ޑރ. މުހައްމަދު މުއިއްޒު

ރޯނުއެދެރުން ގިނަވާނަމަ އޮތީ ފަސާދަ!

މިދިޔަ ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ސަރުކާރުން އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައި ވަނީ ތަރައްގީގެ މަޝްރޫއުތަކުންނެވެ. އަދި އެންމެ ބޮޑު ފާޑުކިޔުންތައް ވެސް އަމާޒުވަނީ އެ މަޝްރޫއުތަކުގެ ކަންކަމަށެވެ. ހާއްސަކޮށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުން ހިންގާ އިންފްރާސްޓްރަކްޗާގެ ބިޔަ އަދި ކުދި، މެދު މަޝްރޫއުތަކުގައި ބައެއް ކަންކަން މެދުވެރިވެ، މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ކިޔައަ އެވެ.

ބައެއް ކަންކަމުގައި ބޮޑު ޕަސަަންޓެއްގެ މަސައްކަތް ނިންމާ ފަހުން، އަލުން މަރާމާތެއް ކުރަން ޖެހުން ފަދަ ކަންކަމާއި ސުވާލުތައް އުފެދުނު ކަންކަމާއި ގުޅިގެން އެވަރަށް ފާޑުކިޔުން އަމާޒުވި މިނިސްޓަރެއް މި ސަރުކާރުގައި ނުވެސް ހުންނާނެ އެވެ. ބައެއް ފަހަރާ ސޯސަލް މީޑިއާގައި މިނިސްޓަރު މުއިއްޒު "ރޮލާ ކައިފާނެ" ހެެންވެސް ހީވި ފަހަރު އެވެ. މިނިސްޓަރަށާއި އޭނާގެ ދަށުން ހިނގަމުން އައި ބައެއް މަސައްކަތުގައި ކަން ހިނގައި ގޮސްފައިވާ ގޮތުން ބަހުގެ ހަރުގަނޑަށް މިނިސްޓަރު ނަމާ ގުޅުވައިގެން ލަފުޒެެއް ވެސް ވައްދައިގެން އުޅެ އެވެ. -- ކަމެއް ފަށައި އެކަމެއް ތަކުރާރުކޮށް ކުރާން ޖެހިއްޖެނަމަ އެއަކީ "މުއިއްޒުވުން" ކަމަށް ބައެއް މީހުން ކިޔައި ސޯޝަލް މިޑިއާގައި ލިޔެ އުޅެ އެވެ. -- މިހާރު އެއީ އާންމުންގެ ތެރޭގައި ބޭނުން ކުރާ ބަހަކަށް އޮތީވެފައެވެ.

މި ހުރިހާ ކަމަކާ ގުޅިގެން ވެސް އަދި މިހުރިހާ ދުވަހު ވެސް އެ ފާޑު ކިޔުންތަކަށް މުއިއްޒު ދެއްވަނީ ބީރު ކަންފަތަކެވެ. ވަރަށް މަދު ފަހަރެއްގައި ފާޑުކިޔުން އަމާޒުވާ ކަންމަކާބެހޭ ގޮތުން އެއްޗެއް ވިދާޅުވި ނަމަވެސް އެ ވާހަކަފުޅެއް ވިދާޅުވަނީ އެ މަސައްކަތެއް ގޮސްފައި އޮތް ހިސާބެއްގެ ވާހަކަ އާއި އެކަމެއް ފަންނީ ގޮތުން އޮންނަ ގޮތެއްގެ ވާހަކަ އެއްވެސް މީހަކަށް އަމާޒު ނުވާ ގޮތަށެވެ. އެފަދައިން ދެއްވި ޖަވާބުތަކަށް ވެސް ވަނީ އެކި ފަހަރު މަތިން ފާޑުކިޔުންތައް އައިސްފައެވެ. އެކަމަކު އަބަދުވެސް ވަރަށް މަޑުމައިތިރިކަމާއެކު ވާހަކަފުޅު ދައްކަވާ މިނިސްޓަރު، އެ ފާޑު ކިޔުންތަކާ އަޅައެއް ނުލައްވައެވެ.

އެހެންނަމަވެސް މި ހަފުތާގެ ތެރޭގައި އެފަދަ ފަރާތްތަކަށް މުއިއްޒު ވަނީ ރައްދެއް ދެއްވާފަ އެވެ. އާދަވެ އޭނާގެ ވާހަކަ އަންނަ ޓްވިޓާ މެދުވެރިކޮށެވެ. މުއިއްޒުގެ ރައްދު އައީ ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) ތަނބެއް ސައިޒް ދިމާ ނުވެގެން އަލުން ފުޅާކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާ އަޑު ފެތުރުމާ ގުޅިގެނެވެ. މާލޭގެ 25 ބުރީގެ ޑީއެޗް ވެސް "މުއިއްޒު" ވީ ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ޓްވީޓުން ފާޑު ކިޔަމުން ދަނިކޮށެވެ.

ޑީއެޗްގެ އެ މައްސަލަ ފެންމަތިވެފައި ވަނިކޮށް މިނިސްޓަރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ "މުޖުތަމައުގައި ރޯނު އެދުރުން ގިނަ ވެއްޖެ ނަމަ އެ މުޖުތަމައު އިސާހިތަކު ފަސާދަވެދާނެ" ކަމަށެވެ.

މުއިއްޒުގެ ޓްވީޓް

އެ ޓްވީޓާ ގުޅިގެން "އަވަސް" އިން ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ ރޯނު އެދުރުން ގިނަވާ ކަމުގެ ޓްވީޓު ކުރެއްވީ ހަމައެކަނި އެ މައްސަލައާ ގުޅިގެން ނޫން ކަމަށެވެ. އެއީ އެހެން އައި އެފަދަ ހުރިހާ ކަމަކަށް އިޝާރަތް ކުރައްވާ ވިދާޅުވި ވާހަކަފުޅެއް ކަމަށެވެ.

އިންޖީނިއަރިން ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ މުއިއްޒު ވަނީ ފާޑު ކިޔުންތަކެއްގެ ތެރެއަށް ވައްޓާލި ދަރުމަވަންތަ ހޮސްޕިޓަލުގެ ތަނބުތަކުގެ ހަގީގަތް ވެސް އެދާއިރާގެ އެދުރެއްގެ ހައިސިއްޔަތުންނާއި ކަމާ ހަވާލުވެ ވަޑައިގެން ހުންނެވި ވެރިޔާގެ ހައިސިއްޔަތުން ހާމަކޮށް ދެއްވާފަ އެވެ.