ދީން

ނަމާދާއި ސިއްހަތާއި ވަރަށް ބޮޑު ގުޅުމެއްވޭ!

ނަމާދަކީ ދީނުގެ އެންމެ މަތިވެރި އަޅުކަމެވެ. ދީނުގެ ތަނބަކީ ނަމާދެވެ. ދުވަހުގެ ފަސް ވަގުތު ނަމާދު ކުރުމަށް މާތްﷲ އަހަރެމެންނަށް ވާޖިބު ކުރައްވާފައިވަނީ އެހެންވެ އެވެ. ނަމާދަށް ފަރުވާ ކުޑަކޮށްލެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެކަން އެހެން އޮތް އިރު އެއީ ދީނީ އަޅުކަމެއްގެ އިތުރަން ނަމާދަކީ ސިއްހީ ގިނަގުނަ ފައިދާތަކެއް ވެސް އިންސާނާއަށް ލިބިދޭ ކަމެކެވެ.

ނަމާދަކީ ތިމާގެ ސިއްހަތު ދުޅަހެޔޮ ގޮތުގައި ބެހެއްޓުމަށްޓަކައި ދީނުގައި ތިބާއަށް ދީފައި އޮތް ބޭސް ސިޓީ ކަމުގައި ދެކި އެއަށް އަމަލު ކޮށްފިނަމަ ފައިދާ ކުރާނެ އެވެ. ނަމާދުގެ ފައިދާ އެންމެ ރަނގަޅަށް ކުރާނީ ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުގައި އެކަން ކުރަމަށް އަންގަވާފައިވާ ގޮތަށް ފުރިހަމައަށް ނަމާދު އަދާ ކުރުމުންނެވެ. މި ލިޔުން ލިޔެފައި ވަނީ އެކި ވެބްސައިޓުތަކުގައި ދީނީ އިލްމުވެރިންނާއި ސިއްހީ ތަޖުރިބާކާރުން ލިޔެފައިވާ ބައެއް ލިޔުންތަކަށް އަލި އަޅުވާލައިގެންނެވެ.

ބެކްޓީރިއަލް އިންފެކްޝަންތަކުން ސަލާމަތްކޮށްދޭ

ނަމާދު ކުރުމުގެ ކުރިން ވުލޫ ކުރުމަކީ ވާޖިބެކެވެ. ކޮންމެ ނަމާދަކަށް ވުލޫ ކުރުމުން މީހާ ސާފުތާހިރު ކަންމަތީ ހުންނާނެ އެވެ. ވުލޫގައި ސުންނަތް ވެގެންވާ ގޮތަށް ވުލޫ ކުރުމުން ނުވަތަ ދެއަތް ދޮވުމުން އެންމެ ފަސޭހައިން ގައިންގަޔަށް އަރާ ބަލިތަކުން މީހާ ދުރުކޮށް ދޭނެ އެވެ.

ހޮސްޕިޓަލްތަކުގައި ވެސް ގިނައިން އަތް ދޮވުމަށް އިލްތިމާސްކޮށް ޕޯސްޓަރުތަށް ހަރުކޮށްފައި ހުރުމަކީ މިކަމަށް ބާރުދޭ ހެއްކެކެވެ. މީގެ އިތުރުން އަނގަ ދޮވުމުން ދަތް ފަނިި ކެއުންފަދަ ކަންކަމަށް އޮންނަ ފުރުސަތު ކުޑަކޮށްދޭނެ އެވެ.

ވުލޫކުރުމަށް ނޭފަތް ދޮވުމުން ނޭފަތުގައި ހުންނަ ތަފާތު ޖަރާސީމުތައް ފެނާއެކު ދުއްވާލަ އެވެ. ސާފު ފެނާއެކު ނޭފަތް ދޮވުމަކީ އާންމު ބަލިތައް ކަމަށްވާ ހުމާއި އާއި ސައިނަސް އާއި ރޯގާ އަދި ފުއްޕާމޭގައި އުފެދޭ އިންފެކްޝަންތައް ދުރުކޮށްދޭ ކަމެކެވެ. ނޭވާލުމަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

އަހަރެމެން އާންމުކޮށް ކުރާ އެއް ޝަކުވާއަކަށް ވާނީ މޫނު ތެޔޮ ވުމާއި މޫނުން ބިހި ނެގުމެވެ. ވުލޫ ކުރަން މޫނު ތިން ފަހަރު ދޮންނަ ޖެހެ އެވެ. އަވަސް އަވަހަށް ވަކި މިންގަނޑެއްގެ ތެރެއިން މޫނު ދޮވުމަކީ ދާހިއްލުމާއި މޫނުގައި ބިހިނެގުން ދުރުކޮށްދޭ ކަމެއް ކަމަށް މޭކަޕް އާޓިސްޓުން ވެސް ބުނެ އެވެ. ނަމާދުން މިކަމަށް ވެސް ހައްލު މިއޮތީ އެވެ.

އެތެރެހައްޓަށް ލުއިކަން ލިބޭނެ

ނަމާދުގައި ކުރެވޭ ހަރަކާތްތަކުގެ ސަބަބުން ހަށިގަނޑު ހުންނަ ނާރުތަކުގެ އިތުރުން އެންމެ ހިމަ ހިމަ ނާރުތަކަށް ލުއި ލިބި ނާރުތަކުގައި ލޭ ހިނގުން ފަސޭހަވެގެން ދެ އެވެ. އެކަމުގެ ސަބަބުން ހިތުގެ ހިނގުން ވަރަށް ބޮޑަށް ދުޅަހެޔޮވެ ފަސޭހަ ކަމާއެކު ބޮލަށާއި ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭ ދައުރު ކުރުމަށް އެހީ ވެއެވެ.

ހަށިގަނޑުގައި ދައުރުވާ ލޭ ފުރިހަމަ ގޮތުގައި ދައުރުވަމުން ދާނަމަ ނޭވާލުމަށް ފަސޭހަވެ ނޭވައި ކުރުވުންފަދަ އެންމެހާ ކަންކަމުން ދުރުކޮށްދެ އެވެ. ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭ ދައުރުވަމުން ދާއިރު މަސްތަކަށް ލޭ ލިބުމުން މަސްތައް ދެމި، މަސްގުޅަ ކެއުމާއި ރިހުން ފަދަ ކަންކަމުން ދުރުކޮށް ދޭނެ އެވެ. އަދި މީހާ މުރާލިވެ ހެލިފެލިވެ އުޅުމަށް ފަސޭހަ ވެގެން ދެއެވެ.

ހިތަށް ތަދުވުމާއި ބުރަކަށީގެ ތިރީގެ ކަށިގަނޑަށް ދިމާވާ ސިއްހީ ތަފާތު މައްސަލަތަކުން ސަލާމަތްކަން ލިބެ އެވެ. ބުރަކައްޓަށް ތަދުވުމުން ދުރުކޮށް ދިނުމަށް އެންމެ ބޮޑަށް އެހީ ވާނީ ނަމާދުގައި ރުކޫއަށް ދިއުމަށް ކުރާ ހަރަކާތުންނެވެ.

ނުތަނަވަސްކަން ފިލައި ދިއުން

އިންސާނާގެ އަމަލުތަކާއި އޭނާގެ ހިތްހަމަޖެހުމާއި ހިތް ނުތަނަވަސްވުން ފަދަ އެންމެހާ އިހްސާސްތައް ބަލަހައްޓައިދޭ އެއް މަރުކަޒަކީ އިންސާނާގެ ސިކުނޑި އެވެ. އިންސާނާގެ ސިކުނޑީގައި ނުތަނަވަސްކަމެއް އުފެދިއްޖެނަމަ އިންސާނާގެ ހަށިގަނޑުގައިވާ އެހެން ގުނަވަންތައް އެންމެ ފުރިހަމައަށް މަސައްކަތެއް ނުކުރާނެ އެވެ.

ގުނަވަންތައް ފުރިހަމައަށް މަސައްކަތް ނުކުރާނަމަ އިންސާނާގެ ހިތަށްޖެހޭ ބަލިތަކާއި ސިކުނޑިއަށްޖެހޭ ބަލިތައް އިތުރުވެ އެވެ. ހިތް ހުއްޓުމާއި ލޭގެ ޕުރެޝަރު މަތިވުމާއި ސުޓްރޯކްޖެހުމާއި އަދި ބްރެއިން ޓިއުމާ ފަދަ އެތައް ބަލިތަކަކަށް މަގުފަހިވެ އެވެ. ނަމަވެސް ނަމާދުގެ އަޅުކަން ރަނގަޅު ގޮތުގައި ކުރާނަމަ މި ބަލިތަކުން މީހާ ސަލާމަތް ކޮށްދެ އެވެ. އާންމުކޮށް ނަމާދުގެ ތެރެއިން މިކަމަށް އެންމެ ބޮޑަށް އެހީ ވާނީ ސަޖިދައަށް ދިއުމުންނެވެ.

ނަމާދުގައި މަޑުމައިތިރި ކަމާއެކުގައި ކަނުލައި ހުރެ އިމާމް މީހާ ގުރުއާން ނުވަތަ ތަކުބީރުތައް ކިޔަވަމުންދާއިރު އަޑުއެހުމުން، އަޑުއެހުމުގެ ހުނަރު ތަނަވަސް ކޮށްދީ ވިސްނުން މުއްސަނދި ކޮށްދެ އެވެ. ހިތް ނުތަނަވަސްވުމާއި މީހާގެ މާޔޫސްކަން ފިލުވައިދީ އާ އުއްމީދުތަކެއް ކުރުމަށް މީހާއަށް ހިތްވަރު ހޯދައިދެ އެވެ.

މިހާރު މީހުން އެންމެ އާންމުކޮށް ކޮށްއުޅޭ ކަސްރަތުތައް ކުރުމުން ލިބޭ ގިނަ މުހިންމު ފައިދާތަކެއް ނަމާދުގެ ހަރަކާތްތަކުން ވެސް ލިބެ އެވެ. ފަސް ވަގުތު ފަސް ނަމާދު ބަރާބަރަށް ކުރާނަމަ ޔޯގާ ކުރުމަށް ހޭދަ ކުރާ ވަގުތު ވެސް ސަލާމަތް ވީނުން ހެއްޔެވެ.

ހުޅުތަކާއި ކަށިތަކަށް ލުއި ލިބޭނެ

ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ނަމާދާއި ނަމާދުގެ ހަރަކާތްތަކުގެ ސަބަބުން އިންސާނާގެ ހުޅުތަކުގެ ކޮޅުގައި ހުންނަ މަޑުކަށި ހަލާކުވުމުންނާއި، ހުޅުތައް ހިކި ދުޅަވަމުންދާ ދިއުމުން ދުރުކޮށްދެ އެވެ. ހާއްސަކޮށް އުމުރުން ދުވަސްވަމުންދާ މީހުނަށް މިއީ ވަރަށް ބޮޑު ފަރުވާއެކެވެ.

ހުޅުތައް ލެނބުމުގެ ސަބަބުން ހުޅުތަކުގެ ހަރަކާތްތެރި ކަމަށް އެއްވެސް މައްސަލަތަކެއް ނުޖެހި ހުރުމަށް އެހީވާނެ އެވެ. ހުޅުތައް ހަރުނުވެ ހިފަހައްޓައި ދީ ހުޅުތަކުގައި ހުންނަ ރިހުން ކަނޑުވާލައިދެ އެވެ. ހުޅުތަކުގެ އިތުރުން މައިބަދައަށާއި ކައްޓަށް ގިނަގުނަ ފައިދާތަކެއް ވެސް ކޮށްދެ އެވެ.

ބަރުދަން ލުއި ކުރުމަށް ވެސް ނަމާދުން އެހީތެރިވެ އެވެ. ނަމާދުގެ ހަރަކާތްތަކުން މީހާގެ ހަށިގަނޑުގައި ހުންނަ ކެލޮރީސްތައް ނައްތާލުމަށް ވެސް އެހީވެ އެވެ. ރަނގަޅު ސިއްހަތެއްގައި ހުރުމަށް ބަރުހެލިކަމުން ދުރުވާންޖެހެ އެވެ.

ނަމާދުކޮށް ނިންމާ ސަލާމްދޭއިރު ދެ ފަރާތަށް މީހާގެ މޫނު އެނބުރުމުން ވެސް ވަރަށް ބޮޑު ފައިދާއެއް ކުރެ އެވެ. ކަރުގެ ކަށިތަކާއި ކޮނޑާއި ފަހަތުގެ މަސްގަނޑަށް ލުއިކަން ލިބެ އެވެ. ކަރުން ތިރިއަށް ދާ ހުރިހާ ނާރަކަށް ލުއި ލިބެ އެވެ. އެއާއެކު ބޯ އެނބުރުން އެރުމާއި މައިގްރޭން ފަދަ ބަލިތަކުން ސަލާމަތްކޮށްދެ އެވެ.

ނަމާދުން ސިއްހީ ފައިދާތަށް ލިބޭނެކަން ޔަގީން ނަމަވެސް ބަލި ހާލަތު ދަށަށް ގޮސް ޑޮކްޓަރަށް ނުދައްކާ، ނަމާދުން އެކަމަށް ހައްލު ލިބޭނެ ކަމަށް ހީކޮށް ނުތިބުމަށް ދީނީ އިލްމުވެރިން ވެސް އިރުޝާދު ދީފައިވެ އެވެ.