ހަބަރު

ރިޔާޒާއި ޝާހިދު އަދި ލަތީފް ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ޕޮލިސް ކޮމިޝަނާ އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ހައްޔަރުކޮށްފި އެވެ. އެ ދެ ބޭފުޅުން ހައްޔަރުކުރީ ކޮން ތުހުމަތެއްގަ ކަމެއް ސާފެއް ނުވެ އެވެ.

ޝާހިދު ނިސްބަތްވާ އެމްޑީޕީއިން މައުލޫމާތު ދިން ގޮތުގައި ޝާހިދާއި ރިޔާޒު ހައްޔަރުކޮށްފައިވަނީ މިހާރު މަޖީދީ މަގުގައި އިދިކޮޅު ޕާޓީތަކުން ކުރިއަށްދާ އެއްވުމުގެ ތެރެއިންނެވެ.

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ގޮވާލައި މިހާރު ކުރިއަށްދާ އެއްވުމުގެ ތެރެއިން ދިއްދޫ ދާއިރާގެ މެންބަރު ލަތީފް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

މިއަދުގެ އެއްވުމުގެ ތެރެއިން އިދިކޮޅުގެ ތިން މެންބަރަކު މިހާތަނަށް ހައްޔަރުކޮށްފައިވާއިރު މިހާރު ވެސް ދޫނިދޫގައި ހަތަރު މަޖިލިސް މެންބަރުން އެބަ ތިއްބެވި އެވެ. އެއީ އިދިކޮޅު އެއްވުމުގެ ތެރެއިން ހައްޔަރުކުރި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި މަންޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނެވެ.