ދުނިޔެ

އެންމެ ދިގު ބްރިޖާއެކު ޒޫހައި އާއި މަކާއޯގެ އެކަހެރިކަން ނިމުނީ!

ދިގު މިނުގައި 2741 މީޓަރު ހުންނަ ގޮންބެއި ޓަނަލްގެ މަސައްކަތް ނިމުނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ޗައިނާ ރޭލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަނުން ބުނާ ގޮތުގައި، ނުކުންނަން އޮންނަ އަނގަމަތީގައި 336.8 އަކަމީޓަރު ހުންނަ އެ ޓަނަލަކީ ދުނިޔޭގައި މިހައިތަނަށަށް ހުޅުވާ އެންމެ ދިގު ހައިވޭ ޓަނަލެވެ.

ޓަނަލުގެ މަސައްކަތް ނިމުމަކީ ޗައިނާއިން އަނެއްކާ ވެސް ދުނިޔޭގެ ރެކޯޑެއް ގާއިމް ކުރުމުގެ ފެށުމެވެ. އެ މަސައްކަތާއެކު ނިންމާ އެ ލެވުނީ ޗައިނާގެ ބާރުގެ ދަށުގައި އޮންނަ ސަރަހަައްދުތަކުގެ ތެރެއިން ދެމެދުގައި ކަނޑު އޮތުމުގެ ސަބަބުން އެކަހެރިވެފައިވާ ދެރަށް، މައިރަށާ ގުޅުވައިލުމުގެ މަސައްކަތެވެ. އެގޮތުން ގުޅުވައި އެ ލެވުނީ ހޮންކޮންއާއި ޒޫހައިއާއި މަކާއޯއެވެ.

ޒޫހައިއާއި ހޮންކޮންގާއި މަކާއޯ ގުޅުވާލަދޭ 55 ކިލޯމީޓަރުގެ ދިގު ބްރިޖްގެ މަސައްކަތުގައި ނިމުމުގެ ސިއްކަ ޖެހުނީ އެ ޓަނަލްގެ މަސައްކަތް ފުރިހަމަ ވުމުންނެވެ. އެ ބްރިޖަކީ ޕާލް ރިވާ ނަމަކަށް ކިޔާ ކޯރު ކަނޑަށް ގޮސް ނިމޭ ސަރަހައްދުން ފަށައިގެން ގޮސް ހޮންކޮންގްއާ ހަމައަށް އަޅާފައިވާ ބްރިޖެކެވެ. ވަރަށް ދަތި އުނދަގުލުން ނޫނީ މަސައްކަތް ނުކުރެވޭ ފަދަ އެތައް މާހައުލެއް ހުރަސްކޮށް އަޅާފައިވާ އެ ބްރިޖްގެ މަސައްކަތުގެ ތެރެއިން ޓަނަލްގެ މަސައްކަަތަށް އެކަނިވެސް ފަސް އަހަރު ހޭދަވިއެވެ.

އެކަމަކު ބްރިޖް ހުޅުވުމުން ލިބެން އޮތް ފަސޭހަތަކަށް ބަލާއިރު އެކަމަށް ކުރި ހިންމަތުގެ ފުރިހަމަ އަގެއް ލިބެއެވެ. އެގޮތުން ޒޫހައި އިން ފުރައިގެން ކަނޑުމަގުން ތިން ގަޑި އިރުން ކުރި ދަތުރު ދެން ކުރުވެގެންދާނީ އެންމެ 30 މިނެޓަށެވެ. އެގޮތުން ޕާލް ރިވާގެ އައްސޭރީގައިވާ ޝަހަރުތަކާއި ހޮންކޮންއާއި މަކާއޯއާ ދެމެދު ހިނގާ އިގުތިސާދީ ހަރަކާތްތައް އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ. ނަތީޖާއަކީ ބާރަށް ކުރިއަރަމުން އަންނަ އިގުތިސާދީ ސަރަހައްދަކަށް އެ ސަރަހައްދު ބަދަލުވެގެން ދިއުމެވެ.

ޗައިނާގެ އިންޖިނޭރުން ދެކޭ ގޮތުގައި ހޮންކޮން-ޒޫހައި-މަކާއޯ ބްރިޖަކީ އިންޖިނޭރިންގެ ދާއިރާއިން ކުރެވިފައިވާ އަޖާއިބު ކުރުވަނިވި މަސައްކަތެކެވެ. އެ މަސައްކަތަށް ޗައިނާއިން ވަނީ އެވަރަށް ވަގުތާއި ފައިސާވެސް ހަރަދުކޮށްފައެވެ. އެގޮތުން ބްރިޖްގެ މަސަައްކަތް ފަށަން ހަމަ އެކަނި ތައްޔާރުވުމަަށް ހަ އަހަރު ދުވަސް ހޭދަކުރިއެވެ. އަދި ބްރިޖް ބިނާކުރުމުގެ މަަސައްކަތަށް އިތުރު އަށް އަހަރު ހޭދަކުރިއެވެ.

ހޮންކޮން- ޒޫހައި- މަކާއޯ ބްރިޖްގައި މައިގަނޑު ތިން މަސައްކަތެއް ހިމެނެއެވެ. އެއީ 22.9 ކިލޯމީޓަރުގެ މައި ފާލަމާއި 6.7 ކިލޯމީޓަރުގެ ޓަނަލާއި އާޓިފިޝަލް ޖަޒީރާއެކެވެ. އެ ޖަޒީރާއާ އެކު ބްރިޖްގެ ޖުމްލަ ދިގުމިނަކީ 55 ކިލޯމީޓަރެވެ.

ޗައިނާ ސަރުކާރުން ލަފާ ކުރަނި އަންނަ ޖުލައިމަހުގެ ފުރަތަމަ ދުވަހު ބްރިޖް ހުޅުވޭނެ ކަމަށެވެ.