މާލޭގައި ހުރި އެންމެ ޒަމާންވީ އެއް ހޮޓާ ކަމަށްވާ ނަސަންދުރާ ބަންދު ކުރުމުގެ ގޮތުން އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ނޯޓިސް ދީފި އެވެ.
"އަވަސް" އަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އަންނަ މަހުގެ 28 ވަނަ ދުވަހު ނަސަންދުރާ ބަންދު ކުރަނީ އެތަނުގައި 10 ބުރީގެ ހޮޓަލެއް އެޅުމަށެވެ.
ނަދަސްދުރާ ހިނގާ ގެލެކްސީއެންޓަޕްރައިސަސްއިން ހިންގަމުން އަންނަ އެ ހޮޓަލުގެ އެއް ޑިރެކްޓަރު ކަމަށްވާ މުހައްމަދު ނިމާން މިއަދު ވިދާޅުވި ގޮތުގައި ހޮޓާ ބަންދު ކުރުމާ މެދު އަދި ފައިނަލް ގޮތެއް ނުނިންމާ ކަމަށެވެ.
"ބަންދު ކުރުމާމެދު ފައިނަލް ގޮތެއް ނުނިމޭ. ނަމަވެސް ބުކިންތައް ނެގުން މިހާރު މިވަނީ ހުއްޓާލާފަ. މިހާރު ބުކިން ނުނަގާ،" ނިމާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހޮޓާ ބަންދު ކުރުމަށް މުވައްޒަފުންނަށް ތިން މަސް ދުވަހުގެ ނޯޓިސް ދީފައިވާ ކަމަށެވެ.
"މިކަމަށް ފައިނަލް ޖަވާބެއް އަޅުގަނޑުމެންނަށް ދެވޭނެ ޖެނުއަރީ ކުރީކޮޅު،" ނިމާން ވިދާޅުވި އެވެ.
ނަސަންދުރާ ޕެލަސް ހޮޓެލްގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނި ގޮތުގައި އެ ހޮޓާ ބަންދު ކުރުމުގެ ގޮތުން ތިން މަސް ދުވަހުގެ ނޯޓިސް ދީފައިވާ ކަމަށެވެ.
"މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ ނޯޓިސް ދިން ތާ. އަޑުއިވިފައި އޮތީ 2017 ވަނަ އަހަރު އާ ހޮޓަލެއް ހުޅުވާ ވާހަކަ،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި މުވައްޒަފެއް ބުންޏެވެ.
އެހެން މުވައްޒަފަކު ބުނި ގޮތުގައި އެ މީހުންނަށް ދިން ނޯޓިސްގައި އަލަށް ހޮޓާ ހުޅުވުމަށްފަހު ވަޒީފާ ހަމަޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
"ހޮޓާ ބަންދު ކުރުމާ ހަމައަށް އެންމެ ފަހު ވަގުތު މަސައްކަތުގައި ތިބޭ މުވައްޒަފުންނަށް ނޯޓިސްއެއް ލިބޭނެ ކަމަށް ވެސް ބުނެފައިވޭ. އެފަދަ މުވައްޒަފުންނަށް އާ ހޮޓަލުން ވަޒީފާ ދިނުމުގައި އިސްކަން ދޭނެ ކަމަށް ވެސް ބުނެފައިވޭ،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި މުވައްޒަފެއް ބުންޏެވެ.
ނަސަންދުރާ ޕެލަސް ހޮޓެލް 2010 ވަނަ އަހަރުން ފެށިގެން ހިންގަމުން ގެންދަނީ ގެލެކްސީ އެންޓަޕްރައިސަސްއިންނެވެ. މި ހޮޓަލަކީ ރާއްޖެއަށް އަންނަ މެދު ފަންތީގެ ޓޫރިސްޓުންގެ މެދުގައި މަޝްހޫރު ހޮޓަލެވެ. މި ހޮޓަލުގައި ޓޫރިސްޓުން މަޑު ކުރުމުގެ އިތުރުން ގިނަ ޕާޓީތަކެއްވެސް ބާއްވަ އެވެ.