ޓްރީ ޓޮޕް ހޮސްޕިޓަލް

ފުރަތަމަ ދުވަހު 100 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދި

Mar 3, 2018
6

އެންމެ މަތީ ފެންވަރުގައި ތަރައްގީކުރި ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލް ޓްރީޓޮޕް ހުޅުވީ މިދިއަ ބުރާސްފަތި ދުވަހު އެވެ. އެންމެން އިންތިޒާރު ކުރަމުން އައި އެ ހޮސްޕިޓަލް ހުޅުވި އިރުވެސް ގިނަ ބައެއްގެ މީދުތައް ހުރީ "ޓޮޕް"ގަ އެވެ. ރާއްޖޭގައި ތިބެ "ވޯލްޑް ކްލާސް" ސިއްހީ ހިދުމަތެއް ލިބޭތީ އެވެ. އެއްވެސް ރަސްމީ ބައެއް ނުހިމަނާއި ހުޅުވައި ހިދުމަތް ފަށައިގަތް ޓްރީޓޮޕްގެ ފުރަަތަމަ ދުވަހުގެ ވާހަކަ އަދި ނާދޭ ނޫން ހެއްޔެވެ؟ އެ ހޮސްޕިޓަލްގައި ފުރަތަމަ ދުވަހު ފަރުވާ ހޯދި މީހުން އަންނަީ އެ ހޮސްޕިޓަލުގައި ކުރެވުނު އިހުސާސްތައް ބަންޑުން ކުރަމުންނެވެ. އެވެ. އެމީހުންގެ އުފާވެރި "ރިވިއު" ސޯޝަލް މީޑިޔާގައި ލިޔަމުންނެވެ.

"އަހަރެންގެ ބައްޕަ ޑޮކްޓަރަށް ދައްކަން އިއްޔެ [ބުރާސްފަތި] ދުވަހު ދިޔަ އިން. އެ ތަނުން ފެނުނީ ހިނިތުންވުން. ހޮސްޕިޓަލަށް ވަތން ހިސާބުން ނިކުތުމާ ހަމައަށް ލިބުނު ހިދުމަތް ދުވަހަކު ވެސް ހިތުން ނުފިލާނެ،" ބައްޕަ ގޮވައިގެން ހޮސްޕިޓަލަށް ދިޔަ އަންހެނަކު ފާތުމަތު ރިޝްފާ ފޭސްބުކްގައި ލިޔެފައިވާ ހިޔާލަކީ މި އެވެ.

އެހެން މީހަކު ބުނެފައިވާ ގޮތުގައި އޭނާ ތިން ފަހަރަށް ހޮސްޕިޓަލަށް ފަރުވާ ހޯދަން ދިޔަ ކަމަށެވެ. މި ތިން ފަހަރު ވެސް އެތަނުން ފެނުނީ ހިނިތުންވުން ކަމަށް އޭނަ ބުނެފައިވެ އެވެ.

"ބުނާގެ އެއްޗެއް ނެތް. މިއީ ހަމަ ވޯލްޑް ކްލާސް ފަރުވާ،" ދިވެހި ފިރިހެނަކު ބުނެފައިވެ އެވެ.

މި ފަދަ އެތަށް ބަޔަކު ވަނީ ބުރާސްފަތި ދުވަހު އެކަނި ވެސް ފަރުވާކޮށްފަ އެވެ. ޓްރީޓޮޕް ހޮސްޕިޓަލުގެ ހިދުމަތުގެ ފުރަތަމަ ދުވަހު އެކަނި ވެސް 100 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދި އެވެ. އޭގެތެރޭގައި ރާއްޖެއިން ފަރުވާ ނުކުރެވޭ ބަލިތަކެއް ހިމެނެ އެވެ. އަދި މާޗް އެކަކުން ފެށިގެން ގިނަ އަދަދެއްގެ ބަޔަކު ދަނީ ހޮސްޕިޓަލުން ހިދުމަތް ހޯދަން އެޕޮއިންޓްމަންޓްތައް ހައްދަމުންނެވެ.

ރާއްޖޭގެ ޓޫރިޒަމްގައި ފުޅާ ދާއިރާއެއްގައި އިންވެސްޓްކޮށްފައިވާ، ކާސާ ހޯލްޑިންސް އާއި ޗަމްޕާ ބްރަދާސް އަދި ކުރެއްދޫ ހޯލްޑިންގްސް ގުޅިގެން އުފައްދާފައިވާ ޓްރީ ޓޮޕް އިންވެސްޓްމަންޓުން މި ހޮސްޕިޓަލް ތަރައްގީ ކުރުމަށް 90 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވެ އެވެ. މިއީ 210 އެނދުގެ ތާޝަރީ ހޮސްޕިޓަލެކެވެ. އަދި މިތަނުގައި ދުނިޔޭގެ 35 ގައުމަކުން ޑޮކްޓަރުން މަސައްކަތް ކުރެ އެވެ. އެ ގައުމުތަކުގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް ޖާމަނީ އިންޑިއާ އަދި ޕާކިސްތާން ފަދަ ގައުމުތައް ހިމެނެ އެވެ. ޖުމްލަ 403 މުވައްޒަފުން މަސައްކަތް ކުރާ ހޮސްޕިޓަލްގެ ހިދުމަތް ފެށިއިރު، 100 ނަރުހުން މަސައްކަތް ކުރެ އެވެ. މީގެ އިތުރުން އޮޕަރޭޝަން ތަކަށް ހާއްސަ މަލްޓި ސްޕެޝަލިސްޓުންނާއި އެކު 40 ޑޮކްޓަރުން މަސައްކަތް ކުރެ އެވެ. އަދި ކުރިއަށް އޮތް ދުވަސްކޮޅެއްގެ ތެރޭގައި ޑޮކްޓަރުންގެ އަދަދު 80 އަށް އިތުރުވެގެންދާނެ އެވެ.

ޓްރީޓޮޕުން ލިބޭ ބައެއް ހިދުމަތްތައް:

- އެމްއާރްއައި
- ސީޓި ސްކޭން
- ހިތުގެ އޮޕަރޭޝަންތައް
- ތޮރެސިކް ސާޖަރީ
- ނިއުރޯ ސާޖަރީ، ނާރުގެ އޮޕަރޭޝަން
- އޮންކޮލޮޖީ/ ކެންސަރު ކީމޯ ތެރަޕީ
- ނެފްރޯލޮޖީ/ޑަޔަލިސިސް
- ޗައިލްޑް ސައިކޮލޮޖީ

ޓްރީޓޮޕުން ވަނީ ހިދުމަތް ދޭން މާލޭގައި ކްލިނިކެއްވެސް ހުޅުވާފަ އެވެ. ކްލިނިކްގެ ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހެއްދުމަށް ނަގަނީ 750 ރުފިޔާއެވެ. ނަމަވެސް ދިވެހިންނަށް 30 ޕަސެންޓްގެ ޑިސްކައުންޓަކާއެކު 525 ރުފިޔާ އަށް ޑޮކްޓަރަށް ދައްކާލެވޭނެ އެވެ.

އިން-ޕޭޝަންޓް ސާވިސް ނުވަތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން، ފަރުވާ ދޭން އިސްކަންދޭ ގޮތަށް އޮޕަރޭޓްކުރާ ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި މިހާތަނަށްހެދި ފުރަތަމަ އަލްޓްރާ-މޮޑާން ހޮސްޕިޓަލެވެ.

މި ހޮސްޕިޓަލް މެނޭޖު ކުރަނީ މެލޭޝިއާގެ ސިމްޑާބީ އާއި އޮސްޓްރޭލިއާގެ ރަމްސޭ ހެލްތް ކެއާ އެވެ. ޖޮއިންޓް ވެންޗާކޮށް ހިންގާ އެ ދެ ކުންފުނިން އެ ދެ ގައުމުގައި ހިންގާ ހޮސްޕިޓަލްތަކާ އެއް ނެޓްވޯކަކުން ޓްރީޓޮޕް ވަނީ ގުޅައިލާފަ އެވެ.

ރަމްސޭ ސިމް ޑާބީގެ ގްރޫޕް މެޑިކަލް އެޑްވައިޒާ ޑރ. ޖެކޮބް ތޯމަސް ހޮސްޕިޓަލް ހުޅުވުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ ޓްރީޓޮޕްގެ އަމާޒަކީ ރާއްޖޭގެ ސިއްހީ ހިދުމަތް ބަދަލުކޮށްލުން ކަމަށެވެ.

"އަމާޒަކީ ބޭސް ފަރުވާ އަށް ދިވެހިން ބޭރަށް ދާން ނުޖެހޭވަރުގެ ސަބަބެއް ދެއްކުން. ދިވެހިންނަށް ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ނުފުރޮޅާ އެންމެ ގާކޮޅެއް ވެސް ނުބާއްވާނަން،" ޖެކޮބް ވިދާޅުވެފައިވެ އެވެ.

ޓޫރިޒަމް ވިޔަފާރީގެ ތެރެއިން ނުކުތް މި ހޮސްޕިޓަލްގެ ފުރަތަމަ ދުވަހުވެސް ގިނަ ބަޔަކު ފަރުވާ ހޯދައިފި އެވެ. އެމީހުން ތިބީ އުފަލުންނެވެ. ދިވެހިންގެ އުންމީދަކީވެސް މި އެވެ. ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ދިވެހި ފަސްގަނޑުން ލިބުމެވެ.