ހަބަރު

ފާރިސްގެ އަނބިކަނބަލުން ފުރަތަމަ ފަހަރަށް މުޒާހަރާއަށް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދޮށީ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ އަނބިކަނބަލުން މަރިޔަމް ލީޝިޔާ މިރޭ އިދިކޮޅު ޕާޓީތަކުން ބޭއްވި އެއްވުމުގައި ބައިވެރިވަޑައިގެންފި އެވެ. މިއީ މިފަދަ ސިޔާސީ ހަރަކާތެއްގައި ލީޝިޔާ ބައިވެރިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ފާރިސްގެ އަނބިކަނބަލުން ސިޔާސީ ހަރަކާތްތެއްގައި ބައިވެރިވަޑައިގެންނެވީ އެކި ތުހުމަތުތަކުގައި ހައްޔަރުގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ އަނބިކަނބަލުންނާއެކު މިދިޔަ ހަފުތާގެ ތެރޭގައި ބައްދަލުވުމެއް ބޭއްވުމަށްފަހު އެވެ. އެ ބައްދަލުވުމުގައި ލީޝިޔާގެ އިތުރުން މުހައްމަދު ނަދީމްގެ އަނބިކަނބަލުން ޔުމްނާ މައުމޫނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އަނބިކަނބަލުން އަފާފް އަބްދުލް މަޖީދު ބައިވެރިވަޑައިގަތެވެ.

އޭގެއިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އަނބިކަނބަލުން މަރިޔަމް ރީމް އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމާއި މެޖިސްޓްރޭޓް އަހުމަދު ނިހާންގެ އަނބިކަނބަލުން ފަހުމާ އަހުމަދާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ އަނބިކަނބަލުން އައިމިނަތު މާޝާ ވެސް ބައިވެރިވަޑައިގަތެވެ.

ލީޝިޔާ މިރޭ އެއްވުމުގައި ބައިވެރިވަޑައިގެންނެވިއިރު އިއްޔެގެ އެއްވުމުގައި ނާޒިމްގެ އަނބިކަނބަލުން އަފާފާއި އިމްރާންގެ އަނބިކަނބަލުން ރީމް ބައިވެރިވަޑައިގަތެވެ. ލީޝިޔާއާއެކު މިއަދުގެ އެއްވުމުގައި މަހުލޫފްގެ އަނބިކަނބަލުން ނަޒޫ އާއި ރީމް ވެސް ބައިވެރިވަޑައިގަތެވެ.

ފާރިސް މިހާރު ބަންދުކޮށްފައިހުރީ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށެވެ. އޭގެއިތުރުން ރިޝްވަތުގެ ދެ ތުހުމަތެއް ވެސް އޭނާއަށް ކުރެ އެވެ. ޝަހުސު އޮޅުވާލުމުގެ މައްސަލައަކާއި ރިޝްވަތު ދިނުމުގެ މައްސަލާގެ ޝަރީއަތް މިހާރު ވަނީ ފަށާފަ އެވެ. މާދަމާ ވެސް ފާރިސްގެ ޝަރީއަތެއް ތާވަލުކޮށްފައިވެ އެވެ. ފާރިސްގެ ބައްޕާފުޅާއި ދައްތާފުޅު ޔުމްނާގެ ފިރިކަލުން ވެސް ހައްޔަރުކޮށްފައިވަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށެވެ.