އަހުމަދު ނިހާން ހުސައިން މަނިކު

ޖަލުގައި ތިބެން ޖެހޭމީހުން ސަފީރުންނަކަށް ނޭނގޭނެ: ޕީޕީއެމް

ރާއްޖޭގެ ޖަލުތަކުގައި ތިބެން ޖެހޭ މީހުންނާއި އެމީހުންގެ ތަރުތީބުތަކެއް އެހެން ގައުމުތަކުގެ ސަފީރުންނަކަށް އެނގިވަޑައެއް ނުގަންނާނެ ކަމަށް ވެރިކަންކުރާ ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަފުުޅު ދައްކަވަމުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވީ ރާއްޖޭގެ ގާނޫނާ އެއްގޮތަށް ޖަަލަށް ލާން ޖެހޭ މީހަކު ޖަލަށް ލުމަކީ ދިވެހިންގެ ހައްގެއް ކަމަށެވެ.

"އަވަށްޓެރި ގައުުމުތަކަށް ކަނޑައަޅާފައިވާ ސަފީރުންނަަކަށް އެނގިވަޑައެއް ނުގަންނާނެ އަޅުގަނޑުމެންގެ ޖަލުތަކުގައި ތިބޭނެ މީހުންނާ އޭގެ ތަރުތީބެއް. އަޅުގަނޑުމެންގެ ގާނޫނު ބުނާ ގޮތަށް ގާނޫނުގެ އުސޫލުތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން ކުށްްވެރިވާ ކޮންމެ މީހަކު އެމީހަކާ އެއް މިންވަރެއްގެ ޖަލަކަށް އެއް މިންވަރެއްގެ ގޮޅިއަކަށް ލުމަކީ ދިވެހިންނަށް ލިބިގެންވާ މިިނިވަންކަމެއް،" ނިހާނު ވިދާޅުވި އެވެ.

ނިހާނުގެ ވާހަކަފުޅުގައި ވަކި ސަފީރެއްގެ ނަންފުޅު ފާހަގަ ނުކުރެއްވިޔަސް އޭނާ ރައްދެއް ދެއްވީ ރާއްޖެއަށާއި ސްރީލަންކާއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕްއަށް ކަމަށް ބެލެވެެއެވެ. ރާއްޖޭގައި ޖަލަށް ލާފައިވާ ނުވަތަ ޖަލު ހުކުމްގައި އަދި ވަގުތީ ގޮތުން ބަންދުކޮށްފައިވާ މީހުންގެ ލިސްޓެއް އެކުލެވޭ ޓްވީޓެއް އަތުލް ކެޝަޕް މިއަދު ރިޓްވީޓް ކުރެއްވި އެވެ. އަދި އެއަށް ފަހު އޭނާ އަމިއްލަފުޅަށް ލިއުއްވި ޓްވީޓްގައި ވިދާޅުވީ ޖަލަށް މީހުންލުން އަވަސްކަމުން ޖަލަށްލާ މީހުންގެ އަދަދު ބަލަން ވެސް ދަތި ކަމަށެވެ.

ސަފީރު ރިޓްވީޓް ކުރެއްވި ލިސްޓްގައިވާ ސިޔާސީ އިސް ބޭބޭފުޅުން ޖަލަށް ލީ އަދި ހުކުމް ކުރި ގޮތުގެ ތަފުސީލު ވެސް ނިހާނު ދެއްވިއެވެ. ނިހާނު ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދެއްގެ މީހުން ޖަލުގައި ތިބި އިރު އެބޭފުޅުން ދައްކަވަނީ 22 ނުވަތަ 23 މީހެއްގެ ވާހަކަ ކަމަށެވެ.

"ބާކީ ތިބި ކުށްވެރިން ދޫކުރަން ވެސް ގޮވަން ވާނެ، ހުރިހާ އެންމެން އެއްކޮށް، 700، އާއި 800 އާއި ނޫނީ 1600 އެތިބި ޖުމްލަ އަދަދެއް އަޅުގަނޑަކަށް ނޭނގޭ،" އޭނާ ވިދާޅުވިއެވެ.