ދުނިޔެ

ރޯހިންޔާ މީހުނަށް އަނެއްކާވެސް މިޔަންމާ ސިފައިންގެ ނުރައްކާ

މިޔަންމާގެ ރާޚިން ސްޓޭޓްގައި އެގައުމުގެ ސިފައިން ހިންގި ޖަރީމާތަކުން ސަލާމަތްވާން ރަށުން ފޭބި މީހުންނާ ދެކޮޅަށް މިޔަންމާ ސަރުކާރުން އަނެއްކާވެސް ސިފައިން ފޮނުވައިފިއެވެ.

ރާޚައިން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި، މީހުން މެރުމާއި އިތްފަތްފޭރުމާއި ގެދޮރު އެންދުން ފަދަ ޖަރީމާތަކުން ސަލާމަތްވާން ނުކުތް ބައެއް މީހުން ފޭލިގެ ޖަހައިގެން ދިިރިއުޅެމުން އަންނަނީ މިޔަންމާއާއި ބަންގްލަދޭޝް ގުޅޭ ސަރަހައްދީ ރޮނގުގައި، މިޔަންމާގެ ފެންސްގެ ބޭރުގައެވެ. މިޔަންމާގެ ބޯޑަ ފެންސުން ބޭރުގައިވާ އެ ސަރަހައްދަކީ ވެސް މިޔަންމާގެ ސަރަހައްދު ކަަމަށް އެގައުމުގެ ސަރުކާރުން ބަލައެވެ.

ބަންގްލަދޭޝް ސިފައިންނާއި މަންޒަރު ދުށްމީހުންނާ ހަވާލާދީ ޑާކާ ޓްރައިބިއުން ނޫހުން ބުނީ ވަރުގަދައަށް ހަތިޔާރު އަޅައިގެން ތިބި މިޔަންމާ ސިފައިން ދެގައުމު ގުޅޭ " ޓަމްބްރޫ ބޯޑަރަށް" ބުރާސްފަތި ދުވަހުން ފެށިގެެން ޖަމާވަމުންދާ ކަމަށެވެ. އަދި ބުނީ އެ ސަރަހައްދުގައި ތިބި ރޯހިންޔާ މީހުން އެތަން ދޫކޮށް ދާން އަޑުގަދަކުރާ ބޭނުންކޮށްގެން މިޔަންމާ ސިފައިން ގޮވަމުންދާ ކަމަށެވެ.

މިޔަންމާ ސަރުކާރުން ސަރަހައްދީ ރޮނގަށް ސިފައިން ފޮނުވުމުން ބަންގްލަދޭޝުން ވެސް މިހާރު ވަނީ އެސަރަހައްދަށް ސިފައިން ފޮނުވާފައެވެ. ނަމަވެސް އެ ދެބައިމީހުންގެ ދެމެދުގައި އަދި ކުރިމަތިލުމެއް ނުހިނގަައެވެ. މިޔަންމާ ސިފައިން އެސަރަހައްދުން އަނބުރާ ގެންދަން ބަންގްލަދޭޝް ސަރުކާރުން ވަނީ ގޮވާލާފައެވެ.

މިޔަންމާ ސިފައިންގެ އަމަލުތައް ހުރި ގޮތުން ބަންގްލަދޭޝްގެ ބޯޑާ ގާޑް ޕޮލިސް (ބީޖީޕީ) ގެ ކޮމާންޑިން އޮފިސަރު ލެފްޓިނެންޓް ކާނަލް މުންޒުލް ހަސަން ޚާން އިއްޔެގައި މިޔަންމާ ބީޖީޕީގެ ކޮމާންޑިން އޮފިސަރާ އިއްޔެ ބައްދަލުކުރެއްވިއެވެ. ނަމަވެސް އެ ބައްދަލުވުން ކުރިއަށް ދަނިކޮށް މިޔަންމާގެ އިތުރު ސިފައިން ސަރަހައްދީ ރޮނގަށް ޖަމާވި ކަމަށް ނޫހުން ބުންޏެވެ.

" އަހަރެމެން މިތިބީ ވަރަށް ސަމާލުވެ، އަހަރެމެން މިދަނީ ހުރިހާ ކަމެއް ބަލަމުން. ރައްޔިތުން ހާސްވާންވީ އެއްވެސް ސަބަބެއް ނެތް،" ހަސަން ޚާން ވިދާޅުވި ކަަމަށް ޑާކާ ޓްރައިބިއުންގެ ހަބަރުގައި ވެއެވެ.

ރޯހިންޔާ މީހުންގެ ލީޑަރެއް ކަމަށްވާ އާރިފުއްދީނާ ހަވާލާދީ ނޫހުން ބުނީ "ވަކިމީހެއްގެ ބިމަކަށް ނުވާ" ސަރަހައްދުގައި ރޯހިންޔާ މީހުން ތިބި ތަނަށް ވަންނަން ބުދަދުވަހުގެރޭ މިޔަންމާ ސިފައިން މަަސައްކަތްކުރި ކަމަށާއި އެނބުރި ދިޔައީ ރޯހިންޔާ މީހުން ގާއުކަން ފެށުމުން ކަމަށެވެ. އަދި ބުނީ އެނބުރި ދިއުމަށް ފަހު ރޯހިންޔާ މީހުން ތިބި ތަނަށް މިޔަންމާ ސިފައިން ބަޑީގެ ހަމަލާތަކެއް ދިން ކަމަށެވެ.

މިޔަންމާ ސަރުކާރުން މިގޮތަށް ކަންތައްކޮށްފައި މިވަނީ ބަންގްލަދޭޝްގައި ތިބި ރޯހިންޔާ މީހުން އަނބުރާ ގެންދާނެ ކަަމަށް ބުނެ ބަންގްލަދޭޝް ސަރުކާރާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމެއް އޮއްވައެވެ.

މިޔަންމާ ސިފައިން ރާޚައިން ސްޓޭޓުގައި މިދިޔަ އަހަރު ހިންގި ޖަރީމާތަކާ ގުޅިގެން ރޯހިންޔާ ދަރިކޮޅުގެ ހަތް ލައްކަ މީހުން ވަނީ ބަންގްލަދޭޝަށް ހިޖުރަކޮށްފައެވެ. އެމީހުން ދޫކޮށް ދިޔަ އަވަށްތައް ބިމާހަމަކޮށް ފުހެލުމަަށް މިޔަންމާ ސިފައިން ދަނީ މަސައްކަތްކުރަމުންނެވެ.