ހަބަރު

ފާރިސްގެ އަޑުއެހުން ކެންސަލްކޮށްފި

މިއަދަށް ތާވަލުކުރި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ. މިއަދު މެންދުރުފަހަށް ތާވަލުކުރީ ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަހުސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުމެކެވެ.

ފާރިސްގެ އަޑުއެހުން ކެންސަލްކުރި ސަބަބެއް ސާފެއް ނުވެ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ފަހުން ފާރިސްގެ ޝަރީއަތްތައް ވަނީ މަޑުޖެހިފަ އެވެ. އޭގެ ފަހުން އެއްވެސް ވަރަކަށް ފާރިސް ކޯޓަށް ހާޒިރުކޮށްފައެއް ނުވެ އެވެ.

މިއަދަށް ތާވަލުކުރި އަޑުއެހުމަކީ ދިފާއުގައި ހުށަހަޅާފައިވާ 47 ހެކީންގެ ތެރެއިން ހާޒިރު ކުރާނެ ހެކިންނާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ތާވަލުކުރި އަޑުއެހުމެކެވެ. ޕީޖީއިން ވަނީ ދިފާއީ ގިނަ ހެކިން ހާޒިރުކުރުމަށް އިއުތިރާޒުކޮށްފަ އެވެ.

ފާރިސް މިހާރު ހުންނެވީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް ހައްޔަރުކޮށްފަ އެވެ. އޭގެ އިތުރުން ރިޝްވަތު އިތުރު ދެ ތުހުމަތެއް ވެސް ފާރިސްއަށް ކުރެ އެވެ. އޭގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދީގެން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން އުޅުނު ކަމަށް ބުނާ މައްސަލާގެ ޝަރީއަތް ވެސް ވަނީ ފަށާފަ އެވެ.