މިއުޒިކް

ޕިއާނޯ ރައުންޑުގެ ފުރަތަމަ ބުރުން ކެޓީ ނިޝްފާއާ އިޝާމް

މޯލްޑިވިއަން އައިޑޮލްގެ ޕިއާނޯ ރައުންޑުގެ ފުރަތަމަ ބުރުން މިރޭ ޝޯ އާއި ވަކިވާންޖެހުނީ ނިޝްފާ އަދި އިޝާމް އެވެ.

މި ދެ ބައިވެރިން ކެޓުމާއެކު ބާކީ ތިބި ހަ ބައިވެރިން ދާނީ ގާލާ ރައުންޑަށެވެ. ގަދަ ހަ ބައިވެރިން ހޮވާފައިވާނީ އާންމުންގެ ވޯޓުގެ 50 ޕަސެންޓާއި ޖަޖުންގެ މާކްސްގެ 50 ޕަސެންޓުން ލިބުނު ނަތީޖާއަށް ބަލާފަ އެވެ.

ގާލާ ރައުންޑަށް ދަތުރުކުރި ހަ ބައިވެރިންނަކީ ޝާން، މުނާޒް، މައީޝާ، މުރްޝިދް، އަޒަލް، އަދި ރައިހާން އެވެ.

ޕިއާނޯ ރައުންޑަށް ދިޔަ 16 ބައިވެރިންގެ ތެރެއިން އިއްޔެ ރޭގެ ޝޯގައި ލަވަތައް ހުށަހަޅައި ދިނީ އަށް ބައިވެރިންނެވެ.

ޕިއާނޯ ރައުންޑުގެ ދެ ވަނަ ބުރު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭގަ އެވެ. އެ ބުރުގައި ޕިއާނޯ ރައުންޑަށް ދަތުރުކުރި ބާކީ ތިބި އަށް ބައިވެރިން ލަވަ ހުށަހަޅާ ދޭނެ އެވެ. އެ ބައިވެރިންގެ ތެރެއިންވެސް ހަ ބައިވެރިޔަކު ހޮވާ މިރޭ ކާމިޔާބުވި ހަ ބައިވެރިންނާއެކު ޖުމްލަ 12 ބައިވެރިން ގާލާ ރައުންޑަށް ދާނެ އެވެ.

އަންނަ ހަފްތާގައި ލަވަ ހުށަހަޅާދޭނެ ބައިވެރިންނަކީ ސައިނާ، ތަސްލީމް، ޝަމީލް، ނައުޝާ، ސަލްވާ، ޝަހްދާން، ނާޒިހް، އަދި އިޝާން އެެވެ.