ހަބަރު

ހުރިހާ ތައުރީފެއް އެއް ދިމާލަކަށް!

މިއަދު ހަވީރު އިދިކޮޅު ޕާޓީތަކުން މަޖީދީ މަގަށް މީހުން އެއްކޮށް ބޭއްވި އެއްވުމާ ގުޅިގެން އެންމެންގެ ދުލު ކުރިއަށް ތައުރީފްގެ ބަސްތަކާއެކު އައިސްފައިވަނީ އެންމެ މީހެކެވެ. ދެ އަސާގަނޑާއެކު ރަޔަޓް ފުލުހުންގެ ކުރިމަތީ ސާބިތުކަމާއެކު ހުރި މެދު އުމުރުފުރާގެ ފިރިހެނަކަށެވެ.

އޭނާގެ މިއަދުގެ އެއްވުން ކުރިއަށް އެއް ސަރަހައްދު ކަމަށްވާ މާވެޔޮ މަގާއި މަޖީދީ މަގު ގުޅޭ ސަރަހައްދަށް އެއްވުމަށް ނިކުތް މީހެކެވެ. އޭނާ އެއްވުމަށް ނުކުތީ "ނުނިކުމެ ވާން ނެތް" ކަމަށް ބުނެ އެވެ. ގައުމުގެ ހާލަތާމެދު ކަންބޮޑުވާ ކަމަށް ބުނެ އެވެ.

ދެ އަސާގަނޑުގެ އެހީގައި އޭނާ ހިނގާއިރު އަތުގައި އޮތީ ދިވެހި ދިދަ އެވެ. ދިދަ ވިހުރަމުން އޭނާގެ ޝުއޫރުތައް ގޮވަމުން ދިޔައެވެ. އެއްވުމުގެ ބައިވެރިން ފަހަތަށް ޖެއްސުމަށް ފުލުހުންގެ ބާރުގެ ބޭނުންކުރަމުން ދިޔުމުން އޭނާ އެދެމުން ދިޔައީ "އަނިޔާވެރި" ނުވުމަށެވެ. ގާނޫނު އަސާސީއިން ލިބިދީފައިވާ ހައްގުތައް ނުހިފެހެއްޓުމަށެވެ.

މަޖީދީ މަގުގެ މެދުގައި އަސާގަނޑެއްގެ އެހީގައި ހުރެ އޭނާ ބޭނުން ކުރީ ގާނޫނު އަސާސީއިން ލިބިދޭ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ ހައްގެވެ. އޭނާ އެ ހައްގު ބޭނުން ކުރަމުން ދިޔައީ އެހެންމީހުންނަށް ހިތްވަރެއް ދިނުމުގެ ގޮތުން ކަމަށް ބުނެ އެވެ. ސޯޝަލް މީޑިއާގައި އޭނާގެ ފޮޓޯތައް ދައުރުވަމުންދާއިރު އެތައް ބަޔެއްގެ ތައުރީފް ވަނީ ލިބިފަ އެވެ. އޭނާގެ ހިތްވަރަށް ދަނީ ސާބަސް ދެމުންނެވެ.

އެއްވުމުގައި އޭނާ ބައިވެރިވިއިރު ފުލުހުންގެ ފަރާތުން ވެސް އޭނާއަށް ހާއްސަ ސަމާލު ކަމެއް ދިން ތަން ފެނިގެން ދިޔަ އެވެ. ގިނަ ވަގުތު އޭނާ ފެނިގެން ދިޔައީ ފުލުހުންނަށް އެކި ނަސޭހަތްތައް ދެމުން ދިޔަ މަންޒަރެވެ.