ހަބަރު

އަދުރޭގެ އިސްލާހަށް ގާސިމް: "ތީ ޖުޑިޝަރީ ނޮޅާ ކެއުން ފަދަ ކަމެއް"

ފަނޑިޔާރުންގެ ގާނޫނަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލް ރަހީމް އަބްދުﷲ، އަދުރޭ އިސްލާހު ހުށަހަޅުއްވާފައިވާތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފާޑުވިދާޅުވެއްޖެ އެވެ.

އަދުރޭ ހުށަހަޅުއްވާފައިވަނީ ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ)ގެ 4 ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކުރުމަށެވެ. ނަމަވެސް އިތުރުކުރަން ބޭނުންވާ ނަންބަރުގެ ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ. އެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ)ގައި ބަޔާން ކުރަނީ ފަނޑިޔާރުކަމަށް އައްޔަންކުރާ މީހާގެ ކިބައިގައި ހުންނަން ޖެހޭ ސިފަތަކެވެ.

އެކަމާ ގުޅިގެން ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކޮށް ސުޕްރީމް ކޯޓު ހިސޯރުކުރުމަށްފަހު އެގޮތް ނޫން އަނެއް ގޮތަކުން ހިސޯރުކުރި ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެނައުމަކީ ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށެވެ.

"އެވާނީ އުފެދުމުގައި ވެސް ބާތިލު ކަމަކަށް، އަދި އެއީ ޖުޑިޝަރީ ނޮޅާ ކެއުން ފަދަ ކަމެއް،" އަދުރޭގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ގާސިމް އިބްރާހިމް ވިދާޅުވި އެވެ.

އަދުރޭ ހުށަހަޅާފައިވާ އިސްލާހާ ގުޅޭ ގޮތުން އަވަސްއަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ޕީޖީގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވެފައިވަނީ އިތުރު ކުރަނީ ފަނޑިޔާރުންގެ މުހިންމު ޝަރުތަކެއް ކަމަށެވެ. އެ ގާނޫނަށް ގެންނަ އިސްލާހަކީ އެއްވެސް ކޯޓެއްގެ ބެންޗަށް ބަދަލުތަކެއް ގެންނަން ހުށަހަޅާ އިސްލާހެއް ނޫން ކަމަށެވެ. އިސްތިއުނާފީ މަރުހަލާތަކުގައި ފަނޑިޔާރުން މަގާމުން ވަކިނުކުރެވޭ ގޮތަށް އޮންނަ އޮތުން ފަދަ ކަންކަން މި އިސްލާހާއެކު ހައްލުވެގެން ދާނެ ކަމަށެވެ.

ފަނޑިޔާރުންގެ ގާނޫނަށް ޕީޕީއެމްއިން އިސްލާހު ހުށަހަޅާފައިވާއިރު ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ނެރުނު އަމުރާ ގުޅިގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާލު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ދެ ބޭފުޅުންނަށް ރިޝްވަތު ހިފައިގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު ކުރެ އެވެ.

އޭގެފަހުން ސަރުކާރުގެ އިސް ބޭފުޅުންނާއި ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ އެ ދެ ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.