މިސްރު

ސައުދީއަށް ދެ ރަށް ދިނީ ރަނގަޅަށް: މިސްރުގެ ސުޕްރީމްކޯޓް

މިސްރުގެ ބާރުގެ ދަށުގައި އޮންނަ ދެ ރަށެއް ސައުދީ އަރަބިއްޔާއާ ހަވާލު ކުރަން އެ ގައުމުގެ ސަރުކާރުންނާއި ޕާލަމެންޓުން ނިންމާފައި ވަނީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

ގަލްފު އޮފް އަގަބާއިން ރަތްކަނޑަށް ނުކުންނަ ތިރާން ކަނޑު އޮޅީގެ އަނގަ މައްޗަށްވާ ގޮތަށް އޮންނަ ތިރާން ނަމަކަަށް ކިޔާ ޖަޒީރާ އާއި އެރަށުގެ ކައިރީގަައިވާ ސަނާފިރު ނަމަކަށް ކިޔާ ޖަޒީރާ ސައުދީ އާ ހަވާލު ކުރަން މިސްރު ސަރުކާރުން ނިންމީ މިދިޔަ 2017 ވަނަ އަހަރުގެ ޖުލައި މަހު އެވެ. ސަރުކާރުގެ އެ ނިންމުމަށް މިސްރުގެ ޕާލަމެންޓުން އޭރުގައި ރުހުން ދިނެވެ. ނަމަވެސް އެކަމާ ދެކޮޅު ހަދާ ފަރާތްތަކުންް އެ މައްސަލަ ކޯޓަށް ވެއްދުމުން މިސްރުގެ ދަށު ކޯޓުތަކުން ނިންމީ އެ ދެރަށް ސައުދީއަށް ދިނުން މިސްރުގެ ގާނޫނު އަސާސީއާ ހިލާފު ކަމަށެވެ.

އެ ނިންމުންތައް ބަލައި ނުގަނެ މިސްރު ސަރުކާރުން އެ މައްސަލަ ވެއްދީ ސުޕްރީމް ކޯޓަށެވެ. އެކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ ސައުދީއަށް އެ ދެރަށް ހަވާލު ކުރަން ސަރުކާރުން ނިންމި ނިންމުން ގާނޫނު އަސާސީއާ ހިލާފުނުވާ ކަމަށެވެ. އަދި ނިންމުމަށް ރުހުން ދިނުން ނުވަތަ ނުދިނުން އެއީ މިސްރުގެ ޕާލަމެންޓަށް އޮތް ކަމެއް ކަމަށް ވެސް ހުކުމުގައި ބުންޏެވެ.

މިސްރު ޕާލަމެންޓުން ވަނީ ދެރަށް ސައުދީއަށް ދޭން ރުހުން ދީފަ އެވެ.

މިސްރު ސަރުކާރުން ބުނަމުން އަންނަނީ ތިރާންއާއި ސަނާފިރަކީ އަސްލުގައި ސައުދީގެ ދެރަށް ކަމަށާއި އެ ދެރަށް މިސްރުން ކުއްޔަށް ނެގީ 1950 ގެ އަހަރުތަކުގައި ކަމަށެވެ. އެ ދެރަށް ސައުދީއަށް ދޭން މިސްރުން އެއްބަސްވީ ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބުދުލް ޢަޒީޒު އަލް ސަޢުދު މިސްރަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ.