެއްގޮތަށް މި ލަވަވެސް އަޑުއަހާލަން ފަސޭހަވެފައި މަންޒަރުތަށްވެސް ޗާލެވެ. މި ފިލްމުގައި ހިމެނޭ ހުރިހާ ލަވައަކީ ވެސް އަމިއްލަ ރާގުގެ ލަވަތަކެކެވެ. މީގެ ކުރިން މި ފިލްމުގެ އިތުރު ދެ ލަވައެއް ބެލުންތެރިންނަށް ދޫކޮށްލާފައިވެ އެވެ.
ފެމިލީ ޑްރާމާ މި ފިލްމުގެ ލީޑުން ފެނިގެންދާނީ ޖުމައްޔިލް ނިމާލް (ޖުމަލް) އަދި މަރިޔަމް މަޖުދާ (މަޖޫ) އެވެ. މި ދެ ތަރިންނާއެކު ހާއްސަ ރޯލަކުން ނުޒުހަތު ޝުއައިބު (ނުޒޫ) ފެނިގެންދާނެ އެވެ.
ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަހުން ވިއްކަމުން ދާއިރު، މާލޭގެ އިތުރުން އަތޮޅު ތެރޭ ގިނަ ރަށްތަކެއްގައި ފިލްމު ދެއްކުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ފިލްމު ޕްރިމިއާ ކުރާ ދުވަހު ހދ.ކުޅުދުއްފުށީގައި ފިލްމު ދައްކާނެ އެވެ.
އައްޑޫ އަދި ފުވައްމުލަކުގައި ވެސް ފިލްމު ދެއްކުމަށް ހަމަޖެހިފައިވެ އެވެ. ޑާކްރެއިން ބުނީ ވީހާވެސް ގިނަ ރަށެއްގައި ފިލްމު ދެއްކުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.
މި ފިލްމަކީ އައިޝަތު ފުއާދު ތައުފީގުގެ ސްކްރީންޕްލޭއަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓު ކޮށްފައިވާ ފިލްމެކެވެ.