ހަބަރު

މަޖީދީ މަގު އެއްވުން ހުއްޓުވައި ބަޔަކު ހައްޔަރުކޮށްފި

މާލޭގެ އެންމެ ކާރުބޮޑު މަގު، މަޖީދީ މަގަށް އިދިކޮޅު ފަރާތްތަކުން އެއްވެ މުޒާހަރާކޮށްފި އެވެ. މަޖީދީ މަގުގެ އެކި ސަރަހައްދުތަކުގައި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މީހުން މިއަދު އެއްވި އެވެ.

އިދިކޮޅު ޕާޓީތަކުން ރާވައިގެން ކުރިއަށް ގެންދާ އެއްވުމަކީ ކުރިން އިއުލާންކޮށްގެން ބޭއްވި އެއްވުމެކެވެ. އެއްވުމުގައި އިދިކޮޅު ޕާޓީތަކުގެ އިސްވެރިންނާއި މަޖިލިސް މެންބަރުން ވެސް ބައިވެރިވި އެވެ. އެ އެއްވުން ކުރިއަށް ގެންދިޔަ ނުދީ ފުލުހުން ވަނީ ހުރަސް އަޅާފަ އެވެ.

މުޒާހަރާކުރާ މީހުން އެއްވީ ސޯސަން މަގާއި މަޖީދީ މަގާ ގުޅޭ ހިސާބަށާއި ޗާންދަނީ މަގާއި މަޖީދީ މަގާ ގުޅޭ ހިސާބަށް އަދި މާވެޔޮ މަގާއި މަޖީދީ މަގާ ގުޅޭ ހިސާބަށެވެ.

އެއްވުމުގެ ބައިވެރިން ކޮންޓްރޯލް ކުރުމަށް އެސްއޯ ފުލުހުން މަޖީދީ މަގުގައި ހަވީރާއި ރޭގަނޑު ގިނަ އަދަދަކަށް ދަނީ ހަރަކާތްތެރިވެފަ އެވެ. އެގޮތުން އެއްވުން ރޫޅާލަން ފުލުހުން ޕެޕާ ސްޕްރޭ ޖެހި އެވެ. އޭގެ ސަބަބުން ބައެއް މީހުންނަށް ވަނީ އަސަރުކޮށްފަ އެވެ. އެއްވުން ރޫޅާލުމުގެ ތެރޭގައި ބަޔަކު ހައްޔަރުވެސް ކޮށްފައިވެ އެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ އަދަދު ސާފެއް ނުވެ އެވެ. ހަވީރު ވެސް އަދި ރޭގަނޑު ވެސް ބައެއް މީހުން ހައްޔަރުކޮށްފައިވެ އެވެ.

ހަވީރު ހައްޔަރުކުރި ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރުން ކަމަށްވާ އަބްދުﷲ ރިޔާޒާއި އަބްދުﷲ ޝާހިދާއި ލަތީފް ހިމެނިވަޑައިގަންނަވަ އެވެ. އަދި އެމްޑީޕީގެ ޔޫތް ވިންގްގެ ރައީސް މީކާއިލް ވެސް ހައްޔަރުކޮށްފައިވެ އެވެ.

އެއްވުމުގެ ބައިވެރިން ގޮވާލީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން ހައްޔަރުކޮށްފައިވާ އެންމެން ދޫކޮށްލުމަށެވެ.