ވިޔަފާރި

ބްރޭންޑްތަކާއެކު ގިނަ ރިސޯޓްތަކެއް ހުޅުވުމުގެ މަގުމަތީގައި

މި ދައުރުގައި 50 ރިސޯޓު ހުޅުވުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އަދި މި އަހަރު އެކަނި 24 ރިސޯޓެއް ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. މި ރިސޯޓުތަކު ތެރޭގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުން ހިންގާ ރިސޯޓުތައް ހިމެނެ އެވެ.

ތިރީގައި އެވަނީ އެންމެ އަވަހަށް އޭގެތެރެއިން ހުޅުވާނެ ބައެއް ރިސޯޓުތަކެވެ.

ސިއްރު ފެންފުށި

ށ. ގާކޮށިބީގައި ތަރައްގީ ކޮށްފައިވާ "ސިއްރު ފެންފުށި" ރިސޯޓަކީ މަތީ ފަންތީގެ ރިސޯޓެކެވެ. ގާތްގަނޑަކަށް 100 މިލިއަން ޑޮލަރުގެ އަގު ބޮޑު މި ރިސޯޓު 120 ލަގްޒަރީ ވިލާގެ ތަރައްގީ ކޮށްފައިވާއިރު މި ރިސޯޓު މި އަހަރުގެ އެޕްރީލްމަހު ހުޅުވާނެ އެވެ، މިތަނުގައި ދުނިޔޭގެ ފުރަތަމަ ކަނޑު އަޑީގެ "ސްކަލްޕްޗާ" މިއުޒިމް ހުންނާނެ އެވެ.

ލަކްސް މާލެ އަތޮޅު

ރާއްޖޭގައި މިހާރު ވެސް ރިސޯޓެއް ހިންގަމުން ގެންދާ "ލަކްސް" އިން ކ. އޮޅުވެލީގައި ތަރައްގީ ކުރާ ރިސޯޓުގައި 67 ޕެންޓް ހައުސް ހުރެ އެވެ. އަދި ރޫފްޓޮޕް ބާ އާއި ސުވިމިން ޕޫލް އަދި މިނޫން ވެސް ގިނަ ހިދުމަތް ހިމެނޭ މި ރިސޯޓް ވެގެންދާނީ ހިތް ގައިމު ރިސޯޓަކަށެވެ.

މޫވްއެންޕިކް ކުރެދިވަރު

ފިލްމްތަކުން ފެންނަ ފަދަ "ހުވަފެނީ" ހޮޓަލެއް މޫދު އަޑީގައި ހަދާދައިވާ ށ. ކުރެދިވަރު ވެސް ވަނީ ހުޅުވަން ތައްޔާރުވެފަ އެވެ. ޕޮލެންޑުގެ ކުންފުންޏެއް ކަމަށްވާ ޑީޕްއޯޝަން ޓެކްލޮޖީސް އިން ރާއްޖޭގެ ޒެން ރިސޯޓު އެޓް ކުރެދިވަރުގައި ހަދާ ހޮޓަލަކީ މޫދު އަޑީގައި މި ގޮތަށް ދުނިޔޭގައި ވެސް ހަދާ ފުރަތަމަ ހޮޓަލަށްވާނެ އެވެ. މި ހޮޓަލުގެ އަގު އެކަނި ވެސް 50 މިލިއަން ޑޮލަރަށް އަރަ އެވެ. މި ރިސޯޓު ހިންގާނީ މަޝްހޫރު ހޮޓެލް ޗެއިން މޫންއެންޕިކް ހޮޓެލްއިންނެވެ.

ބަގްލިއޯނީ މޯލްޑިވްސް

ދ. އަތޮޅުގައި އިޓަލީގެ މަޝްހޫރު ޓޫރިޒަމް މަރުކާ "ބަގްލިއޯނީ ހޮޓެލްސް" ގެ ފުރަތަމަ ރިސޯޓް ވެސް މި އަހަރު ހުޅުވާނެ އެވެ. ދ. މާގުގައި ތަރައްގީ ކުރަމުން ގެންދާ 99 ވިލާގެ މި ރިސޯޓުގައި މޫދު ކޮޓަރިތަކާއި ބީޗް ކޮޓަރިތައް ހުރެ އެވެ. މީގެ އިތުރުން މި ރިސޯޓު ފަރުމާކޮށްފައިވަނީ 870 ސްކެއާ މީޓަރުގެ ޕްރެޒިޑެންޓަސް ތިން ވިލާވެސް ހުންނާނެ އެވެ. ޕްރެޒިޑެންޓަލް ވިލާތައް ފަރުމާކޮށްފައިވަނީ ޕްރައިވެޓް ޕޫލާއި ޖަކޫޒީ ވެސް ހުންނަ ގޮތަށެވެ. މި ރިސޯޓުގައި ތިން ރަހައެއްގެ ރެސްޓޯރެންޓް ހުރެ އެވެ. މި ތަންތަނުން އިޓަލީގެ ހަރަތަކާއި އިންޓަނޭޝަނަލް ފުޑް އަދި ޖަޕާނުގެ ރަހަތައް ހިމެނެ އެވެ.

ކަޕެޑިއަމް ބީޗް ރިސޯޓް

ރ. ހުރުވަޅީގައި ތަރައްގީ ކުރާ، ކަޕެޑިއަމް ބީޗް ރިސޯޓް އެންޑް ސްޕާ ހުޅުވަން ހަމަޖެހިފައި އޮތީ މި އަހަރުގެ ޖޫން މަހު އެވެ. މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ އާމިރު މަންސޫރުގެ ކުންފުންޏެއް ކަމަށްވާ ކަޕެޑިއަމް ކުންފުނިން ހުޅުވާ ކަޕެ ޑިއަމް ބީޗް ރިސޯޓަކީ 115 ޕޫލްވިލާއާ އެކު ހުޅުވާ ރިސޯޓެކެވެ. ކެޕެޑިއަމް ބީޗް ރިސޯޓު ތަރައްގީ ކޮށްފައިވަނީ ޔުނެސްކޯއިން ހިމާޔަތް ކޮށްފައިވާ ބ. އަތޮޅުން ފުރައިގެން ސްޕީޑް ލޯންޗެއްގައި 15 މިނެޓުން ދެވޭ ހިސާބުގަ އެވެ.

ކުޑަދޫ ޕްރައިވެޓް އައިލެންޑް

ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑް ބައި ހުރަވަޅި ފަނަރަ މޫދު ވިލާއާއެކު ހުޅުވުމުގެ މަސައްކަތް ފަށައިފި އެވެ. ޅ. އަތޮޅުގައި މޫދު އަޑީގެ ރެސްޓޯރެންޓަކާއެކު، ރިސޯޓު ހިންގަމުން ގެންދާ ހުރަވަޅި މޯލްޑިވްސްގެ، ކުޑަދޫ ޕްރައިވެޓް އައިލެންޑަކީ މިހާތަނަށް ރާއްޖޭގައި ތަރައްގީކުރާ އެންމެ ފެންވަރު މަތީ ޕްރައިވެޓް އައިލެންޑަށްވާނެ އެވެ. މި ރިސޯޓުވެސް މި އަހަރު ހުޅުވާނެ އެވެ. ރިސޯޓުގައި ހަދާފައިވާ މޫދު ވިލާތަކަކީ އެއް ކޮޓަރިއާއި ދެ ކޮޓަރީގެ ތަންތަނެވެ. މިތަން ނަގާ މީހުންނަށް ބަޑްލާ ސާވިސް ވެސް ލިބެ އެވެ. އަދި މި ވިލާތަކުގައި ޕްރައިވެޓް ޕޫލް ވެސް ހުރެ އެވެ.

ޕުލްމަން މާމުޓާ

ސިންގަޕޫރުގެ ކިޔޮން ހޮންގް ކުންފުންޏާއި ޕްރެސްޓީޖް އިންވެސްޓްމަންޓް ގުޅިގެން އުފައްދާފައިވާ ކިޔޮން ހޮންގް ހޯލްޑިންގް ކުންފުނިން ތަރައްގީކުރާ ޕުލްމަން މޯލްޑިވްސް މާމުޓާވެސް މި އަހަރު ހުޅުވާނެ އެވެ. މާމުޓާ ރިސޯޓަކީ 120 ވިލާގެ ރިސޯޓެކެވެ.

ސެންޓާރާ ގްރޭންޑް މުތާފުށި

ތައިލެންޑުގެ އެންމެ ބޮޑު ހޮޓެލް ޗެއިން ސެންޓާރާއިން ހިންގާ ބ. މުތާފުށި ވެސް މި އަހަރު ހުޅުވާނެ އެވެ. މޫދު އަޑީގެ ރެސްޓޯރެންޓަކާއި ފްލޯޓިން ސިނަމާއެކާއެކު ހުޅުވާ މި ރިސޯޓުގައި 24 އެއްގަމު ވިލާ އާއި 77 މޫދު ވިލާ ހުންނާނެ އެވެ. އަދި މިތަނުގައި މޫދު އަޑީގެ ރެސްޓޯރެންޓެއްގެ އިތުރުން ފްލޯޓިން ސިނަމާއެއް ވެސް ހުންނާނެ އެވެ. މީގެ އިތުރުން ތައި ސްޕާ ސެންޓަރަކާއި ފިޓްނަސް ސެންޓަރެއް ވެސް ހިމެނެ އެވެ.

ޗަތްވަލް މާގާ މޯލްޑިވްސް

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ޑްރީމް ހޮޓެލް އިން ރާއްޖޭގައި ހުޅުވާ ޗަތްވަލް މާގާ މޯލްޑިވްސްގައި 80 އަލްޓްރާ ލަގްޒަރީ ވިލާ އާއި ހަ ބީޗު ވިލާ އަދި ދެ ފްރެޒިޑެންޝަލް ވިލާ ހުންނާނެ އެވެ.

ހާޑްރޮކް ހޮޓެލް މޯލްޑިވްސް

މާލެ އަތޮޅު އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީކުރާ ރިޒޯޓްތަކުގެ ތެރޭގައި ހިމެނޭ އެއް ރިޒޯޓްކަމަށްވާ ހާޑްރޮކް ހޮޓެލް މި އަހަރުގެ އޮކްޓޯބަރު މަހު ހުޅުވާނެ އެވެ. އެމެރިކާގެ "ހާޑްރޮކް އިންޓަނޭޝަނަލް" ހިންގާނެ މި ރިޒޯޓުގައި 178 ކޮޓަރި ހުންނާނެ އެވެ. މި ރިޒޯޓާއެކު މަޝްހޫރު ހާޑްރޮކް ކެފޭގެ ރާއްޖޭގެ ފުރަތަމަ އައުޓްލެޓް އެނބޫދޫ ފަޅުގައި ހުޅުވިގެންދާނެ އެވެ.

ގްރެން މޭލިއާ މޯލްޑިވްސް

ތ. އަތޮޅުގައި އަރަބް ހޮޓެލް އިންވެސްޓްމަންޓް ކޮންފަރެންސް (އޭއެޗްއައިސީ) ކުންފުނިން ތަރައްގީ ކޮށްފައިވާ ގްރެން މޭލިއާ މޯލްޑިވްސްގައި 95 ޕްރައިވެޓް ވިލާ އާއި ތިން ރެސްޓޯރެންޓް އަދި އެހެނިހެން ވަސީލަތްތައް ހުންނާނެ އެވެ.

ވާލްޑޮފް އެސްޓޯރިއާގެ ރިސޯޓް

މަޝްހޫރު ހޮޓެލް ޗެއިން ހިލްޓަންގެ ވާލްޑޮފް އެސްޓޯރިއާ ހޮޓެލްސް އެންޑް ރިސޯޓު ބްރޭންޑްގެ ތިން ރަށް ހިމެނޭ، މި ރިސޯޓު ހުޅުވާނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. މާލެ އަތޮޅު އިތާފުށީގެ ފަޅުން ބައެއް ހިއްކައިގެން ހަދާ މީގެ ކޮންމެ ރިސޯޓެއްގައި 130 ކޮޓަރި އާއި 10 ރެސްޓޯރަންޓާއި ކެފޭ އަދި ބާތައް ހުންނާނެ އެވެ.