ބޮލީވުޑް

ކޭންސްގައި ކެޓްރީނާގެ ފުރަތަމަ ފެނިލުން ހިތްގައިމު

May 14, 2015

އެންމެ ޝަރަފުވެރި ފިލްމް އެވޯޑް ހަފްލާ ކޭންސް ފިލްމްސް ފެސްޓިވަލްގައި އައިޝްވާރިޔާ ރާއީ، ސޯނަމް ކަޕޫރު އަދި ފްރީޑާ ޕިންޓޯ ގެ ފެނިލުމަށް ކޮންމެ އަހަރަކު ވެސް ގިނަ ބަޔަކު ތިބެނީ އިންތިޒާރުގައި ނަމަވެސް، ކެޓްރީނާ ކައިފް ފުރަތަމަ ފަހަރަށް މިފިލްމު ފެސްޓިވަލުން މިފަހަރު ފެނިގެންދާނެކަން ޔަގީންވުމާ އެކު ގިނަ ބައެއް ސަމާލުކަން ދިނީ އޭނާ އަށެެވެ. އެންމެން ވެސް ތިބީ އައިޝްވާރިޔާ ކަހަލަ މި ފެސްޓިވަލަށް ބާވެފައިވާ ބޮލީވުޑްގެ ތަރިންނާ ފައިހަމަކުރަން ކެޓްރީނާ ދައްކާނެ ޖާދުލެއް ބެލުމަށް ކެތްމަދުވެފަ އެވެ.

އިއްޔެއިން ފެށިގެން މިމަހުގެ 24ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ފިލްމު ފެސްޓިވަލް ފެށުމުގެ ހަފްލާއަށް ކަޅު އަދި އަޅި ކުލައިގެ ޓިއުބްގައުން އެއްގައި ކެޓްރީނާ ނިކުމެ މިވަނީ ގިނަ ބަޔަކު އޭނާގެ ޖާދޫގައި ޖައްސައިފަ އެވެ. މަޝްހޫރު އެމެރިކަން ފެޝަން ޑިޒައިނާ އޮސްކާ ޑެ ލާ ރެންޓާ ޑިޒައިންކޮށްފައިވާ އެ ހެދުމުގެ އިތުރަށް މި ފިލްމް ފެސްޓިވަލްގެ ކުރިން ކެޓްރީނާ މީޑިއާޔާ ބައްދަލު ކުރީ އަގު ބޮޑު ފެޝަން ބްރޭންޑެއް ކަމަށްވާ، މިލީ ސްޕްރިންގް 2015 ގެ ކަލެކްޝަން ހެދުމެއްގަ އެވެ. މީޑިއާޔާ ވީހާ ވެސް ދުރުގައި އުޅޭ ތަރިއެއްގެ ގޮތުގައި ކެޓްރީނާ ފާހަގަވާ އިރު، މި ފެސްޓިވަލްގައި އޭނާ ފެންނަނީ މީޑިއާޔާ ވަރަށް ރަހުމަތްތެރިކޮށެވެ. މި ފެސްޓިވަލްއާ ދިމާކޮށް މުޅިން އަލަށް ޓްވިޓާ އެކައުންޓެއް ވެސް ހުޅުވުމަށް ފަހު، މި ފެސްޓިވަލްގައި އޭނާގެ ކޮންމެ ހަރަކާތެއް އަންނަނީ އާންމު ކުރަމުންނެވެ.

ކެޓްރީނާ ކޭންސް ފިލްމު ފެސްޓިވަލްގައި ބައިވެރިވަނީ އިންޓަނޭޝަނަލް ބިއުޓީ ބްރޭންޑް ލޯރެއަލް އެމްބެސެޑަރެއްގެ ގޮތުންނެވެ.

ލޯރިއަލް ޕެރިސް އިންޑިއާގެ އޮފިޝަލް ޓްވީޓާ އެކައުންޓްއިން ވެސް އަންނަނީ މި ފެސްޓިވަލްގެ ހުރިހާ ކަމެއް ޝެއާކުރަމުންނެވެ. ވޭތުވެދިޔަ އަހަރު ވެސް މިފެސްޓިވަލްގައި ބައިވެރިވުމަށް ކެޓްރީނާ އަށް ދައުވަތު ލިބުނު ނަމަވެސް، ފިލްމްތަކުގައި ބިޒީވެ ބައިވެރިވޭ ގޮތް ނުވެވުނީ އެވެ. އައިޝްވާރިޔާ ރާއީ އާއި ސޯނަމް ކަޕޫރުވެސް ލޯރިއަލްގެ ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި ރެޑްކާޕެޓްމަތީ ހިނގާލާނެ އެވެ

ސޯނަމް ކަޕޫރު ރެޑްކާޕެޓްގައި ހިނގުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 އަދި 18 ވަނަ ދުވަހު އެވެ. އަދި އައިޝްވާރިޔާ ހިނގުމަށް ހަމަޖެހިފައިވަނީ މެއި 17 އަދި 20ވަނަ ދުވަހު އެވެ. މިއީ ސޯނަމް ކޭންސްގެ ރެޑްކާޕެޓްގައި ހިނގާލާ ފަސްވަނަ އަހަރަށްވާއިރު، އައިޝްވާރިއާ ޖެހިޖެހިގެން ފެނިގެންދާ މިއީ 14ވަނަ އަހަރެވެ.

އެހެން ނަމަވެސް އަދިވެސް ގިނަ ބަޔަކު އިންތިޒާރު ކުރަނީ ކެޓްރީނާގެ ދެވަނަ ދުވަހުގެ ފެނިލުމަށެވެ. މިހާރު އެންމެންގެ ސުވާލަކީ ވެސް ދެން ކެޓްރީނާ ހިޔާރު ކުރާނީ ކޮން ކަހަލަ ހެދުމެއް ހެއްޔެވެ؟