ބޮލީވުޑް

ބޮމްބޭ ވެލްވެޓަށް ބޮލީވުޑްގެ ފުލް މާކްސް

May 14, 2015

މިދިޔަ އަހަރު ވަނީ ފެންވަރު ރަނގަޅު ހިންދީ ގިނަ ފިލްމުތަކެއް ފެނިގެން ގޮސްފަ އެވެ. ނަމަވެސް މިއަހަރު މިހާތަނަށް ރިލީޒްކުރި ފިލްމުތަކަށް ވަނީ މާބޮޑު ކާމިޔާބީއެއް ހާސިލްނުކުރެވިފަ އެވެ.

މިއަހަރު ރިލީޒްކުރުމަށް ހުރި ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމަކީ "ބޮމްބޭ ވެލްވެޓް" އެވެ. މިފިލްމު ސިނަމާތަކާ ހަމައަށް އަންނާނީ މާދަމާ ކަމަށްވާއިރު، ބޮލީވުޑްގެ ތަރިންނަށް ވަނީ ފިލްމުގެ ހާއްސަ ސްކްރީނިންއެއް ބާއްވާފަ އެވެ.

ތާރީހީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމުގެ ސްކްރީނިން  އަށް ފަހު ގިނަ ތަރިންނެއް އަންނަނީ ޓްވިޓާގައި އެމީހުންގެ ހިތް މިފިލްމަށް ދެވުނު ވާހަކަ ލިޔަމުންނެވެ.

ޕްރޮފެސަރު ގިޔާން ޕްރަކާޝް ލިޔެފައިވާ ފޮތެއްކަމަށްވާ "ބޮމްބޭ ފޭބްލްސް"ގެ މައްޗަށް އުފައްދާ ފައިވާ މިފިލްމުގެ ލީޑްރޯލުން ފެނިގެންދާ ރަންބީރު ކަޕޫރު އާއި އަނުޝްކާ ޝަރުމާގެ އެކްޓިން ވަރަށް ވެސް ފުރިހަމަކަށާއި އަދި ހާއްސަކޮށް އެކްޓަރެއްގެ ގޮތުގައި ޑައިރެކްޓަރު ކަަރަން ޖޯހަރު މިފިލްމުގައި ދައްކުވައިދީފައިވާ އެކްޓިންއަށް ވަނީ ފުލްމާކްސްދީފަ އެވެ.

ބަތަލާ ސޮނާކްޝީ ސިންހާ ވަނީ މިއީ މޮޅު ފިލްމެއްކަމަށާއި ޑައިރެކްޓަރު އަނޫރާގްގެ މަސައްކަތަށް ތައުރީފު ހައްގުކަމަށް ބުނެފައިވެ އެވެ. އަދި ކަރަން ޖޯހަރަކީ މިއަހަރުގެ ޑެބިއު އޮފް ދަ އިޔާ ކަމަށްވެސް ބުނެފަ އެވެެ. ޑައިރެކްޓަރު އަނޫރާގްގެ ކުރީގެ އަންހެނުން ބަތަލާ ކަލްކީ ކޯޗްލީން ބުނީ އަހަރުތަކެއް ފަހުން މިފިލްމު ވެގެންދާނީ ކްލެސިކްއަކަށް ކަމަށާއި އަންނަ ހަފުތާގެ ފަހުން އަނޫރާގް ބޮލީވުޑްގެ މޮސްޓް ވޯންޓެޑް ޑައިރެކްޓަރުންގެ ލިސްޓުގައި ހިމެނޭނެ ކަމަށެވެ.

މީގެއިިތުރުން އެކްޓަރު އަނިލް ކަޕޫރު އާއި އަބީޝޭކް ބައްޗަން އާއި ޑައިރެކްޓަރު ކުނާލް ކޯލީ އަދި ލަވަކިޔުންތެރިޔާ ޝާން ވަނީ މިފިލްމުގެ އެންމެ ބޮޑު ސަޕްރައިޒް އަކީ ކަރަން ޖޯހަރުގެ އެކްޓިންކަމަށާއި، އޭނާގެ އެކްޓިން އެހާވެސް ފުރިހަމަކަމަށް ބުނެފަ އެވެ. އަދި ކަރަން ވަނީ އޭނާ އަށް ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަން އަނެއްކާވެސް ސާބިތުކޮށްދީފައި ކަމަށްވެސް ވަނީ ބުނެފަ އެވެ.

"ބައޮގްރަފީގައި 'އެކްޓަރެއް' ޖަހާ، މިފިލްމުގެ އެންމެ ބޮޑު ސަޕްރައިޒް އަކީ ކަރަން" އެކްޓަރު އަބީޝެކް ބައްޗަން ކުރި ޓުވީޓްގައިވެ އެވެ.

ސްރީ ލަންކާ އާއި ބޮމްބޭގައި ޝޫޓްކޮށްފައިވާ މިފިލްމުން ފެނިގެންދާނީ 60ގެ އަހަރުތަކުގެ މަންޒަރުތައް ކަމުން، ބޮޑަށް ހީވާނީ 60 އަހަރުތަކުގެ ހިންދީ ފިލްމެއް ބަލާލެވޭހެން ކަމަށް ވެސް ގިނަ ތަރިން ވަނީ ފާހަގަކޮށްފަ އެވެ.

ރަންބީރު މިފިލްމުގައި ކޭޖް ފައިޓާއެއް ކަމަށްވާ ޖޯނީ ބަލްރާޖްގެ ރޯލުން ފެނިގެންދާއިރު، އަނުޝްކާ ފެނިގެންދާނީ ރޯޒީ ކިޔާ ޖޭޒް ލަވަކިޔުންތެރިއެއްގެ ރޯލުންނެވެ. ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރު ވެސް ވަރަށް މުހިންމު ރޯލަކުން ފެނިގެންދެ އެވެ. ނުބައިބައި ރޯލަކުން އޭނާ ފެނިގެންދާނީ ކައިޒާދު ކަމްބާޓާ ކިޔާ ފާރިސީ ވިޔަފާރިވެރިއެއްގެ ގޮތުގަ އެވެ.

މިހާރުވެސް ރިލީޒްކޮށްފައިވާ މިފިލްމުގެ ޓްރެއިލާ އާއި ލަވަތަކުން ފެނިގެންދަނީ 60 އަހަރުތަކުގެ މަންޒަރުތައް ފެންނަގޮތަށް ފަރުމާކޮށްފައި ހުރި ސެޓްތަކުގައި ނަގާފައިވާ ހިތްގައިމު މަންޒަރުތަކުގެ އިތުރުން ރަންބީރު އާއި އަނުޝްކާ ބޭނުންކޮށްފައިވާ ހުރިހާ ހެދުންތަކަކީވެސް އޭރުގެ ސްޓައިލްތަކާއި އެއްގޮތަށް ޑިޒައިންކޮށްފައިވާ ހެދުންތަކެވެ.

މިމަހުގެ 15ވަނަ ދުވަހު ރިލީޒްކުރާ މިފިލްމުގައި ރަވީނާ ޓަންޑަން، މަނީޝް ޗައުދަރީ އަދި ސިދާތް ބާސޫ ސަޕޯޓިން ރޯލުތަކުން ފެނިގެންދާނެ އެވެ.

ބޮލީވުޑްގެ ފިލްމުތަކުގެ ރަހަތައް ބަދަލުކޮށްލި ޑައިރެކްޓަރުގެ އަނޫރާގް މި މަސައްކަތް ބޮލީވުޑްގެ ފަންނާނުންގެ ހިތްތަށް އަތުލި ނަމަވެސް، ބެލުންތެރިން މިފިލްމަށް ދެނީ ކިހާ މާކުހެއްތޯ އިނގޭނީ ހުކުރު ދުވަހު މިފިލްމް ރިލީޒްކުރުމުންނެވެ.

ބޮލީވުޑްގެ މަޝްހޫރު ފަރާތްތަކުން މިފިލްމާއި މެދު ރަނގަޅު ވާހަކަތައް ދެއްކުމީ، ބެލުންތެރިން މިފިލްމު ބަލަން ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން އަންނަ ފަރާތްތަކުގެ ކެތްތެރިކަން ކޮޅުންލާނެ ކަމެކެވެ.

މިފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ވިކްރަމަދިތްޔަ މޮޓްވާނޭ، ވިކާސް ބާލް އަދި ފޮކްސް ސްޓާ ސްޓޫޑިއޯގެ ފަރާތުންނެވެ.