ހަބަރު

ދެ ކަންފަތުގައި އަތް ނާޅާ ވަރެއްތަ؟

މަތީގައި އެވާ ފޮޓޯއަށް ބަލާށެވެ. ދެ ކަންފަތުގައި އަތް އަޅައިގެން މަގުމަތީގައި އހުރީ ކުޑަ ކުޑަ ލޯބި އަންހެން ކުއްޖެކެވެ؛ އެ ކުޑަ ކުއްޖާގެ މޫނު މަތިން ފެންނަނީ މާޔޫސްކަމާއި ކަންބޮޑުވުމާއި ބިރުގަތުމެވެ. އެ މައުސޫމް މޫނު ހާމަކޮށް ދެނީ މިހާރު ގައުމު އޮތް ހާލަތެވެ. ވެއްޓެމުންދާ އަނދަވަޅެވެ. މީހުން ތިބި ހިސާބެވެ. މި ހިސާބުން ދެލޯ މަރާލާ ނުލެވޭނެ ހެއްޔެވެ؟ ދެކަންފަތުގައި އަތް ނޭޅޭނެ ހެއްޔެވެ؟

މިދިޔަ ހުކުރު ދުވަހުގެ ހަވީރު އިދިކޮޅު ޕާޓީތަކުން މާލޭގައި އެންމެ ކާރުބާރޫ ބޮޑު މަޖީދީ މަގަށް ނުކުމެ ބޭއްވި އެއްވުން ކުރިއަށް ދިޔަ ވަގުތު، މިހާރު ނޫހުގެ ފޮޓޯގްރާފަރަކު ނަގާފައިވާ ވަރަށް މޮޅު މާނަފުން ފޮޓޯއެކެވެ. ދުއްވުންތަކާއި ބަރުގޮނުގެ ތެރެއަށް ވަދެގަނެ ފެތުރިގަތް މީހުން އަޑު ގަދަކަމާއި ގޮވަމުން ދިޔަ އެއްޗެހީގެ ސަބަބުން އެ އަންހެން ކުއްޖާއަށް އެތައް އަސަރެއް ކުރީ ކަމަށް ވެދާނެ އެވެ. ބިރުގަނެ ހާސްވީ ކަމަށް ވެސް ވެދާނެ އެވެ. ނޫނީ ގޮވި އެއްޗެހިތަކެއް އަޑު އަހާލަން ނުކުރިގެން ކަންފަތުގައި އަތް އެޅީ ކަމަށް ވެސް ވެދާނެ އެވެ.

މި ފޮޓޯއަށް ފަހު މަންމައަކު އެނާގެ ކަންބޮޑުވުން ފާޅުކުރީ މިހެންނެވެ:

"މިހާރު ނުކުރޭ ދަރިން ގޮވައިގެން މަގު މައްޗަށް ނުކުމެލާކަށް، ހަވީރު އާންމު ގޮތެއްގައި އާޓިފިޝަލް ބީޗަށް މި ދަނީ، އެކަމަކު މުޒާހަރާކޮށް ގޮވާ އެއްޗެއްސާއި ގިނަ އަދަދެއްގެ ފުލުހުން މަގުތަކުގައި އުޅޭތީ އޭގެ ނޭދެވޭ އަސަރު ތުއްތު ދަރިންނަށް ކުރާތީ ބޭރަށް ނުނިކުމެ ހުންނަނީ!"

ގައުމަށް އައިސްފައިވާ ބޮޑު ބަދަލާއެކު ކުޑަކުޑަ މާލޭގައި ކޮންމެ ދުވަހަކު މުޒާހަރާ އެވެ. އަޑުގަދަކުރުމެވެ. ހެސް ކިޔާފައި ލަވަ ޖަހައި ނަށަ އެވެ. ފުލުހުންގެ އިންޒާރުތައް އާދެ އެވެ. އިންޒާރުތައް ފުލުހުންނާ ދިމާއަށް ވެސް ދެއެވެ. ފުލުހުން ދުވެ ޕެޕާ ސްޕްރޭޖަހަ އެވެ. ކަރުނަގޭހާ ހަމައަށް ވެސް ދެއެވެ. މީހުން ހައްޔަރު ކުރެ އެވެ. ދުވެ ވެއްޓޭ މީހުންނާއި އޮބައި ގަންނަ މީހުނަށް އަނިޔާވެ އެވެ. އެކި ދިމާއިން އަވަގުރާނަ ގޮވައެވެ. މުޖުތަމައުގެ އާންމު މިންގަނޑާ ހިލާފު ހުތުރު އެއްޗެހި ހަރު އަޑުން ގޮވަ އެވެ. އެ ވީޑިއޯތައް ދައުރު ކުރެ އެވެ. ފުރައްސާރަ ކުރެ އެވެ. ހުތުރު ގޮތް ގޮތަކަށް އުޅެފައި ނުވަތަ އުޅެވިފައި ހުރެއެވެ.

މިއީ ވެސް މިދިއަ ހުކުރު ދުވަހުގެ ރޭ ހިނގި ހާދިސާއެކެވެ؛ ބައްޕާއާއެކު ފުރާވަރުގެ ފިރިހެން ދަރިފުޅު ނުކުތީ ބާޒާރަށެވެ. އެއްޗެއް ގަނެލައިގެން އެނބުރި ގެއަށް ދާށެވެ. އެކަމަކު ދާން ޖެހުނީ ހޮސްޕިޓަލަށެވެ. ބައްޕައާ ވެސް އެކުގަ އެވެ. އެ ދެ ބައިފައިންނަކީ މުޒާހަރާއަށް އެއްވެސް ގުޅުމެއް ނެތް ދެބައިފައިން ކަމަށްވިޔަސް ޕެޕާ ސްޕްރޭގެ އަސަރުން އެޑްމިޓްވާން ޖެހުނީ އެވެ. އެ ދަރިފުޅަށް ކުރީ ނުވަތަ ކުރާނީ ކޮން ކަހަލަ އިހްސާސްތަކެއް ހެއްޔެވެ؟

މިފަދަ ކަންކަމުގެ އިލްޒާމް ސިޔާސީ ފަރާތްތަކުން ދަނީ އެކި ދިމާދިމާލުގައި އަޅުވަމުންނެވެ. އިދިކޮޅަށް ނިސްބަތްވާ މީހުންގެ ފާޑުކިޔުން ފުލުހަށާއި ސަރުކާރަށެވެ. ސަރުކާރުގެ ފާޑުކިޔުން މުޒާހަރާކުރާ މީހުންނަށެވެ. ފާޑުކިޔުންތަކާއެކު ފަޅައިގެން އައި އެންމެ ބޮޑު ސުވާލަކީ މުޒާހަރާކުރަން މަޖީދީ މަގަށް ދަނީ ކީއްވެ ހެއްޔެވެ؟

"އަހަރެންގެ ފިހާރަ މި ހުންނަނީ މަޖީދީ މަގުގަ، އެންމެ ގިނައިން މީހުން އެއްވެ މި ތިބެނީ ފިހާރަ ދޮށުގަ، ފުލުހުން މީހުން ކޮށްޕާ މަންޒަރު މި ފެންނަނީ މި ސަރަހައްދުން، އެހެންވެ ޖެހިލުންވެގެން ވެސް މީހަކު ފިހާރަ ދޮށަށް ގާތް ނުވޭ، މިފަދަ ރޭރޭ ފިހާރަ ލައްޕަން މި ޖެހެނީ ހުސް އަތާ،" ވިޔަފާރިވެރިޔަކު އޭނާގެ ކަންބޮޑުވުން ފާޅުކުރި އެވެ.

އެކަމަކު ހައްގުތައް އޮތީ ހަމައެކަނި މަޖީދީ މަގުގައި ދަތުރުކުރާ މީހުންނަށާއި ވިޔަފާރިވެރިންގެ ނޫން ކަމަށް އިދިކޮޅުގެ އިސް ބޭފުޅަކު ވިދާޅުވި އެވެ. ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމަކީ ވެސް ގާނޫނު އަސާސީއިން ލިބިދީފައިވާ ހައްގަކަށްވާއިރު އެ ހައްގުގެ ބޭނުން ވެސް ހިފެން ޖެހޭނެ ކަމަށް އެ ބޭފުޅާ ވިދާޅުވި އެވެ.

އެކަމުގެ ރައްދަކަށް ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވީ، އެ ހައްގުގެ ބޭނުން ހިފުމަށް ކާނިވާ ސަރަހައްދު ކަނޑައަޅާފައިވާ ކަމަށެވެ. އެ ތަނުގައި މުޒާހަރާ ކުރެވޭނެ ގޮތް ހަދާފައިވަނީ އާންމުންގެ އާންމު ދިރިއުޅުމަށް އެއްވެސް ބުރުލެއް ނާރުވައި ހިޔާލު ފާޅުކުރުމުގެ ހައްގު ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ކަމަށެވެ. ކުޑަ އަންހެން ކުދިންގެ މާޔޫސް މޫނުތަކާއި ޕެޕާ ސްޕްރޭގައި ޖެހި ފުރާވަރުގެ ކުދިންނަށް ފަރުވާ ދޭން ޖެހޭ މަންޒަރުތައް ނުފެންނާނެ ކަމަށެވެ.

އެކަމަކު އިދިކޮޅު ފަރާތްތައް މިއާ މުޅިން ހިލާފެވެ. އެމީހުން ދެކޭ ގޮތުގައި އެ މަންޒަރުތައް ނުފެންނާނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމިގެނެވެ. ވެރިކަން ނިމުމުން މިހާރު އޮތް ހާލަތުން އަރައިގަނެވޭނެ އެވެ. ގައުމު އަމާން އައްސޭރިއަކަށް ދާނެ އެވެ.

ސިޔާސީ ހަލަބޮލިކަމުގައި ގައުމުގައި ކެކޭތާ މިހާރު އެތައް އަހަރެއްވީ އެވެ. ރައީސް މައުމޫނުގެ ސަރުކާރާ ދެކޮޅަށް ބަޔަކު މަގު މައްޗަށް ނުކުތް ގޮތަށް އަދިވެސް މަގުތަކުގައި ހުއްޓުމެއް ނެތް މުޒާހަރާތައް ދަނީ ކުރަމުންނެވެ. މީހަކަށް ކުޑަކުއްޖަކަށް މުސްކުޅިއަކަށް ބެލުމެއް ނެތެވެ. އިދިކޮޅު ލީޑަރުން ވެސް ގޮވާލަނީ ފައިއިނދޭ ފުރައިން މަގަށް ނުކުރުމަށެވެ.