ދުނިޔެ

އުތުރުކޮރެއާއަށް މުދާ އުފުލި ބޯޓުތައް ބްލެކްލިސްޓްކުރަން ޗައިނާއިން ދެކޮޅު

އުތުރު ކޮރެއާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ގަރާރުތަކާ ހިލާފަށް އެ ގައުމަށް މުދާ އުފުލައިދިން އާ ގުބޯޓްތަކަކާއި އާގުބޯޓު ދުއްވާ ކުންފުނިތަކަކާއި މީހަކު ބްލެކްލިސްޓް ކުރަން އދ. ގެ ސަލާމަތީ މަޖިލީހަށް ވެއްދި މައްސަލައެއް ޗައިނާއިން މަޑުޖައްްސާލައިފި އެވެ.

ރޮއިޓާސް ބުނީ ބްލެކްލިސްޓް ކުރަން އެމެރިކާއިން ހުށަހެޅި ލިސްޓްގައި ވަނީ 33 އުޅަނދަކާއި 27 ކުންްފުންޏަކާއި ފަރުދެއް ކަަމަށެވެ. ލިސްޓްގައި ހިމަނާފައިވާ މީހާއަކީ ޗައިނާގެ ސިޔާދަތީ ބާރު ހިނގާ ޓައިވާނުގެ ރައްޔިތެކެވެ.

އުތުރު ކޮރެއާއިން ބޯޓުދެލި ބޭރުކޮށް، އެ ގައުމަަށް ތެޔޮ އެތެރެ ކުރަން ކަނޑުމަގުން ހިންގާ ސްމަގްލިންގެ ހަރަކާތްތައް ހުއްޓުވަން ކަމަށް ބުނެ އެމެރިކާއިން އެ ލިސްޓް ސަލާމަތީ މަޖިލީހަށް ހުށަހެޅީ ހަފުތާއެއްހާ ދުވަަސް ކުރިންްނެވެ.

އެމެރިކާއިން ހުށަހެޅި މައްސަލަ ހިފަހައްޓާލީ ކީއްވެ ކަމެއް ޗައިނާއަކުން އަދި ނުބުނެއެވެ. ސަލަމަތީ މަޖިލީހަށް ހުށަހަޅާ މައްސަލަތައް އާއްމުގޮތެއްގައި މަޑު ޖައްސާލަނީ އެ މައްސަލައަކާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދަން ގައުމަކުން ބޭނުންވާ ހާލަތެއްގަ އެވެ. އެގޮތަށް މަޑުޖައްސާލުމަށް ފަހު އަލުން އެ މައްސަލައެއް ކުރިއަށް ގެންދެވިދާނެެ އެވެ. އެކަމަކު ޗައިނާއަކީ ވީޓޯ ކުރުމުގެ ބާރު އޮންނަ ގައުމަކަށް ވާތީ މައްސަލަ ބޭރުކޮށްލުމުގެ ބާރު ވެސް އެގައުމަށް އޮންނާނެ އެވެ.

އެމެރިކާއިން ހުށަހަޅާފައިވާ ގޮތަށް ލިސްޓްގައިވާ އުޅަނދުތައް ބްލެކްލިސްޓްކޮށްފި ނަމަ އެ އުޅަނދުތައް ދުނިޔޭގެ ގައުމުތަކުގައި ބަނދަރު ކުރުން މަނާވެގެންދާނެ އެވެ. އެމެރިކާއިން ހުށަހެޅި ލިސްޓްގައިވާ 33 އުޅަނދުގެ ތެރެއިން 19 އުޅަނދަކީ އުތުރުކޮރެއާގެ އުޅަނދުތަކެވެ. ލިސްޓްގައިވާ ކުންފުނިތަކަށާއި މީހާއަށް ލިބޭނެ އަދަބަކީ އެސެޓްތައް ފްރީޒް ވުމެވެ.

އެމެރިކާއިން އިސްނަގައިގެން އުތުރު ކޮރެއާއަށް ދަތިކުރުމުގެ ފިޔަަވަޅުތައް އަޅަނީ އެގައުމުން ނިއުކްލިއަ ހަތިޔާރު އުފައްދަން މަަސައްކަތްކުރާތީ އެކަން ހުއްޓުވުމަށެވެ.