ދުނިޔެ

ވެޓިކަން އިން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގެންފި

ނަސޯރާއިންގެ މައި ރަށުގެ ގޮތުގައި އޮތް އަދި ބައިނަލްއަގުވާމީ މުޖުތަމައުން މިނިވަން ދައުލަތެއްގެ ދަރަޖަ ދީފައިވާ އެންމެ ކުޑަ ގައުމުގެ ގޮތުގައި އޮތް ވެޓިކަން އިން ފަލަސްތީނުގެ ދައުލަތް ބަލައިގަނެ އެމީހުންނާ ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ އާންމުކޮށްފައިވާ ހާއްސަ ގަރާރެއްގެ ދަށުންނެވެ.

އިއްޔެ ފާސްކުރި މި ގަރާރާ އެކު ސިޔާސީ ގުޅުން ރަސްމީވިޔަސް ވެޓިކަން އިން ފަލަސްތީނަށް ދައުލަތެއްގެ ދަރަޖަ ދީގެން މުއާމަލާތްކުރާތާ މިހާރު ގާތްގަނޑަކަށް އަހަރެއްވީ އެވެ.

މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުމަށް އދ. ގެ އާންމު މަޖިލީހުން 2012 ވަނަ އަހަރު ނިންމި ހިސާބުން ވެޓިކަން އިން އޮތީ އެ ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ. ވެޓިކަން އަކީ ދުނިޔޭގައި އޮތް އެންމެ ކުޑަ މިނިވަން ދައުލަތެވެ. އާބާދީ އަކީ 842 އެވެ.

ދެ ފަރާތުން އެންމެފަހުން ސިޔާސީ ގުޅުން ރަސްމީކޮށް އިއުލާނުކުރާއިރު އަންނަ ހޮނިހިރު ދުވަހު ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވެޓިކަން ސިޓީ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ވެޓިކަން އިން ފަލަސްތީނު، މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުން މިގޮތަށް ފަލަސްތީނުގެ ދައުލަތް ގަބޫލުކޮށް އެމީހުންނާ އެކު ސިޔާސީ ގުޅުން ރަސްމީކޮށް ގާއިމުކޮށްފައިވާ ގައުމުތަކުގެ އަދަދު ވަނީ މިހާރު 135 އަށް އަރައިފަ އެވެ. މިއީ ދުނިޔެ ތަމްސީލުކުރާ އދ. ގެ މެމްބަރު ގައުމުތަކުގެ 70 ޕަސެންޓެވެ.

ޔޫރަޕްގެ މިނިވަން ދައުލަތަކުން ފަލަސްތީނަށް އަނެއްކާވެސް މަރުހަބާކިޔާފައިވާއިރު މިނިވަންކަން ހޯދުމަށް ފަލަސްތީނުން ކުރަމުންދާ މަސައްކަތަށް މިފަހުން އެންމެ ބޮޑު އެއްބާރުލުމެއް ދެމުން ދަނީ ޔޫރަޕުންކަން ފާހަގަކޮށްލަން ޖެހެ އެވެ. އެގޮތުން ސްވިޑެން ފަދަ ޔޫރަޕްގެ ނުފޫޒުގަދަ ބޮޑެތި ގައުމުތަކުން ފަލަސްތީނާ އެކު ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމުކޮށްފައިވާއިރު ފްރާންސާއި ސްޕެއިނާއި އިނގިރޭސި ވިލާތުން ވެސް ފަލަސްތީނުގެ މިނިވަންކަމަށް ތާއީދުކޮށް ގަރާރުތަކެއް ފާސްކޮށްފައިވެ އެވެ.

އަނެއްކޮޅުން އދ. އިން ވެސް ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތަށް ތާއީދުކޮށް "އޮބްޒާވާ ސްޓޭޓެއް" ދަރަޖަ ފަލަސްތީނަށް ދީފަ އެވެ. ދާއިމީކޮށް އދ. ގެ މެމްބަރު ގައުމަކަށް ވުމަށް ފަލަސްތީނުން ހުށަހަޅާފައިވީ ނަމަވެސް އެކަން ކާމިޔާބުނުވެގެން އުޅެނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ރުހުން ނުލިބިގެންނެވެ.

މި މަޖިލީހުގައި އެމެރިކާ އަށް ވީޓޯގެ ބާރު އޮތްއިރު ފަލަސްތީނާއި އިޒްރޭލުގެ މައްސަލަތަކުގައި އެމެރިކާ އިން އަބަދުވެސް ވީޓޯގެ ބާރު ބޭނުންކޮށްފައި ވަނީ ފަލަސްތީނާ ދެކޮޅަށެވެ.

މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދުމަށް ފަލަސްތީނުން މިފަހުން އެމީހުންގެ ކެމްޕޭން ވަރުގަދަކޮށްފައި ވަނީ އިޒްރޭލާ އެކު ކުރިއަށް ގެންދާ ސުލްހައިގެ މަޝްވަރާތަކުގައި އެދެވޭ ކުރިއެރުމެއް ނުލިބި ތަފާތު އެކި ސަބަބުތަކާ ގުޅިގެން މަޝްވަރާތައް ކުރިއަށް ނުގެންދެވި ހުއްޓިފައިވާތީ އެވެ.