ހަބަރު

ކައްފާރާ މައްސަލާގައި ނިހާން: "އެނގިގެން ދިޔައީ ދީނާ ދުރުކަން"

ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ، އަދުރޭ އާއި ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކަށް ރައްދުކޮށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ބޭނުން ކުރެއްވި "ކައްފާރާ" ފާޑުވިދާޅުވުމަށް އެ ދެ ބޭފުޅުން ރައްދު ދެއްވައިފި އެވެ.

ހަސަން މިގޮތަށް އެ ދެ ބޭފުޅުންނަށް ފާޑުވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މުޅި މާލިއްޔަތު ހަރަދުކޮށްގެން ވެސް އަދުރޭ އާއި ނިހާން އެ ޕާޓީއަށް ނުގެންދެވޭނެ ކަމަށް އެ ދެ ބޭފުޅުން ވަރަށް ފަހުރާއެކު ވިދާޅުވެފައިވާތީ އެކަމަށް އިޝާރަތް ކުރައްވާ އެވެ.

"އެ ބޭފުޅުން ކޮންމެ ތަނެއްގައި ތިއްބެވިޔަސް ޔަގީންވާ ކަމަކީ އެ އިން އެއް ބޭފުޅަކަށް ވެސް ރައީސް ޔާމީން މިހާރު 'ޓްރަސްޓް' ނުކުރައްވާނެކަން، އެ ބޭފުޅުން އެ ދައްކަވާ ވާހަކަ އެ ދައްކަވަނީ އުޅުއްވިފަ ތިއްބެވި ގޮތުން ދައްކަން ޖެހޭ ކައްފާރާގެ ގޮތުގަ ދައްކަންޖެހޭ ވާހަކަ،" ހަސަން ވިދާޅުވި އެވެ.

މިއަދު ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން އެކަމަށް އިޝާރަތް ކުރައްވާ ވިދާޅުވީ، ކައްފާރާއަކީ ކޮން އެއްޗެއްކަން ހަސަން ލަތީފަށް އެނގިނުލައްވާނަމަ ދިވެހި ބަހުގެ ރަދީފު ބަލައިލުން ނުވަތަ ދީނީ އިލްމްވެރިޔެއް ގާތުން އޮޅުންފިލުވުން ރަނގަޅުވާނެ ކަމަށެވެ.

"މި މީހުން ދީނާ ދުރު މިންވަރު މި އެނގެނީ، އަނގަ ހުޅުވާލިޔަސް މި ދުވަނީ ލާދިނީ ވަސް، ވާހަކައެއް ދައްކާއިރު ބަލާލަން ވެސް ވާނެ އެކަމެއް ގުޅޭ މިންވަރަކަށް ވެސް،" ނިހާން ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ އެ ބޭފުޅުން ނޫސްވެރިންގެ ބައްދަލުވުމުގައި ދައްކަވާ ވާހަކަތަކަކީ ހެއްކާއެކު ދައްކަވާ ވާހަކަތަކެއް ކަމަށެވެ. ދިރާސާކުރުމެއް ނެތި އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށެވެ. އިދިކޮޅު އެ ބޭފުޅުން އެ ނޫސްވެރިންގެ ބައްދަލުވުންތަކަށް އެހާ ސަމާލުކަން ދެއްވާތީ އުފާ ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.