މޯލްޑިވިއަން އައިޑޮލްގެ ޕިއާނޯ ރައުންޑުގެ ފުރަތަމަ ބުރު ވަނީ މި ހަފުތާ ބަންދުގައި ކުރިއަށް ގެންގޮސްފަ އެވެ. ތިއޭޓާ ރައުންޑުން ޕިއާނޯ ރައުންޑަށް ދަތުރުކުރި 16 ބައިވެރިންގެ ތެރެއިން އަށް ބައިވެރިއެއްގެ ހުށަހެޅުންތައް ފެނިގެން ގޮސްފައިވެ އެވެ.
ރޭ ބޭއްވި ޕިއާނޯ ރައުންޑުގެ ފުރަތަމަ އެލިމިނޭޝަނުން ދެ ބައިވެރިޔަކު ވަނީ ޝޯއަށް އަލްވަދާއު ކިޔަންޖެހިފަ އެވެ. އެ ދެ ބައިވެރިންނަކީ ނިޝްފާ އަދި އިޝާމް އެވެ. ބާކީ ތިބި ހަ ބައިވެރިން ކަމަށްވާ ޝާން އާއި މުނާޒާއި މައީޝާ އާއި މުރްޝިދު އާއި އަޒަލް، އަދި ރައިހާން ދެން ވާދަކުރާނީ ގާލާ ރައުންޑުގަ އެވެ.
ޕިއާނޯ ރައުންޑުގެ ފުރަތަމަ ބުރު ކުރިއަށްދިޔައިރު އެންމެ ގިނަ ބައެއްގެ ނަޒަރު މިފަހަރު ހުއްޓުނީ އައިޑޮލް މި ސީޒަންގެ އާ ހޮސްޓް، ޝައިނާ ޝަރީފަށެވެ. އައިޑޮލްގެ ވާހަކަތައް އެންމެ ގަދަޔަށް ދެކެވޭ ޓްވިޓާގައި ޝައިނާއަށް ތައުރީފުތަށް އޮހުނެވެ. ޝޯގެ ވިދުމަކަށްވީ ޝައިނާ އެވެ.
ރޭޑިއޯ ޕްރެޒެންޓަރެއްގެ ގޮތުގައި މަޝްހޫރުވި ޝައިނާގެ ހުށަހެޅުންތެރިކަން ގިނަ ބަޔަކަށް ކަމުދިޔައިރު، މިކަހަލަ ބޮޑު ޓީވީ ޝޯއެއްގައި އޭނާ ހޮސްޓުކުރާ ވެސް މިއީ ފުރަތަމަ ފަހަރެވެ.
ބެލުންތެރިންގެ ޓްވީޓުތަކަށް ބަލާލާއިރު ޝައިނާގެ މޮޅު ހުށަހެޅުންތެރިކަމުގެ އިތުރަށް ރޭގެ ޝޯގައި އޭނާގެ ހެދުން އެޅުމުގެ ސްޓައިލަށާއި މޭކަޕަށް ވެސް ތައުރީފު ކޮށްފައިވެ އެވެ. ކުރީގެ ހިންދީ ޑްރާމާއެއް ކަމަށްވާ "ކަޝިޝް" ގެ ބަތަލާ ކަޝިޝް އާއި ޝައިނާ ވައްތަރުކަމަށް ވެސް ޓުވިޓާގައި ވާހަކަ ދެކެވުނެވެ.
ރޭގެ ޝޯގައި ވަނީ އައިޑޮލްގެ ބައިވެރިއެއް ކަމަށްވާ މުރުޝިދުގެ އުފަންދު ވަސް ފާހަގަކޮށްފަ އެވެ.
ރޭގެ އެލިމިނޭޝަން ޝޯގައި ބައިވެރިން ލަވަ ހުށަހެޅީ ކޮންމެ ދެ ބައިވެރިޔަކު އެއްކޮށެވެ. ބައިވެރިންގެ ހުށަހެޅުންތަކުގެ ތެރެއިން ގިނަ ބަޔަކަށް އެންމެ ކަމުދިޔައީ މައީޝާ އަދި މުނާޒް ހުށަހެޅުމެވެ. އެ ދެބައިވެރިން ހުށަހަޅައި ދިނީ އަލީ ރަމީޒް އަދި ޝިފާ ތައުފީގު ކިޔާފައިވާ ލަވަ "އަބަދު ތިޔަ ލޯބި ކާލާ ދޭނަންހޭ" އެވެ. މީގެ އިތުރުން މުރުޝިދު އަދި ރައިހާން ހުށަހަޅާދިން އަންތަރީސް ބޭންޑުގެ "ފެނި ފަތިހު ފިނި" ލަވަ ފާހަގަކޮށްލެވެ އެވެ.
ޕިއާނޯ ރައުންޑުގެ ދެ ވަނަ ބުރު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭގަ އެވެ. އެ ބުރުގައި ޕިއާނޯ ރައުންޑަށް ދަތުރުކުރި ބާކީ ތިބި އަށް ބައިވެރިން ހުށަހެޅުންތަށް ފެނިގެންދާނެ އެވެ. އެ ބައިވެރިންގެ ތެރެއިން ވެސް ހަ ބައިވެރިޔަކު ހޮވާ މިރޭ ކާމިޔާބުވި ހަ ބައިވެރިންނާއެކު ޖުމްލަ 12 ބައިވެރިން ގާލާ ރައުންޑަށް ދަތުރުކުރާނެ އެވެ.
އަންނަ ހަފްތާގައި ލަވަ ހުށަހަޅާދޭނެ ބައިވެރިންނަކީ ސައިނާ، ތަސްލީމް، ޝަމީލް، ނައުޝާ، ސަލްވާ، ޝަހްދާން، ނާޒިހް، އަދި އިޝާން އެެވެ.